އެދިއެދި ވެސް ތަޅުމަށް ހާޒިރުވީ 10 މެންބަރުން، ޖަލްސާ ނިންމާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މިއަދު ޖަލްސާއަށް އެއްގޮތަކަށް ކޯރަމް ހަމައެއް ނުކުރެވުނު -- ފޮޓޯ/ މަޖިލީސް

ތަކުރާރުކޮށް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުވާން އެދުމުން ވެސް، މަޖިލީހުގެ ޖަލްސާ ފަށަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުނުވުމުން އެންމެ ފަހުން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ތާވަލުކޮށްފައި އޮތީ 9:00 އަށެވެ.

އެކަމަކު، ގާނޫނުއަސާސީން މަޖިލީހުގެ ޖަލްސާތައް ފަށަން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން 11:05 ވަންދެން ވަނީ ތަކުރާރުކޮށް ޖަލްސާ ފަށަން މަސައްކަތްކޮށްފައެވެ. އެގޮތުން، 9:30 ގައާއި 10:00 ގައި ވެސް ޖަލްސާ ފެށޭތޯ މަސައްކަތްކޮށްފައިވެއެވެ.

"މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް އަޅުގަނޑަށް ބަލައިލެވިއްޖެ. ކޯރަމް 11 ގެ ފަހުން ވެސް ޖަހައި ފަސް މިނެޓު ވެސް މިހާރު ހަމަވީ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން،" ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

މި ވަގުތު 10 މެންބަރުން މަޖިލީހުގެ ފްލޯގައި ވަޑައިގެން ތިއްބެވީ،"

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: އެ މަނިކުފާނު ވަނީ ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް މަސައްކަތް ކުރައްވާފައި -- ފޮޓޯ/ މަޖިލީސް

ޖަލްސާ ފަށަން މަސައްކަތްކުރެއްވިއިރު، އަސްލަމް މީގެ ކުރިން ވަނީ ބައެއް މެންބަރުން މަޖިލީހުގެ ގޯތިތެރޭގައި ތިއްބެވިކަން ފާހަގަކުރައްވައިފައެވެ. އެކަމަކު، ކޯރަމްގެ ބެލް ޖެހުމުން ވެސް އެ މެންބަރުން ތަޅުމަށް ވަޑައިގެންފައެއް ނުވެއެވެ.

އެގޮތަށް މެދުވެރިވީ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން 87 މެންބަރުން ތިބޭ މި 19 ވަނަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން 22 މެންބަރުން މަދުވެގެން ހާޒިރުވާންޖެހެއެވެ. އެ އަދަދު ހަމަނުވާނަމަ، ޖަލްސާ ކުރިއަކަށް ނުގެންދެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ވެސް ނުފެށުނުއިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

https://sun.mv/191695

އެގޮތުން، މެންބަރުން ވަޒީރުންނާ ކުރަން ހުށަހަޅާފައިވާ 21 ސުވާލެއް ޖަވާބު ނުލިބި އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތް ކަމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އަސްލަމް ވަނީ ފާހަގަކުރައްވައިފައެވެ.

އެ މަސައްކަތްތައް ނިންމަން މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އިއްޔެ ވެސް އަސްލަމް ވިދާޅުވިއެވެ.

މި ހިނގާ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހުއެވެ. އޭގެ ކުރިއަށް އަންނަ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހަށް ވެސް ޖަލްސާ އެޖެންޑާކޮށްގެން މަސައްކަތްތައް ނިންމަން ހުރަހެއް ނެތް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އަލަށް އިންތިޚާބުވި 20 ވަނަ މަޖިލީހުގެ ދައުރު ފެށޭނީ މި މަހު 28 ގައި އެ މެންބަރުން ގާނޫނީ ހުވާ ކުރެއްވުމުންނެވެ.

comment ކޮމެންޓް