މިވަގުތު ބޮޑަށް ފޯކަސް ކުރަނީ ރަނގަޅު ލީޑް ރޯލުތަކަށް ކަމަށް ކުޅަދާނަ ފިލްމީ ބަތަލު އަހްމަދު އަޒްމީލު (އަޒޭ) ބުނެފިއެވެ.
އަޒޭ ބުނީ އޭނާ އަކީ ފެށުނީއްސުރެ ވެސް ލީޑް ރޯލުތަކަށް ހާއްސަ މީހެއް ކަމަށާއި ނަމަވެސް ގިނަ އަދަދަކަށް ސަޕޯޓިވް ރޯލުތަކުން ފެނިގެންދަނީ އެ ފިލްމެއްގެ ޕްރޮޑިއުސަރުު ނޫނީ ޑައިރެކްޓަރު އެ ރޯލުން ފެނުމަށް ވަރަށް ބޮޑަށް އެކަމަށް އެދުމުން ކަމަށެވެ.

ފިލްމީ ބަތަލު އަހުމަދު އަޒްމީލު--- ފޮޓޯ/ ފޮޓޯ މެމޮރީޒް
ސަން އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިހާރު ބޮޑަށް ފޯކަސް ކުރާނީ ލީޑް ރޯލުތަކަށް ކަމަށާއި ނަމަވެސް ސަޕޯޓިވް ރޯލުތަކުން މަދުމަދުން ފެނިގެންދާނެކަމަށެވެ.
"ކޮންމެ ކޮންމެ ކަހަލަ ލީޑް ރޯލެއް ނުކުޅޭނަން. އަޒޭއަށް ކަމުދާ ރޯލެއް ނޫނީ ނުކުޅޭނަން. އެކަމަކު ސްޕެޝަލް އެޕެއަރެންސް ބައިންވެސް ނުފެންނާނެ އެކޭ ނުބުނާނަން. އެ ޑިޕެންޑް ވާނީ ރިކުއެސްޓް އަންނަ މީހެއްގެ ގޮތަކުން،" އޭނާ ބުންޏެވެ.
މި ވަގުތަށް ފިލްމީ ދާއިރާގެ މަސައްކަތެއް ނެތް ކަމުގައި ވިޔަސް ވަރަށް އަވަހަށް އޭނާގެ އަމިއްލަ ޕްރޮޖެކްޓްގެ މަސައްކަތެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އަޒޭ ބުނީ މިދުވަސްކޮޅު ފިލްމީ ދާއިރާއިން އެހާ ގިނައިން ނުފެންނަނީ އޮފީހުގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ ކަމަށެވެ.
އެންމެ އަވަހަށް އަޒޭ ބޮޑު ސްކްރީނުން ފެންނާނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ލީޑް ރޯލުންނެވެ.

ފިލްމީ ބަތަލު އަހްމަދު އަޒްމީލް--- ފޮޓޯ ފޭސްބުކް
އަންނަ އޭޕްރީލް 21 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު އެ ފިލްމުގެ މަސައްކަތާ މެދު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ބުނީ ފިލްމުގެ ހުރިހާ ކަމެއްވެސް ވަރަށް ފަސޭހަކޮށް ނިންމާލެވުނު ކަމަށާއި އެއްވެސް ކަހަލަ ދައްޗެއް ވެސް ކުރިމަތި ނުވާކަމަށެވެ.
"މަރީގެ އެއްބާރުލުން ވަރަށް ލިބުނު. އޭނާ އަސްލު ވަރަށް ސަޅި ހުރިހާ ކަމެއްވެސް މެނޭޖް ކުރާލެއް. ހުއްދަ ހޯދަން ޖެހޭ ތަނެއްގައި ޝޫޓް ކުރަންޏާ މާ ކުރިން މަރީ ހުންނާނީ އެ ތަނަކުން ހުއްދަ ހޯދައިގެން ޝޫޓް ކުރަން ހަމަ ރެޑީގައި. އެހެންވެ ކަންނޭގެ އަޒޭއަށް ފިލްމުގެ މަސައްކަތް އެހާ ފަސޭހަކޮށް ނިންމާލެވުނީ،" އަޒޭ ބުންޏެވެ.
އަޒޭ ބުނީ ފިލްމުގެ ހުރިހާ ކާސްޓުންނާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ހުރިހާ ކާސްޓުންވެސް ވަރަށް ސަޕޯޓިވް ކަމަށެވެ. ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެހެން ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށާއި ފިލްމާ މެދު ކުރެވޭ އުންމީދު ތައް ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.
ފިލްމުގައި އޭނާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ އާއި މަލީހާ ވަހީދު (މަލް)، މަރިޔަމް ޝަހުޒާ (ޝަހޫ)ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އާއި ސްރީލަންކާގެ ތަރި އުދޭނީ އެވެ.

"ތިޔަ ލޯތްބާ ދުރަށް"ގެ މަންޒަރެއް --- ފޮޓޯ: ފޭސްބުކް
ނިމިގެންދިޔަ ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އަދި ހަމައެކަނި އެވޯޑު ހަފުލާ އާ ދޭތެރޭ ދެކޭ ގޮތް ހިއްސާކޮށްލުމަށް އެދުމުން އަޒޭ ބުނީ ހައްގު ނޫން އެތައް ބައިވަރު އެވޯޑްތަކެއް ހުރި ކަމަށާއި ނޮމިނޭޝަންތައް ވެސް ވަރަށް ސަކަރާތްކަމަށެވެ.
"އަސްލު އަޒޭ ދެކޭ ގޮތުގައި ހައްގު ނޫން ބައިވަރު އެވޯޑް ހުރި. ނޮމިނޭޝަން ވެސް ވަރަށް ކަޑަ. އެކަމަކު ޖަޖުންނަށް ފެންނަ އެންމެ ރަނގަޅު ގޮތަށް އެކަން ނިންމާފައި އެއޮތީ،" އަޒޭ ބުންޏެވެ.