ސާއިދުގެ 24 ގަޑިއިރުގެ ދުވުމުން އެންމެންނަށް ހިނިތުންވުން!

ސާއިދު، މައިލްސް ފޯ ސްމައިލްސް ޗެރިޓީ ރަންގައި 24 ގަޑިއިރު ދުވުން ފުރިހަމަކުރި ވަގުތުކޮޅު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

'މައިލްސް ފޯ ސްމައިލްސް' ދިނީ ގިނަ މެސެޖުތަކެކެވެ. އެތައް ބައެއްގެ ހިތްވަރުދިނުމާއެކު ދުވުމުގެ މެއިން އެތުލީޓު އިބްރާހިމް ސާއިދު އަލީ ވަނީ ހުސްފަޔާ 24 ގަޑިއިރު ދުވެ، އެކުވެނި ދުވާ ޓްރެކްގައި 299 ބުރު ފުރިހަމަކޮށްފައެވެ.

އިއްޔެ ހަވީރުއްސުރެ މިއަދު ހަވީރާ ހަމައަށް ސާއިދާއި އޭނާއާއެކު އެތައް ގަޑިއިރެއް ވަންދެން ދުވުނު އެންމެންވެސް ދޭން ބޭނުންވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް މުޖުތަމައުގެ ކުޅިވަރުތަކުގައި ބައިވެރި ކުރުމުގެ މުހިއްމުކަމުގެ މެސެޖެވެ.

ސާއިދު ވަނީ ދުވުން ނިންމާލުމާއެކު އައިޖީއެމްއެޗަށް ގެންދެވިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިއްޔެ ހަވީރު ދުވުން ފެށުނީއްސުރެ މިއަދާ ހަމައަށް ސާއިދު ދުވުން މެދުކަނޑާލި ހަމައެކަނި ވަގުތަކީ ނަމާދުގެ ވަގުތަށް ހުސްކޮށްލާ ވަގުތުކޮޅެވެ. ކެއުމާއި ބުއިން ވެސް ދުވަމުން ކުރިއަށްގެންދިޔަ ސާއިދުގެ ނިދުމެއް ނެތެވެ. 24 ގަޑިއިރުގައިވެސް ބުނަމުންދިޔައީ "އަހަރެން ދޫ ނުކުރާނަން" މިހެންނެވެ.

އެންމެ ފަހުބުރަށް ނުކުތް އިރުވެސް ސާއިދުގެ ހިތްވަރު ފެނިގެންދިޔައީ ވަރަށް ގަދަކޮށް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސާއިދުއާއެކު 24 ގަޑިއިރު ފުރިހަމަކުރި ރާއްޖޭގެ ފުރަތަމަ އަޔަން މޭން ޑރ. ހުސެއިން ހަލީމް (ކުޑަ ހުސެއިން) ވެސް ދެއްކީ ހަމަ މިފަދަ ހިތްވަރެކެވެ. އަދި ބާސްކެޓް ބޯޅައަކާއެކު ހާފްކޯޓު މޯލްޑިވްސް ރަމްޒުކޮށްދިން މަފާޒް މުހައްމަދު ވެސް 24 ގަޑިއިރު ފުރިހަމަކުރީ ދޭން ބޭނުންވި ފުން މެސެޖަށްޓަކައެވެ.

ސާއިދުގެ އިތުރުން ގިނަ ވަގުތުތަކެއްގައި ދުވި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ދުވުމުގައި 2000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ އިރު، އެންމެންވެސް ދުވުމުގައި ބައިވެރިވީ ހިތްވަރާއެކުގައެވެ. ސިއްހަތާ ބެހޭ ވަޒީރު އަދި އެހެނިހެންވެސް ނަން މަޝްހޫރު ފަރާތްތަކާއެކު ސާއިދު ރޭސް ނިންމާލި އިރު، ޖަމާވެ ތިބި އެންމެން ވެސް އޭނާއާއެކު ފަހުބުރު ނިންމާލީ އުފާވެރިކަމާއެކުގައެވެ.

ރޭސް ނިންމާލުމަށްފަހު ސާއިދު ސަން ސްޕޯޓްސްއަށް އިންޓަވިއުދެނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދުވުމުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ފަރާތްތަކަށް ވެސް އެންމެންނާއެކު ދުވެ، މި އިވެންޓްގައި ބައިވެރިވެލުން ވެގެންދިޔައީ އެ މައުސޫމު މޫނުތަކުން ހިނިތުންވުން ގެނުވި ކަމަށެވެ. އެކުދިންގެ މޫނު މަތިން ފެނުނު އުފާވެރިކަން ބުނެދެނީ އެކުދިންވެސް ބައިވެރިކުރުމުގެ މުހިންމު ކަމެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "މައިލްސް ފޯ ސްމައިލްސް" 24 ގަޑިއިރުގެ ޗެރިޓީ ދުވުމުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ބައެއް ކުދިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

'މައިލްސް ފޯ ސްމައިލްސް' އަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ހިންގާ 'ލެޓްސް ޕްލޭ' ކެމްޕެއިނަށް ފަންޑު ހޯދުމަށް ކުރިއަށްގެންދިޔަ ހާއްސަ ޗެރިޓީ އިވެންޓެކެވެ. 24 ގަޑިއިރަށް ކުރިއަށްގެންދިޔަ އިވެންޓް ފުރިހަމަކޮށްލެވުނީ ގިނަ ފަރާތްތަކުގެ ސޮޕޮންސާތަކަކާ އެކުގައެވެ. އެގޮތުން އިވެންޓްގެ މެއިން ސްޕޮންސަރު ރެއިޒްކްރައުނާއި ބްރައުން ސްޕޮންސަރު ތިލަފުށީ ކޯޕަރޭޝަންގެ ނަން ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

މީގެ އިތުރުންވެސް ފުރިހަމަ އިވެންޓެއްގެ ގޮތިގައި އިވެންޓް އޮގަނައިޒް ކޮށް، އިވެންޓްގައި ކުރަން ޖެހުނު ހުރިހާ މަސައްކަތަކުގެ ޒިންމާ ނެގި ރަފީ ޖަމިއްޔާގެ ނަންވެސް ސްޕޯޓްސް ކޯޕަރޭޝަނުންވަނީ ފާހަގަކޮށްފައެވެ.

ސަން މީޑިއާ ގްރޫޕުން އިވެންޓް ކަވަރު ކުރުމުގައި ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަދި މީޑިއާ ޕާޓްނަރު ސަން މީޑިއާ ގްރޫޕާއި ލައިފް ސަޕޯޓް އަދި ދުވުމުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ނަން ވެސް ސްޕޯޓްސް ކޯޕަރޭޝަނުން ފާހަގަކުރިއެވެ. ހަމަ ޔަގީނުންވެސް ދުވުމަށް ދިރުން ގެނެސްދިނީ ބައިވެރިވި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުގެ އިތުރުން ޖަމިއްޔާތަކެވެ. ޕާފޯމްކުރި ހުރިހާ ހުނަރުވެރި ފަންނާނުންނާއި 1438 ގެ ބޮޑުބެރެވެ. ލެޖެންޑަރީ ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ފަދަ ބޭފުޅުން ވެގެންދިޔައީ ސާއިދުއަށް ބޮޑު ހިތްވަރަކަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނެފައިވަނީ ޓީޝާޓް އަދި ދުވުމުގައި ބޭނުންކުރި ބިބުތަކާއި ފަންޑު ފޮށްޓުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިއްޖެ ކަމަށާއި، ހުރިހާ ފައިސާއެއް ވެސް ހޭދަކުރާނީ ނުކުޅެދޭ ކުދިން އެކިއެކި ކުޅިވަރުތަކުގައި ހަރަކާތްތެރިކުރުވުމަށް ކަމަށެވެ.

comment ކޮމެންޓް