އަމިއްލަގޮތުން އިންތިޚާބުވި އާޒިމް ވެސް ޕީއެންސީއަށް ސޮއިކޮށްފި

އަމިއްލަގޮތުން ވާދަކޮށްގެން ވިލިނގިލީ ދާއިރާއަށް އިންތިޚާބުވި އާޒިމް އަބްދުލްއަޒީޒު: އޭނާ ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފައި -- ފޮޓޯ/ ޕީއެންސީ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކޮށް، ވިލިނގިލީ ދާއިރާއަށް އިންތިޚާބުވި އާޒިމް އަބްދުލްއަޒީޒް ވެސް އިއްޔެ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވި ނައިފަރު ދާއިރާގެ އިންތިޚާބީ މެންބަރު ޔާސީން އަބްދުﷲ ވެސް އިއްޔެ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އާޒިމް ވިލިނގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޔަޒްމީދު މުހައްމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ އިއްޔެ އާޒިމް ވެސް ޕީއެންސީއަށް ސޮއިކުރިކަން 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަމިއްލަ ގޮތުން ވާދަކުރި އާޒިމް ވަނީ 1،170 ވޯޓު ހޯއްދަވައިފައެވެ. ޕީއެންސީގެ ކެންޑިޑޭޓު ޔަޒްމީދަށް ލިބިފައިވަނީ 1،001 ވޯޓެވެ. މިހާރު އެ ދާއިރާގެ މެންބަރު ސައުދު ހުސައިނަށް ލިބިވަޑައިގަތީ 240 ވޯޓެވެ. ދެން ވާދަކުރެއްވި ކެންޑިޑޭޓުންނަށް އެ ވަރަށް ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ނައިފަރު ދާއިރާގެ އިންތިޚާބީ މެންބަރު ޔާސީން އަކީ ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ހުންނެވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައި، ޅ އަތޮޅު ކައުންސިލްގެ ރައީސްކަމުގައެވެ.

އަމިއްލަގޮތުން އިންތިޚާބުވި ދެ މެންބަރުން ޕީއެންސީއަށް ސޮއިކޮށްފައިވާއިރު، އަމިއްލަގޮތުން ހޮވޭ މެންބަރުން ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް ބުނެ އެމްޑީޕީގެ މެޖޯރިޓީން އޮތީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ. އެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީޤު ވެސް ކުރައްވައިފައެވެ.

އެކަމަކު، އަމިއްލަގޮތުން ވާދަކުރައްވާ މެންބަރުން ދައުރުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފިނަމަ، ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތެވެ.

ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީގައި ވެސް ހިމަނަން މިހާރު މަޖިލީހުގައި ބިލެއް އެބައޮތެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.

comment ކޮމެންޓް