ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުން ކަންބޮޑުވާ މިންވަރެއްގައި!

ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ފަރާތުން ކޮންމެ މަހަކު އާންމު ކުރަމުންދާ އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.

އޭގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިންސީ އަނިޔާގެ މައްސަލަ ތަކެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 418 މައްސަލައެއް ހުށަހެޅިފައިވާއިރު މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކުއްޖެއްގެ ރޭޓެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ކޮންމެ މަހެއްގައި ވެސް އެވްރެޖްކޮށް 30 އާއި 50އާ ދެމެދުގެ އަދަދަކަށް ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ދެން އެންމެ ގިނައިން ހުށަހެޅެނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

އެގޮތުން މިދިޔަ އަހަރު ޖިސްމާނީ އަނިޔާގެ 354 މައްސަލަ އަކާއި ނަފްސާނީ އަނިޔާގެ 181 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.

comment ކޮމެންޓް