މިދިޔަ އަހަރު ނިކުތް ކޮމެޑީ ފިލްމު ނޯޓީ 40ގެ ސީކުއެލް 40 ޕްލަސްގެ ޝޫޓިން ނިންމައިލުމަށްފަހު އެ ފިލްމުގެ ކްރޫ ވަނީ މާލެ އައިސްފައެވެ.
ފިލްމުގެ ޝޫޓިން ނިންމައިލި އިރު މުޅި ކްރޫގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ޖެހުމެވެ. އެ މީހުންގެ ވާހަކައިންވެސް އެކަން ފާހަގަވިއެވެ.
ބޮޑު ކްރޫ އަކާއެކު މަސައްކަތް ކުރި މި ފިލްމަކީ "މިއަހަރު އޮލިމްޕަހަށް އަދި ޝްވެކް ސިނަމާއަށްވެސް އަންނާނެ އެންމެ ބުރަ މަސައްކަތް ކޮށްފައިވާ ދިވެހި ފިލްމަށް ވާނެ" ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުންޏެވެ. ސަން އާ ވާހަކަ ދައްކަމުން ޝަފީގު ބުނީ ނޯޓީ 40 އާ އަލާބަލާއިރު 40 ޕްލަސް ތަފާތު ވާނެ ކަމަށެވެ.
"ފިލްމަކީ ނޯޓީ 40ގެ ސީކުއެލް. ފިލްމުގެ ދެވަނަ ބައި. އެކަމަކު މިއީ މުޅިން ތަފާތު ސްޓޯރީ އެއް،" ޝަފީގު ބުނީ 40+ ގެ ފަސްޓްލުކް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށާއި އެއާއެކު ފިލްމުގައި ހުރި ތަފާތުވެސް ފެންނާނެ ކަމަށެވެ.
"ވަރަށް އުއްމީދު ބޮޑު ފިލްމެއް މިއީ. ފިލްމުގެ ބައެއް ބައިތައް ބަލާލި އިރު ފާހަގަވި ތަފާތުކަން. މިއަހަރު ފެނިގެންދާނެ އެންމެ ބޮޑު ފިލްމަށް 40+ ވާނެ،" ޝަފީގު ބުންޏެވެ.
ޔޫއްޕެގެ ސްކްރިޕްޓަކަށް ހަދާ މި ފިލްމު ސްކްރީނަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހި ފިލްމަށް ލޯބި ކުރާ ގިނަ ބަޔަކު މިހާރުވެސް ތިބޭނެއެވެ. ނަމަވެެސް ފިލްމު ސްކްރީނަށް އައުން މިހާރު ބަރޯސާ ވެފައި އޮތީ ރާއްޖޭގެ ސިޔާސީ މަޝްރަހަށެވެ.
"ސިޔާސީ މަޝްރަހު ހަލަބޮލި ނޫނިއްޔާ މި ބަލަނީ އޮގަސްޓު މަހުގެ އެއްވަަނަ ދުވަހު ފިލްމު އަޅުވަން. އެހެން ނޫނީ ޖެހިދާނެ އަންނަ އަހަރަށްވެސް ފިލްމު ޑިލޭ ކޮށްލަން،" ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.
ޝަފީގެކޭ އެއްގޮތަށް ފިލްމުގެ ޑައިރެކްޓަރުވެސް ބުނަނީ މިއީ އުއްމީދީ ފިލްމެއް ކަމަށެވެ. ހާއްސަކޮށް އާ މޫނުތަކަކާއެކު ބޮޑު ކްރޫއެއް ގޮވައިގެން ގޮސް ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ކަމަށް ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުންޏެވެ.
"އާ ތަރިންގެ މަސައްކަތާ ގުޅޭ ގޮތުން ބުނާނީ އެކުދިންގެ މެކްސިމަމް ދެއްކިއޭ. ހާއްސަކޮށް ގިނަ ސީނިއާ ތަރިންތަކަކާއެކު މަސައްކަތް ކުރި އިރު އެކުދިން ވަރަށް ހިތްވަރު ކުރި،" ޔޫއްޕެ ބުންޏެވެ.
ގިނަ ކޮމެޑީ ފިމްމުތަކުން ފެނިފައިވާ އަދި ދިވެހި ސިނަމާގައި މަސައްކަތްކުރާ އެންމެ ހުނަރުވެރި އެއް ކޮމެޑިއަން މުހައްމަދު ފައިސަލް ވެސް ހުރީ މަސައްކަތާ މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ފައިސަލް ބުނާ ގޮތުން ފިލްމަކީ ހީހީ ހަލާކުވާ ވަރުގެ މަޖާ ފިލްމެކެވެ.
"ހަމަ ގައިމުވެސް ނޯޓީ 40 އަށް ވުރެ މާ މަޖާވާނެ. ފިލްމު ބަލަން ވަންނަ މީހާ ފިލްމު ނިމެންދެން ފޫހި ނުވެ ބަލަން އިންނާނެ. ހީހީ މަރުވާވަރުގެ ފިލްމެއް މިއީ،" ފައިސަލް ބުންޏެވެ.
ދެން މި ފިލްމުގައި ހިމެނޭ އަނެއް ތަރިއަކީ އަހުމަދު ސައީދުއެވެ. ސައީދުވެސް ބުނަނީ މިއީ ހަމަ ސަތޭކަ ޕަސެންޓު ކޮމެޑީ ފިލްމަކަށް ވާނެ ކަމަށެވެ.
ފޯޓީ+ އިން އަލަށް ތައާރަފްވާ އެއް ތަރިއަކީ އިރުފާނާ އިބްރާހިމް އެވެ. މީގެ ކުރިން މޮޑެލިންގެ ދާއިރާ އިން ފެނިގެން ދިޔަ އިރުފާނާ ވެސް ހުރީ ފޯޓީ+ ގައި މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ހިތްހަމަ ޖެހިފައެވެ.
"މިއީ ފިލްމެއްގައި ލިބުނު ފުރަތަަމަ އެކްސްޕީރިއަންސް. މުޅި ކްރޫގެ ފަރާތުންވެސް ބޮޑު އެހީއެއް ލިބުނު. ފިލްމުން ފެންނާނީވެެސް ވަރަށް މަޖާ ރޯލަކުން،" އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެނަމަ ކުރިއަށް ދާން ނިންމައިގެން ހުރި އިރުފާނާ ބުންޏެވެ.
ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. މީގެ އިތުރުން ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާޒާ ވެސް "40+"ގައި ހަރަކާތްތެރިވާނެ އެވެ.
ފިލްމުގެ ތަރިންގެ ވާހަކަތަކާއެކު ފިލްމަށް ކުރެވޭ އިންތިޒާރު މިހާރުވެސް ދިގުވެއްޖެހެން ހީވެއެވެ. ދިވެހި ސިނަމާއަށް ވަންނަ މީހުން ހީހީ ހަލާކުވާވަރުގެ ފިލްމު ރިހި ސްކްރީނަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މިހާރުވެސް ދުވަސްތައް ގުނަން ފަށާ މީހުން ތިބޭނެއެވެ. އިންތިޒާރު ކުރަމާ ދޯ އެވެ.