40 ޕްލަސްގެ ޝޫޓިން ނިންމާލައިފި

40+ ގެ ކްރޫ--- ފޮޓޯ ފޭސްބުކް

މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމް "ނޯޓީ 40"ގެ ފޮލޯއަޕް "40 ޕްލަަސް"ގެ ޝޫޓިން ނިންމާލައިފިއެވެ.

ތ. ބުރުނީގައި ކުރިއަށްދިޔަ ޝޫޓިން ނިންމާލުމަށްފަހު ފިލްމުގެ ކްރޫ މިއަދު ހަވީރު މާލެ އަންނާނެއެވެ.

ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) މީގެ ކުރިން ސަން އަށް ދިން އިންޓަވިއުއެއްގައި ބުނީ 40+ގެ ޝޫޓިން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ވިއްސާރަވެގެން ޝޫޓިން ތާވަލަށް ކުޑަ ބަދަލެއް އައި ކަމަށްވެސް ޔޫއްޕެ ބުންޏެވެ.

ފޯޓީ ޕްލަސް އަކީ ޔޫއްޕެގެ އަމިއްލަ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.

އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ. އެ ތަރިންގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށް ޔޫއްޕެ ބުންޏެވެ.

ނޯޓީ40ގެ ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40+"ގައި ހަރަކާތްތެރިވާނެ އެވެ.

މި ފިލްމު އަޅުވާނެ ސީދާ ތާރީޚެއް އަދި ނުނިންމާ ކަމަށް ޔޫއްޕެ ބުންޏެވެ.

ފޯޓީ ޕްލަސްގެ އިތުރުން މިއަހަރު އިތުރު ހަތަރު ފިލްމެއްގެ މަސައްކަތް ޔޫއްޕެ ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް