އިދިކޮޅު އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމައިލިއިރު ހުރިހާ ކަމެއް އޮތީ ފެއިލްވެފައި ކަމަށާއި، މިހާރުގެ ސަރުކާރުގެ ބޮލުގައި އަޅުވަން މަސައްކަތްކުރާ އިލްޒާމްތަކަކީ ކުރީ ސަރުކާރުން ހިންގައިފައި ހުރި ގޯސްތައް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީން މިއަދު ބުނެފިއެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕޭނާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހީނާވަނީ އިދިކޮޅުން ސަރުކާރަށް ނިސްބަތްކޮށް ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
އިދިކޮޅުން ބުނާ ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ މަޝްރޫއުތައް އޮތީ ހުއްޓައިލައިފައެވެ. އަދި ވައުދު ފުއްދުން ލަސްވެ، ރައްޔިތުން ތިބީ މާޔޫސްވެފައެވެ.
ނަމަވެސް ހީނާ ވިދާޅުވީ އެއީ ކުރީ ސަރުކާރުގެ ކަންކަން ހުރި ގޮތްކަމަށެވެ. އަދި އެއީ އެ ސަރުކާރުން ފެއިލްވެފައިވާކަން ހާމަވާ ކަންކަން ކަމަށެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވައިލަން ބޭނުންވަނީ ވެރިކަން ނިމުނުއިރު ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އޮތީ ޕްރޮޖެކްޓުތައް ހުއްޓިފައޭ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި އޮތީ އެ ބޭފުޅުން ކުރެއްވިި ހުރިހާ ކަމެއް އޮތީ ފެއިލްވެފައޭ،" ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އޮތީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި ވެސް ކުރީ ވައްކަން ކަމަށެވެ. އަދި އިގްތިޞާދީ ހާލަތު ދަށްވެ، ގައުމު އިނދަޖެހުނީ ކަމަށެވެ.
އަދި ކުރި ކަމަކީ "ގާނޫނުތަކުގައި ތަޅު އަޅުވައިގެން ފައިސާ ޗާޕުކުރުން" ކަމަށް ހީނާ ވިދާޅުވިއެވެ.
އެހެންކަމުން މިސްރާބު ހަމަ މަގަށް އެޅުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކުމުގެ ފުރުސަތު ނޯންނާނެކަމަށް ވެސް ހީނާ ފާހަގަކުރެއްވިއެވެ.
އެއާއެކު ހީނާވަނީ މި ސަރުކާރުން މަސައްކަތް ކުރަނީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ފުއްދައިދިނުމަށް ކަމަށެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންގެ އަމާޒަކީ ވެސް އެއީ ކަމަށް ހީނާ ވިދާޅުވިއެވެ.