ރޯޔަލް އައިލެންޑުގެ ބަނގުރާ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފި

ވިލާ ގްރޫޕުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓު --

ވިލާ ގްރޫޕުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓުގެ ބަނގުރާ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

ވިލާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރ ގައިސަރު ނަސީމް "ސަން"އަށް ވިދާޅުވީ، މިއަދުން ފެށިގެން ހަ މަސް ދުވަހަށް ރޯޔަލް އައިލެންޑް ރިސޯޓުގެ ބަނގުރާ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ.

ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަށް އެޑްރެސްކޮށް އިކޮނޮމިކް މިނިސްޓްރީ އިން ފޮނުވި ސިޓީގައި ބުނީ ރޯޔަލް އައިލެންޑް ހިންގާ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑަށް ދޫކޮށްފައިވާ ބަނގުރާ އެތެރެ ކުރުމުގެ ހުއްދަ ބޭނުންކޮށްގެން ބަނގުރަލާއި އޫރު މަހުގެ ގަވައިދު (2011/R-49) ގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާފަދަ އަމަލެއް ހިންގިކަން ފާހަގަކުރެވިފައިވާތީ، އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ މިއަދުން ފެށިގެން ހަ މަސްދުވަހަށް ބާތިލް ކޮށްފައިވާ ކަމަށެވެ.

ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ގަވައިދުގެ އިސްވެ ބުނެވުނު މާއްދާގައި ބުނެފައިވަނީ "ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރު މަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރު މަހުން އުފައްދާ ތަކެތި ވިއްކަންވާނީ ނުވަތަ ސާވް ކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ރަޖިސްޓްރީ ވެގެން ތިބޭ ބިދޭސިން ނުވަތަ އެތަންތަނަށް ޒިޔާރާތްކުރާ ބިދޭސީންނަށެވެ. މި ހިދުމަތްދޭ ސަރަހައްދުން ބޭރަށް ގެންދާގޮތަށް އެތަކެތި އެއްވެސް ފަރާތަކަށް ދީ އަދި ވިއްކައިގެން ނުވާނެ" ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ވިލާ ޓްރެވަލްސް އިން ހިންގާ ފަން އައިލެންޑް، ސަން އައިލެންޑް، ހޮލިޑޭ އައިލެންޑް އަދި ޕެރަޑައިސް އައިލެންޑުގައި ވިއްކާ ބަނގުރަލާއި އޫރު މަހަކީ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ތަކެތި ކަމަށްބުނެ ކަސްޓަމްސް އިން ވަނީ ފުލުހުންނާއެކު އެ ހަތަރު ރިސޯޓަށް އަރައި ކަމާ ބެހޭ ތަންތަނާއި ތަކެތި ބަލާ ފާސްކޮށްފައެވެ. އަދި ކަސްޓަމްސް އިން ރޭ ވަނީ ފަން އައިލެންޑުގައި ހުރި ބަނގުރާގެ ތެރެއިން 2017 ވަނަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެ ރަށަށް ގެންގޮސްފައި ހުރި ބަނގުރާތައް އެ ރަށުން ބާލައިފައެވެ.

އެ ހަތަރު ރިސޯޓަކީ އެ ރިސޯޓުތަކުން މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދައްކާތީވެ މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

comment ކޮމެންޓް