ކާމިޔާބު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްކްރީން ޕްލޭ އަކަށް ލިޔެ ޑައިރެކްޓްކުރާ ފިލްމު 'ދެވަންސޫރަ'ގެ ޓިކެޓް އޮލިޕްމަހުން ވިއްކަން ފަށައިފިއެވެ.
އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ 'ދެވަންސޫރަ'ގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށާފައިވާއިރު ފިލްމުގެ ޝޯވްތަކުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.
ޔޫއްޕެ ސަން އަށް ދިން އިންޓަވިއުއެއްގައި ބުނީ މިހާރު ޓިކެޓް އޮލިމްޕަހުން ލިބޭނެ ކަމަށާއި "ފިލްމު ރިލީޒްކުރާ ރޭ ހާއްސަ ޕްރިމީއާ ނައިޓް އެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ" ކަމަށެވެ.
ދެވަންސޫރަ އަކީ ޔޫއްޕެ ޕްރޮޑަކްޝަން، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ސަސްޕެންސް ތްރިލާ ފިލްމެކެވެ.
ދެވަންސޫރަގެ ލީޑް ފިރިހެން ތަރިންގެ ގޮތުގައި އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް ފެނިގެންދާ އިރު ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެންދާނެ އެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި ޝަކީލާ ފެނިގެންދާނެ އެވެ.
ދެވަންސޫރަ ފިލްމުގެ ލީޑް އަންހެން ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ މި ދާއިރާއަށް އަލަށް ތައާރަފްވާ މަރިޔަމް ޝިފާޒާ އެވެ.
ސަންއަށް ކުރިން ދިން އިންޓަވިއުއެއްގައި ޔޫއްޕެ ބުނީ ފިލްމުގައި އާ ތަރިއެއް ބޭނުންކުރީ ދާއިރާއަށް އާ ކުއްޖެއް ނެރުމުގެ ބޭނުމުގައި ކަމަށާއި ޝިފާއަކީ ދާއިރާއިން ކުރިއަށްދެވޭނެ، ހުނަރު ހުރި ކުއްޖެއް ކަމަށެވެ.
ދެވަންސޫރަ އަކީ ސްކްރީނުން ފެންނަ އެހެން ފިލްމުތަކާ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށާއި މުޖްތަމައަށް މުހިންމު މެސެޖެއް ދޫކޮށްލާނެ މި ފިލްމު ބިނާކޮށްފައި ވަނީ މިހާރު މުޖްތަމައުގައި ހިނގާ ކަންބޮޑުވާވަރުގެ މައްސަލަތަކެއްގެ މައްޗަށް ކަމަށް ޔޫއްޕެ ބުންޏެވެ.
"މިއީ ހަމަ ކޮންމެ ރައްޔިތަކުވެސް ބަލާލަން ރަނގަޅު ފިލްމެއް،" ޔޫއްޕެ ބުންޏެވެ.
ފިލްމުގައި ފެނިގެންދާނީ މަރެއްގެ ހަގީގަތް ހޯދުމަށް އަންހެނަކު ކުރާ މަސައްކަތެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.