އޯބަމަޔާން ހޯދަން އާސެނަލުން ޓްރާންސްފަރ ރެކޯޑް މުގުރާލަނީ!

އާސެނަލުން ދަނީ ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ އެމަރިކް އޯބަމަޔާން ހޯދުމަށް އެ ކްލަބުގެ ޓްރާންސްފަރ ރެކޯޑު މުގުރާލުމަށް ތައްޔާރުވަމުން -- ފޮޓޯ: އިންޑިޕެންޑެންޓް

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ، ގެބޯން އިންޓަނޭޝަނަލް ފޯވާޑް ޕިއެރޭ އެމަރިކް އޯބަމަޔާން ހޯދުމަށް އެ ކްލަބުގެ ޓްރާންސްފަރ ރެކޯޑު މުގުރާލުމަށް ތައްޔާރުވެއްޖެއެވެ.

ޑޯޓުމަންޑުން ހާމަކޮށްފައިވާ ގޮތުގައި އާސެނަލުން ވަނީ، އޯބަމަޔާން ގަތުމަށް 45 މިލިއަން ޕައުންޑުގެ ފީއެއް ހުށަހަޅައިފައެވެ. އެހެން ނަމަވެސް އެ އަގަށް ޑޯޓުމަންޑުން ވަނީ ނޫނެކޭ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން އާސެނަލުން މިހާރު ދަނީ، އެންމެ ފަހުން ކްލަބު ރެކޯޑު ފީއަކަށް އެ ކްލަބާ ގުޅުނު އެލެކްސެންޑަރ ލަކަޒެޓަށް ހުށަހެޅި 52 މިލިއަން ޕައުންޑަށް ވުރެ ބޮޑު ފީއެއް އޯބަމަޔާންއަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.

އޯބަމަޔާން ބޭނުންނަމަ ބަދަލުގައި ބޮޑު ފީއެއްގެ އިތުރުން އާސެނަލްގެ އޮލިވާ ޖިރޫ ވެސް ދޫކުރުމަށް ޑޯޓުމަންޑުން ވަނީ ހުށަހަޅައިފައެވެ. އެހެން ނަމަވެސް، އާސެނަލްގެ ކޯޗް އާސެން ވެންގާ، އޯބަމަޔާން އެޓީމަށް ގެނައުމަށް އެއްބަސްކުރުވާފައިވާ ކަމަށާއި އަދި ޖިރޫ ދޫނުކޮށް، ސީދާ ފައިސާގެ އެއްބަސްވުމެއްގެ ގޮތުގައި އެ ވިޔަފާރި ނިންމުން ގާތްކަމަށްވެއެވެ.

އާސެނަލުން ދަނީ، އެ ކްލަބުގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލްގެ އެއްބަސްވުން އާކުރުމަށް ވެސް މަސައްކަތްކުރަމުންނެވެ. އަދި އެލެކްސިސް ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަން އާސެނަލާ ގުޅެން ދާއިރު، އޯބަމަޔާންއާއެކު މި ތިން ކުޅުންތެރީންނަށް ޓަކައި ކްލަބުގެ އުޖޫރަ، ހަފްތާއަކު 200,000 ޕައުންޑުގެ އޮޅިގަނޑު ގިރާކުރަން ތައްޔާރަށް އޮތްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް