ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ރެފްރީން އާ ހަރުފަތަކަށް!

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުގައި ރެފްރީ ޝިފާން ކޮމިއުނިކޭޝަން ސިސްޓްމް އަޅަައިގެން ދަނޑު މަތީގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ރާއްޖޭގެ ފުޓްބޯޅަ ތާރީޚްގައި ފުރަތަމަ ފަހަރަށް ރެފްރީން ޒަމާނީ އާލާތްތައް ބޭނުން ކުރަން ފަށައިފިއެވެ. އެގޮތުން އިއްޔެ ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މާޒިޔާ ސްޕޯޓްސް ކުލަބާއި ބީޖީ ސްޕޯޓްސް ކުލަބު ކުޅުނު މެޗުގައި ރެފްރީ އިސްމާއިލް އިޒްހާން ވަނީ ކޮމިއުނިކޭޝަން ސިސްޓަމް އާއި އެކު ދަނޑު މަތީގައި ވެނިޝް ސްޕްރޭ ވެސް ބޭނުން ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން 'ސަން'އާ ވާހަކަ ދައްކަމުން ރާއްޖޭގެ ހެޑް އޮފް ރެފްރީޒް އަހުމަދު އަމީޒް ވިދާޅުވީ، ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެގެ މެޗުގައި ބޭނުން ކުރަން އެ ފެށި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ހުރިހާ ގޮތަކުން ވެސް ދިވެހި ރެފްރީން ކުރަމުން އަންނަ މަސަތްކަތްތަށް ޕްރޮފެޝަންލް ވެފައި ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެ ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުގައި ރެފްރީ ޝިފާން ވެނިޝް ސްޕްރޭ ބޭނުން ކުރަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ކުރިންނަމަ ދަނޑު މަތީގައި ހުންނަ ރެފްރީ ބަދަލު ރެފްރީންނާ ވާހަކަ ދައްކަން ބޭނުން ނަމަ ޖެހޭނީ ދުވެފައި އެ ރެފްރީ އަކު ހުރި ހިސާބަކަށް ދާން. ނަމަވެސް މިހާރު ވަރަށް ލުއި ފަސޭހަ ވާނެ،" އަމީޒް ވިދާޅުވިއެވެ.

"ރާއްޖޭގެ ފީފާ ރެފްރީން ވަރަށް ގިނައިން ދާނެ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ވެސް. އެ ގައުމު ތަކުގައި ޒަމާނީ ގިނަ ވަސީލަތްތައް ބޭނުން ކުރަމުންދާ އިރު އިއްޔެ ރާއްޖޭގައި ތައާރަފް ކުރި ވަސީލަތްތަކުން އެ ރެފްރީން ނަށް ވަރަށް ގިނަ ފަސޭހަ ތަކެއް ވާނެ،" އަމީޒް ވިދާޅުވި އެވެ.

އަމީޒް ވިދާޅުވީ، ރެފްރީން ވެނިޝް ސްޕްރޭ އާއި ކޮމިއުނިކޭޝަން ސިސަޓްމް ބޭނުން ކުރަމުން އަދި ދާނީ ހަމަ އެކަނި އެއް ވަނަ ޑިވިޝަނުގެ މުބާރާތްތަކުގައި ކަމަށާއި ނަމަވެސް މުސްތަގްބަލްގައި އެފްއޭއެމް އިން ކުރިއަށް ގެންދާ ހުރިހާ މުބާރާތްތަކުގައި ވެސް އެ ވަސީލަތްތައް ބޭނުން ކުރާނެ ކަމަށެވެ.

ދަނޑު މަތީގައާއި ދަނޑުން ބޭރުގައި ވެސް ރެފްރީން ތަފާތު އެކި އާލާތްތަށް ބޭނުން ކުރަމުން ދާއިރު އަމީޒް ވިދާޅުވީ، ރާއްޖެ ފަދަ ގައުމަކުން މިވަގުތު ބޭނުން ކުރަމުން މިދަނީ މި ގައުމުގެ ފުޓްބޯޅައަށް އެންމެ އެކަށީގެންވާ އާލާތްތައް ކަމަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗުގައި ރެފްރީ ޝިފާން ކޮމިއުނިކޭޝަން ސިސްޓްމް އަޅަައިގެން ދަނޑު މަތީގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރޭ ވަރަށް ފެންވަރު ރަނގަޅު ވަސީލަތްތައް. ނަމަވެސް ގޯލް ލައިން ޓެކްނޮލަޖީ ފަދަ ވަސީލަތް ތަކަކީ ރާއްޖެ ފަދަ ގައުމަކަށް ބޭނުން ކުރެވޭ ވަރަށް ވުރެ އަގު ބޮޑު ވަސީލަތެއް،" އަމީޒް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި 2000 ވަނަ އަހަރުން ފެށިގެން ރެފްރީން ދަނޑު މަތީގައި ވެނިޝް ސްޕްރޭ ބޭނުން ކުރަން ފަށާފައިވާރު ފީފާ އިން ރަސްމީކޮށް އެ ސްޕްރޭ ބޭނުން ކުރަން ފަށާފައި ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައެވެ. ނަމަވެސް ރެފްރީން ބޭނުން ކުރަމުންދާ ކޮމިއުނިކޭޝަން ސިސްޓަމަކީ ވަރަށް ކުރީން ފެށިގެން ވެސް ބޭނުން ކުރަމުންދާ އާލާތެކެވެ.

comment ކޮމެންޓް