ސިޓީއިން ބްރައިޓަން ބަލިކޮށް، ލީގަށް ކުރާ އުންމީދު އާކޮށްފި

ޑި ބްރުއިނާ އާއި ފޯޑެންވެސްވަނީ ރޭގެ މެޗުގައި ސިޓީއަށް ލަނޑު ޖަހައިދީފައި / ފޮޓޯ: ޔޫރޯ ސްޕޯޓް

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލީގު ދިފާއު ކުރުމަށް ކުރާ އުންމީދު ސިޓީން އާކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު ބްރައިޓަން ފެނުނީ އާންމުކޮށް އެޓީމުގެ ފަރާތުން ފެންނަ އެޓޭކިން ގޭމުގެ ބަދަލުގައި ޑިފެންސްއަށް އިސްކަން ދީގެން ލިބޭ ފުރުސަތުގައި ކުޅެވޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ސިޓީގެ ފެށުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އެޓީމުން ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގިއެވެ. އެ ލަނޑު ކަމިޔާބު ކޮށްދިނީ ކެވިން ޑި ބްރުއިނާއެވެ. ސިޓީގެ ކެޕްޓަން ކައިލް ވޯކާ ނަގައިދިން ހުރަހަކުން މިލަނޑު ޑި ބްރުއިނާ ކާމިޔާބު ކޮށްފައިވަނީ ބޮލުން ޖަހައި ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

މިއީ ޕްރިމިއާ ލީގުގައި ޑި ބްރުއިނާ މިހާތަނަށް ކާމިޔާބު ކޮށްފައިވާ 68 ލަނޑުގެ ތެރެއިން ބޮލުން ޖަހައި ގޯލެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިމެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ބްރައިޓަންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިނީވެސް ފޯޑެންއެވެ.

މިމެޗުގެ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބްރައިޓަންއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. މިގޮތުން މިހާފުގައި އެޓީމުން ހަމަލާއަށް ބޮޑަށް އިސްކަން ދިންކަން ފާހަގަ ކުރެވުނެވެ. އަދި ފުރަތަމަ ހާފާ ޚިލާފަށް މިހާފުގައި ބްރައިޓަންގެ ފަރާތުން ރަނގަޅު ދެތިން ހަމަލާއެއް އުފެއްދި ތަންވެސް ފެނުނެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީ އާއެކު ސިޓީ މިހާރުވަނީ ކުޅުނު 33 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ އާސެނަލްއާ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ދެޓީމުގެ ދެމެދުގައިވާ ގޯލްގެ ތަފާތުވެސް މިހާރުވަނީ އަށް ލަނޑަށް ކުޑަކޮށްފައެވެ. އަދި ސިޓީއިން އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވުމުން އެމެޗު ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތުވެސް ސިޓީއަށް އެބައޮތެވެ. މިމެޗުން ބަލިވުމުން ބްރައިޓަން މިހާރު އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.

comment ކޮމެންޓް