ރާއްޖޭގެ ރަސްމީ ރިޒާވަށް 26 އިންސައްތައިގެ ކުރިއެރުމެއް

އެމްއެމްއޭ ހިންގާ އިމާރާތް: 2017 ވަނަ އަހަރު ނިމުނު އިރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރަސްމީ ރިޒާވް 26 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭއިން ބުނޭ ---- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރު ނިމުނު އިރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ރަސްމީ ރިޒާވް 26 އިންސައްތަ އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

ކޮންމެ މަހަކު އެއްފަހަރު އެމްއެމްއޭއިން ނެރެމުން އަންނަ 'އިގްތިސާދީ ރިވިއު' ގައި ބުނެފައި ވަނީ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 26 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 586.2 މިލިއަން ޔޫއެސް ޑޮލަރުގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވަކީ އެމްއެމްއޭގައި ޔޫއެސް ޑޮލަރުން ހުންނަ ރިޒާވްއެކެވެ. މީގެ އިތުރުން ޔޫސަބަލް ރިޒާވްއަށް ވެސް ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހާއި އަޅާބަލާއިރު 3 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައެވެ. ޔޫސަބްލް ރިޒާވްގެ ގޮތުގައި ހުރީ 206.4 މިލިއަން ޔޫއެސް ޑޮލަރެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މަސްވެރިކަމުގެ ސިނާއަތް މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ. އެގޮތުން މަސްވެރިކަމަށް ބަލާއިރު 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ކުންފުނިތަކަށް ވަނީ 7920 މެޓްރިކް ޓަނުގެ މަސް ކިރުވާފައެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރާއި އަޅާބަލާއިރު 14 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ފާއިތުވެދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު 56 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓްވެސް ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިލައިފައެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންފްލޭޝަންރޭޓް 0.7 ޕަސެންޓަށް މައްޗަށް ދިއުމަށްފަހު ފާއިތުވި އަހަރު ނޮވެމްބަރު މަހު މިރޭޓް ވަނީ 0.6 ޕަސެންޓަށް މަޑުޖެހިލާފައެވެ. މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގައި ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ދަށަށްދިއުމާއި ކަރަންޓްގެ އަގު ދަށަށް ދިއުމެވެ.

ވޭތުވެ ދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ހަލާތު ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅުވެ، އުފެންދުންތެރިކަން ކުރިއަރާނެ ކަމަށް ވެސް އިގްތިސާދީ ރިވިއުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިހާރު އަންދާޒާ ކުރެވޭ އަދަދަކީ 6.9 ޕަސެންޓް ކަމަށް އެމްއެމްއޭއިން ބުނެއެވެ. 2016 ވަނަ އަހަރު އުފެންދުންތެރިކަން ހުރީ 6.2 ޕަސެންޓްގައެވެ.

comment ކޮމެންޓް