ހެއާކެއަރ ކެމްޕޭނެއްގައި ބުރުގާ އެޅި މޮޑެލްއަކާއެކު ލޯރިއަލްއަށް ބޮޑު ތަރުހީބެއް

ހެއާކެއަރ އުފެއްދުންތަކުގެ ބާޒާރުގައި މަގުބޫލު ބްރޭންޑް ލޯރިއަލް ޕެރިސްގެ ހެއަރ ކެއަރ ކެމްޕޭނެއްގައި ބުރުގާ އެޅި މޮޑެލްއެއް ބޭނުންކޮށްފައިވާތީ އެ ކެމްޕޭނުގެ އިސްތިހާރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

މަޝްހޫރު ފެޝަން ބްލޮގަރުންނާއި ފެޝަން އިންޑަސްޓްރީގައި ނަން ހިނގާ ގިނަ ބަޔަކު ބައިވެރިކޮށްގެން އުފައްދާފައިވާ އެ އިސްތިހާރުން އެންމެ ފާހަގަވީ އިނގިރޭސިވިލާތުގެ ބިއުޓީ ބްލޮގަރު އަމީނާ ޚާން އެވެ. އަމީނާ އަކީ ބުރުގާ އަޅާ މީހެކެވެ. ހެއާކެއާ އިސްތިހާރަކުން އޭނާ ފެނުމުން އެ އިސްރިހާރު ތާރީހުގައި ލިޔެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަމީނާ ބުނީ އޭނާއަށް އެ އިސްތިހާރުން ފުރުސަތު ލިބުމަކީ "ބުރުގާއަޅާ މުސްލިމުންނަށް" ވެސް ލިބުނު ފަހުރެއް ކަމަށެވެ. ބުރުގާ އަޅައިގެން ތިބޭ މީހުންނަށް ހެއާކެއަރ އިސްތިހާރުތަކުން ފުރުސަތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަމީނާ އަކީ ބިއުޓީ ބްލޮޮގަރެއްގެ އިތުރުން ޔޫޓިއުބުގައި ވެސް މަޝްހޫރު މޫނެކެވެ. އޭނާގެ އަމިއްލަ ބިއުޓީ ބްރޭންޑެއްވެސް އޮވެއެވެ.

އަމީނާ ބުނީ މުސްލިމު އަންހެނުން ބޯ ނިވާކުުމާ ގުޅޭގޮތުން ބައެއް މީހުން ގަބޫލުކުރާގޮތް ބަދަލުކުރުމަކީ އޭނާ ގެ އަމާޒު ކަމަށެވެ. އެގޮތުން ބޯ ނިވާކޮށްގެން ތިބޭ މީހުން އިސްތަށިގަނޑަށް ސަމާލުކަން ނުދޭ ކަމަށް ބައެއް މީހުން ގަބޫލު ކުރިނަމަވެސް އެއީ ހަގީގަތެއް ނޫންކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށްވެސް އަމީނާ ބުންޏެވެ.

ބޮޑު ބްރޭންޑެއްގެ އިސްތިހާރަކުން ބުރުގާ އެޅި މުސްލިމު އަންހެނަކަށް ފުރުސަތު ލިބިފައިވާއިރު ވޯގް މަޖައްލާގެ ކަވާ ޕޭޖުގައިވެސް ވަނީ ބުރުގާއެޅި މުސްލިމު އަންހެނެއްގެ ފޮޓޯ ޖަހައިފައެވެ.

comment ކޮމެންޓް