އާންމު ދިރިއުޅުމުގައި އެހީވުމަށް ދެން އަންނާނީ ރޮބަޓުތައް

އޮކާޑޯ އިން ބޭނުންކުރާ ރޮބޮޓެއް --- ފޮޓޯ: ޓެލެގްރާފް

އިންސާނުންގެ ދުނިޔޭގައި، އިންސާނުންނެކޭ އެއްގޮތަށް ރޮބޮޓުތައް ހަރަކާތްތެރިވާތަން ފެންނަނީ ފިކްޝަނަލް ފިލްމުތަކުގައެވެ. ހަގީގީ ދިރިއުޅުމުގައިވެސް އެތަން ފެންނާނެޔޭ ހިތަށް އަރާ އެތައް ބަޔަކު ތިބޭނެއެވެ.

އެކަމުގެ ހުވަފެން ދެކޭ މީހުންގެ ހުވަފެނުގައި މިހާރު މިވަނީ ގާތްގަނޑަކަށް ކުލަޖެހިފައެވެ. އިނގިރޭސިވިލާތުގައި ރޮބޮޓުންގެ ބޭނުން ކުރާ މިންވަރު މިވަނީ އިތުރުވެފައެވެ. ހާއްސަކޮށް އެގައުމުގެ އުފެއްދުންތެރިކަމުގެ ސިނާއަތުގައެވެ.

ޓެކްނޮލަޖީ ހަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ސުޕަމާކެޓް އޮކާޑޯއިން ވަނީ އެމީހުންގެ ފިހާރަތަކާއި ގުދަންތަކުގެ މަސައްކަތުގައި ރޮބޮޓް ބޭނުންކުރަން ނިންމައިފައެވެ. އެ ކުންފުނިން މި "ޕްރޮޖެކްޓަށް" ދީފައިވާ ނަމަކީ ސެކަންޑް ހޭންޑްސް އެވެ. އިންސާނުން ކޮމާންޑު ދިނުމުން އެ ކޮމާންޑަށް ބޯލަނބާ ރޮބޮޓްތައް ބޭނުންކޮށްގެން އޮކާޑޯގެ ގުދަންތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުވާނެއެވެ. އަދި މެޝިނަރީސްތައް މަރާމާތުކުރުމުގައި ޓެކްނީޝަނުންނަށް ދޭންޖެހޭ އެއްބާރުލުންވެސް ދޭނެއެވެ.

މި ބަދަލާއެކު ޕްރޮޑަކްޓިވިޓީ އެތައް ގުނައެއް ކުރިއަރާނެއެވެ. ނަމަވެސް ވަޒީފާގެ ބާޒާރަށް ކުރާނެ ނޭދެވޭ އަސަރާމެދު ވަނީ ސުވާލު އުފެދިފައެވެ.

އޮކާޑޯގެ އިތުރުން "ދަ ޝެޑޯ ރޮބަޓް ކޮމްޕެނީ" ކިޔާ ކުންފުންޏަކުންވެސް ވަނީ ރޮބޮޓްގެ ދައުރު ފުޅާކުރުމަށް މަސަައްކަތްތަކެއް ފަށައިފައެވެ. އެ ކުންފުނިން ކުރާ މަސައްކަތަކީ މެޝިނަރީސްތަކުގައި އިންސާނުންގެ އަތާ ވައްތަރުގޮތެއް ހުންނަ ރޮބޮޓިކް އަތެއް ހަރުކުރުމެވެ.

ހަބަރުތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ވަނީ މި އުފެއްދުމާ ވަރަށް ގަޔާވާކަން ހާމަކޮށްފައެވެ. އެގޮތުން ބޮން ޑިސްޕޯސް ކުރުމުގައި މި ރޮބޮޓްތަކުގެ ބޭނުން ހިފޭނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ގަބޫލު ކުރެއެވެ. މީގެ އިތުރުން ތެލާއި ގޭސް އަދި ނިއުކްލިޔާ އިންޑަސްޓްރީ އަށްވެސް ރޮބޮޓްތަކުގެ ބޭނުން ކުރެވިދާނެ ކަމަށް ބަލައި، ވޯޓާ ރެސިސްޓެންޓް އަދި ނިއުކްލިޔާ ރެސިސްޓެންޓް ރޮބޮޓިކް އަތް އުފެއްދުމަށް ޝެޑޯ ރޮބަޓް ކޮމްޕެނީ އިން ވިސްނާނެއެވެ. މިހާރުވެސް ނިއުކްލިޔާ އިންޑަސްޓްރީ އަށް ހާއްސަ އުފެއްދުންތަކަމަށް އިންވެސްޓްމެންޓް ވަނީ ހަމަޖެހިފައެވެ.

ދެން ރޮޮަޓް އިންޑަސްޓްރީ އިންއަޅާނެ އެންމެ ބޮޑު ފިޔަވަޅަކީ އާންމުކޮށް ގަންނަން ލިބެން ހުންނާނެގޮތަކަށް ރޮބޮޓްް އުފައްދައިގެން ވިއްކުމެވެ. ހާއްސަކޮށް ފެކްޓަރީތަކާއި ގުދަންތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ ރޮބޮޓްތައް އުފައްދައި، ދިރިއުޅުމުގައި ޓެކްނޮލޮޖީގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބެލެވެއެވެ.

މިހާރަށް ބަލާއިރުވެސް، ރޮބޮޓްތަކުގެ ސަބަބުން ވަޒީފާގެ ބާޒާރަށް މާ ބޮޑު އަސަރެއް ނުކުރާކަމަށް އިނގިރޭސިވިލާތުގެ ތަފާސްހިސާބުތައް ދައްކައެވެ.

ޓެކްނޮލޮޖީގެ މި ޒަމާނުގައި ކްލާސްރޫމުތަކުގައި ކިޔަވައިދޭން ރޮބޮޓުން ބައިތިއްބަންވެސް ބައެއް ފަރާތްތަކުން މިހާރު ދަނީ ވިސްނަމުންނެވެ.

މަސްދަރު: ޓެލެގްރާފް

comment ކޮމެންޓް