އަހަރެން ފިކުރާވި އިސްލާމްދީން: އެކަކަށްވެސް ވަންހަނާނުކުރާ ފޮތް

މައްކާގެ މަސްޖިދުލް ހަރަމްގައި --

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

މާތް ޤުރުއާނުގެ ހުރިހައި އާޔަތްތަކަކީވެސް ﷲ ބާވައިލެއްވި އާޔަތް ތަކެކެވެ. ނަމަވެސް

  • ވެދުގައި ވަނީ ކަލާނގެކިބަފުޅަށް އިންސާނުން ކިޔައިފައިވާ ސަނާގެ ލަވަތައް ޝާމިލުވެފައެވެ.
  • ތައުރާތުގައި ވަނީ ބަނީއިސްރާއީލުގެ ތާރީޚާއި ނަބީބޭކަލުންގެ ވަޢުޡާއި ނަސޭހަތްވެސް ހިމަނައިފައެވެ.
  • އިންޖީލުގައި ތާރީޚުވެސް އެކުލެވެއެވެ. ނަބީބޭކަލުންނާއި، މުސްލިޙުންގެ ވަޢުޡާއި ނަސޭހަތްވެސްވެއެވެ.

އެކަމަކު ކުރީންވެސް ދަންނަވަމުން އަންނަ ފަދައިން އަލްޤުރުއާނުލް ކަރީމުގައި މުޅީންވެސް ހުރީ މާތްﷲ ބާވައިލެއްވި އާޔަތްތަކެވެ. އެއާޔަތްތައް ބާވައިލެއްވީ އިންސާނުންގެ އިސްލާހަށްޓަކައެވެ. އިންސާނުން ޣާފިލުކަމުން ހޭލެއްވުމަށްޓަކައެވެ. އިންސާނުންނަށް ނަސޭހަތްދެއްވުމަށްޓަކައެވެ. އޭގެތެރޭގައި ތާރީޚީ ވާޤިޢާތަކުގެ ވާހަކަވެސް ހިމެނެއެވެ. ނަފުސުތަކާއި އުދަރެސްތަކާމެދު ވިސްނުމަށް ކުރައްވައިފައިވާ އިޝާރަތްތައް ވެސް އެކުލެވެއެވެ. ބުއްދިވެރިކަމާއި ޙިކުމަތްތެރިކަމުން ފުރިއުތުރިއަރާ ނަސޭހަތްޕުޅުތައްވެސް ހިމެނެއެވެ. އެކަމަކު މިހުރިހައި އާޔަތްތަކަކީވެސް މާތްﷲ ބާވައިލެއްވި އާޔަތްތަކެކެވެ. މާތްﷲގެ ނަބިއްޔާ ޞައްލަﷲޢަލައިހި ވަޞައްލަމަގެ ބަސްފުޅެއްވެސް އަދި އެހެންފަރާތެއް އުފެއްދުމެއްވެސް އަލްޤުރުއާނުލްކަރީމުގައި ހިމެނިފައެއްނުވެއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ ވާހަކަ އާއި، ނަސޭހަތުގެ ބަސްފުޅުތަކާއި، އިރްޝާދުގެ ވަޢުޡުތައް ލިޔެވިރައްކާކުރެވިފައިވަނީ މުޅީންވަކީންނެވެ. އޭގެ އެއްވެސް މިންވަރެއް އަލްޤުރުއާނުލްކަރީމުގައި ޝާމިލުވެފައެއްނުވެއެވެ. މިގޮތުން ބަލާއިރު އަލްޤުރުއާނުލްކަރީމު ލިޔެވި ރައްކާތެރި ކުރެވިފައިވަނީ އެހެން އެެއްވެސް އެއްޗަކާ މައްސުނި ކުރެވުމެއްނެތިއެވެ.

އެހެންދީންތަކުގެ ދީނީފޮތްތައްވަނީ ވަކި ޚާއްސަ ގިންތިތަކާއި ފަންތި ތަކެއްގެ މީހުން ކިޔައިއުޅުމަށްޓަކައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ބުރަހްމަނުންނައި، އާޗާރިއްޔާއިންނާއި، ބަކްޝޫންނެވެ.

ވެދުގެ އެއްމާނަޔަކީ ފޮރުވައި ވަންހަނާކުރުމެވެ. މާނައަކީ އެފޮތް އާންމުންނަށް ފޮރުވައި ވަންހަނާ ކުރާންޖެހެއެވެ. މާތްﷲގެ ބަސްފުޅުތަކެއް ކަމުގައިވާނަމަ އެބަސްފުޅުތައްވީހީ އެކަނލާގެ ހުރިހާ އަޅުތަކުންގެގާތަށް ފޮނުއްވި ބަސްފުޅުތަކެއްކަމުގައެވެ. އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. އެއްވެސް އިމްތިޔާޒަކާ ނުލައެވެ. ޚާއްސުންނާއި އާންމުން ހަމަހަމަކޮށެވެ. އެންމެން ކިޔެވުމަށެވެ. އެންމެން ދަސްކުރުމަށެވެ. އެންމެން ޢަމަލުކުރުމަށެވެ. އިންސާނިއްޔަތަށް މިހިދާޔަތުދެނީ ހަމައެކަނި އަލްޤުރުއާނުލްކަރީމެވެ. ހުރިހާ ޒަމާނެއްގައި ހުރިހާ ޤައުމު ތަކަކުން ކީރިތިޤުރުއާނުގެ އެތަކެއްހާސް ހާފިޒުން ފެންނަ ސަބަކީއެއީއެވެ. މި މަތިވެރި އިމްތިޔާޒު ލިބިގެންވަނީ ހުސްއެކަނި އަލްޤުރުއާނުލްކަރީމަށެވެ.

ތާރީޚުން އެނގޭގޮތުގައި ވެދުކިޔެވުމުގެ ނުވަތަ އަޑުއެހުމުގެ ކުށުގައި އެތައްބައެއްގެ މައްޗަށްވަނީ ނިޔާކަނޑައަޅައިފައެވެ. އަދަބުދީފައެވެ. ތުރޫކީތިޔޫ(Thrjokottjyu) ގެފައްޅިދޮށުގައި ވެދުކިޔެވުމުގެ ކުށުގައި ރާމާނަޖަށްވަނީ އަދަބު ދެވިފައެވެ.

ނަމަވެސް އަލްޤުރްއާނުލްކަރީމުގެ އިމްތިޔާޒީ މޮޅުކަމަކީ އެފޮތަކީ މާތްﷲގެ ކަލާމްފުޅުކަން އެފޮތުގައި އިއުލާންކުރާކަމެވެ. އެފޮތްކިޔެވުމާއި، އަޑުއެހުމަކީ އެންމެން ކުރާންޖެހޭ ކަމެއްކަމާއި އެކަން ކުރުމަކީ ޝަރަފުވެރިވުމުގެ ސަބަބެއްކަން އިޢުލާންކުރާކަމެވެ.

އަލްޤުރުއާނުލްކަރީމު އިރްޝާދުދެނީ މާތްﷲ ގެ ކަލާމްފުޅު އަޑުއެހުމަށެވެ. އެހެންމީހުނަށް އެފުރުސަތުދިނުމަށެވެ. އަޑުއިއްވުމަށެވެ. އޭރުން ފަހަރެއްގައި އެމީހުންނަށްވެސް ތެދުމަގު ފެނުމުގެ ނަސީބު ލިބިދާނެކަމުގައެވެ.

ވެދު ޝަރަހަކޮށް މީހުންނަށް ކިޔައިދީ ބަޔާންކޮށްދިން މީހެއްކަމުގައިވާ ޝަންކަރުގެ މަންމަ މަރުވުމުން އޭނާގެ މަންމަގެ އެންމެ ފަހުގެ ރަސްމުތަކުގެ ތެރޭގައި ޝަންކަރު ވަނީ ޖަމާއަތުން ބޭރުކޮށްފައެވެ. އޭނާއާގުޅުން ކަނޑައިފައެވެ. އާދެ، ވެދު ޝަރަހަކޮށްދިނުމުގެ ކުށުގައެވެ. އަނެއްކޮޅުން އަލްޤުރުއާނުލްކަރީމު ހަރުއަޑުފުޅުން ކިޔަވައި ވިދާޅުވުމުން ޢަލީރަޟިޔަﷲޢަންހު އަށް ލިބިވަޑައިގެންނެވީ ބާބުލް ޢިލްމުގެ ލަޤަބުފުޅެވެ. މާތްﷲެގެ ފޮތުވަނީ އެކަލާނގެ އެންމެހައި އަޅުތަކުންނަށްޓަކައެވެ. އިންސާނުން އެފޮތްކިޔަވާންޖެހެއެވެ. މިވާޖިބުއަދާކުރުމަށް އިންތިހާ ދަރަޖައަށް ބާރުއަޅައި އިރްޝާދު ދީފައިވަނީ ހަމައެކަނި އިސްލާދީނެވެ.

މި އިރުޝާދާއި އުނގަންނައިދިނުމުގެރަން ނަތީޖާއެއްގެގޮތުން އަލްޤުރުއާނުލްކަރީމު ވަނީ އުވިދިޔުމުން ސަލާމަތްވެފައެވެ. މިއަދު މުރާޝިކުން ފެށިގެން އިރާޤާ ހަމަޔަށް ވިހިކުރޯޑު އިންސާނުންގެ ބަހަކީ އަރަބިބަހެވެ. އަރަބި ބަހަކީ އަލްޤުރުއާނުލްކަރީމުގެ ބަހެވެ. ކީރިތިޤުރުއާން އިންސާނުންނަށް ދޭމެސެޖަކީ ހަޔާތުގެ މެސެޖެވެ. ހަމައެއާއެކު އެފޮތްވަނީ އެފޮތުގެ ބަސްކަމުގައިވާ އަރަބިބަސްވެސް މަރުވިޔަނުދީ ދިރުވައި ދަމަހައްޓައިފައެވެ.

އިލްހާމީ ބައެއް ފޮތްފޮތުގައި އިންސާނީ ހަޔާތާބެހޭގޮތުން ވަނީ ބޭނުމެއްނެތް ބައެއް ތަފްސީލުތައް ހުށައަޅައިފައެވެ. އެކަންވެފައިވަނީ ވަރަށްގިނަ އޮޅުންބޮޅުންތަކާއި ހަމަނުޖެހުންތަކެއްގެ ސަބަބު ކަމުގައެވެ. އަނެއްބައި ފޮތްފޮތުގައި އިންސާނާއާއި އޭނާއާގުޅޭ މައްސަލަތަކަށް ކުޑަކޮށްވެސް އަލިއަޅުވައިފައެއްނުވެއެވެ. އެފޮތްތައް ހީވަނީ ފަލްސަފާވެރީން ގޮށްޖަހައިފައި ހުންނަ ވާހަކަ ތަކެއްހެންނެވެ. ކުުރީންމިދެންނެވި ފޮތްތައް ބޭނުމެއްނެތް ކަސްތޮޅުތަކުން އިންސާނުން ބަންނައިރު ދެވަނަޔަށް މިދެންނެވި ކަހަލަ ފޮތްތަކުން އިންސާނުން އެއްވެސް ލަގަނެއްނެތި ހަަވާނަފުސާހަވާލުކުރެއެވެ.

މި ދެބާވަތުގެ ފޮތްތަކާ ޚިލާފަށް އަލްޤުރުއާނުލްކަރީމަކީ ޚާއްސަ މަތީމަޤާމެއްގެ ފޮތެކެވެ. އެފޮތުގައި އިންސާނާގެ އަސާސީ ޢަޤީދާތަކާއި ނަޒަރިއްޔާތައް އުނގަންނައިދެއެވެ. ހަމައެއާއެކު ޤާނޫނުތަކާއި، ގަވައިދުތަކުގެ އިލާހީ އިންތައް ފާހަގަކޮށްދެއެވެ. އެއިންތައް ފަހަނަޅައިދާކަށެއް އެއްވެސް ޙާލެއްގައި ހުއްދައެއްނުދެއެވެ. ޢަޤީދާ އާއި ނަޒަރިއްޔާތަކާއި ދީނާއި އަޚްލާޤުގެ އިންތައް ކަނޑައެޅުމާއެކު އިންސާނާގެ ފިކުރާއި، އަމަލުކުރުމުގެ ބާރަށް މިނިވަންކަންދެއެވެ. ކީރިތި ޤުރްއާނާއި އިސްލާމްދީނުގެ މިޒާޖާ ރަހަފަތިވާގޮތަށް މަސައްކަތްކުރުމަށެވެ. މިގޮތުން ބަލާއިރު އިންސާނާއަށް އޭނާގެ ދީނުގެ އަސާސީ އުސޫލްތަކުގެ އިމުންބޭރުނުވެ ފަރުޢީކަންކަމުގައި ފިކުރާއި ޢަމަލުގެ މިނިވަންކަންދޭ ހަމައެކަނި ފޮތަކީ އަލްޤުރްއާނުލްކަރީމެވެ.

އަޅުގަނޑު ހޯދާބަލާއިރު އިސްލާމްދީނުގެ ނަބިއްޔާއަށްވުރެ ވަކީން ބޮޑަށް ކަންކަމުގައި މަޝްވަރާގެ އުސޫލު ބޭނުންކުރެއްވި އެއްވެސް ޝަޚްޞިއްޔަތެއް ނުފެނެއެވެ. މާތްﷲ ގެ ރަސޫލާގެ ޞަޙާބީންވަނީ އެމާތް ސާހިބާއަށް އިހްތިރާމާއި ކަމޭހިއްތެވުމުގެ އެންމެ އަގުބޮޑު ވެދުން ބަރުތީލަކުރައްވައިފައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް އެމަތިވެރި މަޤާމު ލިބިވަޑައިގެންނެވީ އަލްޤުރުއާނުލްކަރީމުގެ ސަބަބުންނެވެ.

އަޅުގަނޑަށް ފެނުނުގޮތުގައި އެހެނިހެން ދީންތަކުގެ ފޮތްތައްވަނީ ސިޔާސީވެރީންނާއި ބިންވެރީންނާއި، ނުފޫޒުހުންނަ އެހެނިހެން މީސްމީހުންނަށް އަތްބާރުއަޅައިދީފައެވެ. އެފަދަ މީހުންގެ މުށުތެރެޔަށް ބާރުތައް ޖަމާކޮށްދީފައެވެ. އާރެއްބާރެއް ނެތް ނިކަމެތީންނަށް އަނިޔާވެރި ވުމަށް ވާގިވެރިވެދީފައެވެ. ނަމަވެސް އަލްޤުރުއާނުލްކަރީމަކީ ނިކަމެތީންނަށް އެހީތެރިވެ ބާރު ހޯދައިދޭ ފޮތެކެވެ. ނިކަމެތީންގެ އައްޑަނައެކެވެ. އަނިޔާވެރީން ވަރުގަދަޔަކަށް ޒިންމާދާރުކުރުވާފޮތެވެ. އަލްޤުރުއާނުލް ކަރީމަކީ އިންސާނީ މިނިވަންކަމުގެ ޗާޓަރ ކަމުގައްޔާއި މެގްނާކާޓާ ކަމުގައި ބުނުމަކީ އެއްވެސް ހާލެއްގައި މިނަށްވުރެ ބޮޑުކޮށްގެންވާހަކަ ދެއްކުމެއްނޫނެވެ.

comment ކޮމެންޓް