ގޯސް ހެދި މީހުން އަނެއްކާ ވެސް ހޮވަނީތަ؟

މިހާރު ހިނގަމުން އަންނަ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކެއް: ވޯޓު ލުމުގެ ކުރިން ރައްޔިތުން ވިސްނަން ޖެހޭ--

އޭގެ ތެރެއިން އެއް ބަޔަކު އުޅުނީ ފައިސާ ބެހުމާއި ހިފުމުގައެވެ. އަނެއް ބަޔަކު އުޅުނީ ލިބުނު ބާރުގެ ބޭނުންކޮށްގެން އަމިއްލަ ތަނަވަސްކަން ބޮޑު ކުރާށެވެ. ދެން ތިބި މީހުން އަމަލު ކުރަމުން އައީ ފައިސާ ދިން ކޮޅެއް ބުނިގޮތަށެވެ. މިހެންގޮސް ކުރަން ނުވާނެ އެތައް ކަމެއް ކުރިއެވެ. އެ މީހުންގެ ތެރެއިން ގިނަ ބަޔަކު އަނެއްކާ ވެސް އެ ތިބީ މާދަމާ އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަ ކޮށްގެން، ގޮނޑި ކަށަވަރު ކުރުމަށް ފޫގަޅައިގެންނެވެ. ވޯޓު ދިނުމުގެ ކުރިން ރައްޔިތުން ވިސްނަންވީ ޓްރެކް ރެކޯޑަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކިތަންމެ ބޮޑު މުސާރައަކާއި އިނާޔަތްތަކެއް ލިބޭ ބައެއް ނަމަވެސް އެ މެންބަރުންނަށް ނުލިބޭ އެއްޗަކީ ރައްޔިތުންގެ އިހުތިރާމާއި ގަދަރެވެ. ދިވެހީންގެ ތެރޭގައި އެންމެ ކޮރަޕްޓް މުއައްސަސާކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. ޓްރާންސްޕޭރަންސީއިން 2013 ވަނަ އަހަރު ހެދި ދިރާސާއިން ވެސް ދައްކަނީ އެ ބޮޑު މަންޒަރެވެ. ގިނަ އާއްމުން ގަބޫލު ކުރާގޮތުގައި މަޖިލީހުގެ މެންބަރުންނަކީ އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތާއި ވިޔަފާރި އިސްކޮށްގެން އަމަލު ކުރާ ބައެކެވެ. ގޮނޑި ލިބުމާއެކު އެ މެންބަރުން މުޅިންހެން އިސް ކުރަނީ އަމިއްލަ މަސްލަހަތެވެ. އެއީ ހިއްސާގެ ބާޒާރެކޭ އެއްގޮތަށް ގޮނޑި ވިއްކާ ތަނެއްގެ ގޮތުގައި އާއްމުންދެކެވެ. އެކަމުގެ ހެކި ވަރަށް ރީއްޗަށް ފެންނަން އެބަހުއްޓެވެ.

މާދަމާ އޮންނަ މަޖިލިސް އިންތިޚާބުގެ ވޯޓަކީ މިހާރު ޚަރާބު ވެފައިވާ މަޖިލިސް އިސްލާހު ކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތެކެވެ. އެކަމަކު އެކަން ވާނީ ގާބިލު، އަދި ރަނގަޅު ކެންޑިޑޭޓް ހޮވައިގެންނެވެ. އިންތިޚާބުގައި ވާދަ ކޮށްފައިވާ ގިނަ މީހުންނަކީ ކުރިން މަޖިލީހުގެ މެންބަރު ކަމާއި އެހެން މަގާމުތައް ވެސް ފުރުއްވާފައި ތިއްބެވި ބޭފުޅުންނެވެ. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ ކުރިން އެ ބޭފުޅުން އޭރު އަމަލު ކުރިގޮތް ވިސްނާލަން ޖެހެއެވެ. ނޫނީ އަނެއްކާ ވެސް މި ދެވެނީ އެފަދަ ކަމެއް ކުރަން އިތުރު ފުރުސަތެކެވެ.

ނުހޮވަންވީ ކޮން ބައެއް؟

މާދަމާގެ އިންތިޚާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންނަކީ ކުރިން ލިބުނު ފުރުސަތުގައި ގޮނޑި ވިއްކި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ. ފުރަތަމަ ދެއްކި ވާހަކައާއި ފަހުން ދެއްކި ވާހަކަ ދިމާ ނުވާ ބޭފުޅުންނެވެ. ކުއްލިއަކަށް ޕާޓީ ބަދަލު ކުރުމާއެކު އުޅެމުންދިޔަ ދިރިއުޅުން އެހެން ހަރުފަތަކަށް މާލީ ގޮތުން ބަދަލުވި ބޭފުޅުންނެވެ. ރައްޔިތުން ވޯޓު ދިން ފިކުރު ދޫކޮށް، އަމިއްލަ މަސްލަހަތު އިސްކުރި ބޭފުޅުންނެވެ. މިފަދަ ބޭފުޅަކަށް ވޯޓުދީފިނަމަ ދެން ވެސް އަމަލު ކުރާނީ ކުރިން ކުރިހެން ކަމަށްވުން ވަރަށް ގާތެވެ. އެހެން ކަމުން ގޮނޑި ވިއްކި ބޭފުޅަކަށް ވޯޓު ދޭނެ ކަމެއް ނެތެވެ.

މީގެ ކުރިން މެންބަރުކަން ކޮށްފައިވާ ނުވަތަ މިހާރު ކުރަމުން އަންނަ ބައެއް ބޭފުޅުންނަށް ބެލި ނަމަވެސް ނުވަތަ ސަރުކާރުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް ބެލި ނަމަވެސް އިންތިހާއަށް ކޮރަޕްޓް އެތައް ބޭފުޅުންނެއް ފާހަގަވެއެވެ.

އޭގެ ތެރެއިން ގިނަ ބަޔަކު މަޖިލިސް އިންތިޚާބުގައި ވާދަކުރެއެވެ. ހުސް އަތާ އެ ބޭފުޅުން މަގާމުތަކަށް ގޮސް ދައުރު ނިމުނުއިރު މުސާރައާ ނުބައްދަލު އެތައް މަންފާއެއް ހޯދިއެވެ. ނުހައްގު ފައިސާއިން ގޯއްޗާއި ފްލެޓާއި އެހެނިހެން ތަކެތި ހޯދިއެވެ. ދަރާވިކޭ ވަރަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެއެވެ. ގައުމަށް ހިދުމަތް ކުރުމުގެ ނަމުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާއިރު މިފަދަ ބޭފުޅަކަށް ވޯޓުދީފި ނަމަ އެއީ އަނެއްކާ ވެސް ކޮރަޕްޝަނަށް ދެވޭ ފުރުސަތެވެ.

ކޮރަޕްޝަން ދައްކުވައިދޭ ގްރެފިކްސްއެއް--

ބައެއް ކެންޑިޑޭޓުންނަށް ބަލާއިރު ދެން ފާހަގަވާ އަނެއް ކަމަކީ ކުށުގެ ރެކޯޑެވެ. އެތައް ކުށެއްގެ ތުހުމަތު ކުރެވި، އެތައް ފަހަރަކު ހައްޔަރުކޮށް ޖަލަށް ލާފައިވާ ކެންޑިޑޭޓުން އެބަތިއްބެވެ. ހުކުމެއް ނެތުމުގެ ސަބަބުން ކުރިމަތި ލެވުނު ނަމަވެސް އެއް ކުށެއްގައި އެތައް ފަހަރަކު ބަންދުކޮށްފައި ވުމަކީ ނުރައްކަލުގެ ނިޝާނެކެވެ.

ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގޭންގްތަކާއި މީހުން މަޖިލީހަށް ވަންނަން ބޭނުންވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރެއިން މައިގަނޑު އެއް ކަމަކީ އެ މީހުންނަށް ކުށް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކޮށް އެގޮތަށް މަގު ފަހި ކުރުމެވެ. މިފަދަ މީހުން ހޮވައިފިނަމަ އެ ފުރުސަތު ދެވެނީ ކުށުގެ ހާއްޔަކަށް ރާއްޖެ ހެދުމުގެ ފުރުސަތެވެ. އެހެންކަމުން ވޯޓުލުމުގެ ކުރިން ކުށުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ކެންޑިޑޭޓުންނާއި ކުށްކުރާ މީހުންގެ ފަރާތުން ނެރިގެން އުޅޭ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހެއެވެ. މާތްވެގެންވާ އިސްލާމް ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް އިސްކަން ދޭ ކެންޑިޑޭޓުންނަށް އިސްކަން ދިނުމުން މި މައްސަލަ ހައްލުވާނެއެވެ.

ގައުމެއްގެ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ ގާނޫނު ހަދާ މެންބަރުންނަކީ ކަންކަމުގައި ފަހި ވިސްނުން ގެންގުޅެ، ދުނިޔެއަށް ހޭލުންތެރި އަދި ތަހުޖީބުކޮށް ކަންކަން ކުރަން އެނގޭ ބަޔަކަށް ވާންޖެހެއެވެ. އެކޮޅު، މިކޮޅު ދަންނަ ބަޔަކަށް ވާން ޖެހެއެވެ. އޭގެ ބަދަލުގައި ކަންކަމުގައި އެންމެ ހަރުކަށި ފިކުރުތައް ގެންގުޅޭ މީހުން ހޮވައިފިނަމަ އެ މީހުން ވަކާލާތުކޮށް އަދި ފާސްކުރާ ގާނޫނުތަކަކީ އެހާ އެދެވޭ އެއްޗަކަށް ނުވާނެއެވެ. އެހެންކަމުން އެއްވެސް ދާއިރާއަކުން ހަރުކަށި ފިކުރުގެ މީހަކަށް ވޯޓުދީގެން ނުވާނެއެވެ. ކަންކަމުގައި ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޮވައިފިނަމަ މަސްލަހަތު ގެއްލި ހަމަނުޖެހުންތައް އުފެދުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގެ މަޖިލިސްތަކަށް ބަލާއިރު ފެންނަ މަންޒަރަކީ އެކިއެކި ކަންކަމުގައި ބަހުސް ކުރާއިރު ދިރާސާތަކާއި އިލްމީ ކަންކަމުގެ އަލީގައި ބަހުސް ކުރާ މަންޒަރެވެ. އެ ގައުމުތަކުން ކުރާ ކަންކަން ދެކޮޅު ޖެހެނީ އެ ސަބަބުތަކާ ހުރެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ މަޖިލީހުން ގިނައިން ފެންނަނީ ގެރި ޒުވާބު ކުރާ މަންޒަރެވެ. ހިތްހަމަ ނުޖެހޭ ކަމެއް ހިނގާނަމަ ބެރުދުންމާރި، ތާޅަފިލި ފުމޭތަނެކެވެ. ތަޅައިފޮޅާ މާރާމާރީ ހިންގާތަނެވެ. އެހެން އެވަނީ ތައުލީމީ، ގާބިލު މީހުންނަށް ފުރުސަތު ދެވޭލެއް މަދުވީމައެވެ. ކަންކަމާ ވިސްނަން އެނގޭ، އަދި ދިރާސާކޮށްގެން އޮއްޓަރުހުރި ވާހަކަތައް ދައްކާ، އަދި އޭގެ މައްޗަށް އަމަލު ކުރާ މީހުން ހޮވަންވީ އެ ސަބަބާ ހުރެއެވެ. އެކަން ވާނީ ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު، އިލްމާއި ހިލްމު ހުރި ކެންޑިޑޭޓުންނަށް އެ ފުރުސަތު ދީގެންނެވެ. އެހެން ކަމުން ވޯޓު ދިނުމުގެ ކުރިން އެ ކެންޑިޑޭޓެއްގެ އިލްމާއި ހިލްމާ މެދު ވިސްނާފައި ގޮތެއް ނިންމުން ވަރަށް މުހިންމެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި: ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ވޯޓުލުމުގައި ރައްޔިތުން ސަމާލުވަން ޖެހޭ-- ސަން ފޮޓޯ: މުޙައްމަދު މާވީ

ފައިސާއާއި އަމިއްލަ އެދުމުގެ އަޅަކަށް ނުވޭ

މާދަމާގެ ވޯޓަށް ފަހު ރައްޔިތުންގެ ހަގީގީ ބާރު އެ ކުޑަވަނީއެވެ. ދެން ބާރު އޮންނާނީ ހޮވި މެންބަރުގެއެވެ. ކެންޑިޑޭޓް ދޭ ފައިސާ ކޮޅަށް ނުވަތަ ހޯދައި ދިން ވަޒީފާއަށް ނުވަތަ ފްލެޓަށް ޓަކައި ވޯޓު ދެވިއްޖެނަމަ ފަހުން ހިތާމަ ކުރަން ޖެހޭނެއެވެ. ރިޝްވަތުގެ ގޮތުގައި އެ ބަހާ ފައިސާ އެ ކެންޑިޑޭޓު ހޮވުމުން ހޯދާނީ ކޮރަޕްޓް ވެގެންނެވެ. މަޖިލިސް މެންބަރަކަށް މަހަކު ލިބޭ 82،500 ރުފިޔާގެ ބޮޑު މުސާރައާ އެކު ވެސް ދައުރެއް ނިމޭއިރު ޖުމުލަ ލިބޭނީ 4,950,000 ރުފިޔާއެވެ. ނަމަވެސް ގޮނޑި ހޯދަން އޭގެ އެތައް ގުނައެއް އިތުރަށް ބޮޑެތި ހޭދަތައް ކެންޑިޑޭޓުން އެބަކުރެއެވެ. މިހާ ބޮޑު ހޭދައެއް ކޮށްފައި ގޮނޑި ލިބުމުން ކުރި އިންވެސްމަންޓް ހޯދަން ގިނަ ފަހަރަށް މި ވަނީ ކޮރަޕްޓެވެ.

ކޮރަޕްޓް، ކުށްކުރާ، ހަރުކަށި ފިކުރުގެ، ތައުލީމު ނެތް މީހުން މަޖިލީހަށް ހޮވިއްޖެނަމަ އެކަމުގެ ސަބަބުން ވެރިކަމާއި ޑިމޮކްރަސީއަށާއި މުޅި މުޖުތަމައުއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. ޖުމުލަކޮށް މިކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެއެވެ. އެއީ ނާގާބިލް މީހުން ހޮވުމުން އެ މީހުން އަމަލު ކުރާ ގޮތުން ތަރައްގީ ހުއްޓި، ހަމަނުޖެހުން އުފެދި އެފަދަ އެތައް ކަމެއް ހިނގާނެތީއެވެ. އެހެންކަމުން ވޯޓު ދިނުމުގެ ކުރިން ރައްޔިތުން އެތައް ފަހަރަކު ވިސްނަން ޖެހެއެވެ.

comment ކޮމެންޓް