ހާއްސަ އެހީއަށް ބޭނުންވާ ރައިޝަންއަށް އޯލެވެލްގައި ފަސް މާއްދާއިން އޭ، އިނގިރޭސިން އޭ ސްޓާރ!

މިނިސްޓަރު ޑރ އައިޝަތު ޝިހާމް ރައިޝަންއާއި އެކު--ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކަލާފާނު ސްކޫލުގައި މިދިޔަ އަހަރު ތައުލީމް ހާސިލް ކުރި މުހައްމަދު ރައިޝަން، އޯލެވެލްގައި ފަސް މާއްދާއިން އޭ އަދި އިނގިރޭސި މާއްދާއިން އޭ ސްޓާއެއް ހޯދައިފިއެވެ.

ރައިޝަންއަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރެކެވެ.

އޭނާއަށް ލިބުނު އެ ނަތީޖާއަކީ މިހާތަނަށް ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް އޯލެވެލް އިމްތިހާނުން ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ.

ގުރޭޑް އެކަކުން ފެށިގެން 10 އާ ހަމައަށް ކަލާފާނު ސްކޫލުގައި ތައުލީމް ހާސިލް ކުރި ރައިޝަންއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެން ރައިޝަންއާ ބައްދަލުކުރައްވާފައެވެ.

ރައިޝަންއާ އޭނާގެ މަންމަ އައިމިނަތު އިބްރާހިމްއާ ބައްދަލުކޮށް މިނިސްޓަރު އައިޝަތު ޝިހާމް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އޭނާ އެ ނަތީޖާ ހޯދުމަށް ކުރި މަސައްކަތް މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ މިއީ ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ނަތީޖާއެއް ކަަމަށާއި އެއް ކުއްޖަކުވެސް ބާކީ ނުކޮށް ތައުލީމް ދިނުމަށް ސަރުކަރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަަމަށެވެ.

މިނިސްޓަރު ޑރ އައިޝަތު ޝިހާމް ރައިޝަންއާއި އެކު--ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ހާއްސަ ގޮތެއްގައި އެއް ކުއްޖަކުވެސް ބާކީ ނުކޮށް ހުރިހާ ދަރިވަރުންނަށްވެސް ހަމަހަކޮށް ތައުލީމް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތައް ލިބުނު ކާމިޔާބީއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ރައިޝަންއަށް އޯލެވެލްގައި ބަޔޮލޮޖީ، ކެމިސްޓްރީ ،ކޮމްޕިއުޓާރ ސްޓަޑީސް އަދި ފިޒިކްސް އިން ވަނީ އޭ ހޯދާފައެވެ. އޭނާއަށް ދިވެހިން ލިބުނީ ބީ ފާހެކެވެ. އަދި އިސްލާމުން ލިބުނީ ސީ ފާހެކެވެ.

މިއަދު ކަލާފާނުގައި ރައިޝަންއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ކުރިއަށްގެންދިޔަ ހަފްލާގައި އެ ސްކޫލުގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް