ޔާމީންގެ ބޮޑު ތުހުމަތެއް: 'ޕީއެންސީން އުޅުނީ ފާތުންއާއި ޒޭން ހައްޔަރުކުރަން'

ކުރީގެ ރައީސް ޔާމީން އަދި ދަރިކަލުން ޒޭން: ޔާމީން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެ މަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގަތްނަމަ، އެ މީހުން ވެސް ހައްޔަރުކުރާނެ ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ޔާމީނަށް ވަފާތެރި އަންބަކު ނުވަތަ ދަރިޔަކު ވެސް ނެތް ކަމަށާއި އެ މަނިކުފާނަށްޓަކާ މަގުމަތީ މުޒާހަރާތަކުގައި ގުރުބާންވީ މިހާރު ޕީއެންސީގެ ލީޑާޝިފުގައި ތިއްބެވި ބޭފުޅުންކަމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

"މި ތިބީ އިޚްލާސްތެރިން. އިޚްލާސްތެރިވި އަންބަކު ދަރިއަކު ވެސް މި ގައުމަކު ނެތް. އެކަން ދެލޮލުން ދެކިފައި މި ވާހަކަ މި ދައްކަނީ. ވަރަށް އަސަރުކުރޭ އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލުގައޭ އަޅުގަނޑު އުޅުނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

https://sun.mv/190662

އެ ވާހަކަތަކަށް ރައްދުދެއްވާ ޔާމީން ރޭ ވަނީ މެޑަމް ފާތުމައަކީ ޕީޕިއެމްގެ ލީޑާޝިޕްގައި ނައިބު ލީޑަރެއްގެ މަގާމުގައި ހުރި މީހެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި، އެ މަނިކުފާނު ޖަލުގައި އެ އޮންނެވީ މީހެއްގެ ފިރިއަކަށް ވީތީތޯ ނުވަތަ ސިޔާސީ ލީޑަރަކަށް ވުމުންތޯ ވެސް ސުވާލު ކުރެއްވިއެވެ.

"ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން ނުކުރި ކަމެއްގެ ވާހަކަ ކީއްވެގެންތޯ އަޅުގަނޑުގެ އާއިލާގެ ބޮލުގައި އަޅުވަނީ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ހައްގުގައި މީހުން މުޒާހަރާއަށް ނުކުތުމުން އެ މީހުންގެ ތެރެއިން ހައްޔަރުކުރަންވީ ކޮން ބައެއްކަން ފުލުހުންނަށް އަންގަނީ ޕީޕިއެމް ލީޑާޝިޕުގެ ކޮންބައެއްކަން އެ މަނިކުފާނަށް އެނގިލައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާގައި ޔާމީން އަދި ޕާޓީގެ ލީޑާޝިޕް: އެ މަނިކުފާނު ވަނީ ޕީއެންސީގެ ލީޑާޝިޕަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"... އަޅުގަނޑު ޖަލުގައި ހުންނައިރު އަޅުގަނޑު އާއިލާގެ ފަރާތުން އަޅުގަނޑު ރަހުމަތްތެރިން ކައިރީ، އަޅުގަނޑަށް ހެޔޮއެދޭ މީހުން ކައިރީ، ބޭރު ސަރުކާރުތައް ވިއަސް ވެސް ވާހަކަ ބުނަން ތިބީ ދެ މީހަކު. އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު ޒޭން، ދެން އަޅުގަނޑުގެ އަންހެނުން ފާތިމަތު. ދެން މި ދެ މީހުން މަގުމައްޗަށް ނުކުތިއްޔާ ހަމަ މިތާ އެތެރެއިންނޭ އަންނާނީ އެންމެ ފުރަތަމަ ހިފާ ހައްޔަރުކުރަން ޖެހޭނީ މި މީހުންކަން،" ޔާމީން ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ޔާމީން ވަނީ އަބްދުއްރަހީމްގެ އާއިލާ ބޭފުޅުންނަށް ސަރުކާރުން ވަޒީފާތައް ލިބުނީ މަގުމަތީގައި މުޒާހަރާ ކުރަން އުޅުއްވައިގެންތޯ ސުވާލު އުފައްދާފައެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 25، 2022ގައި ހުކުމްކުރީ، ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވުމުންނެވެ.

ޖަލު ހުކުމާ ހެދި، އެ މަނިކުފާނު މީގެ ކުރިން އިސްކޮށް ހުންނެވި ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލުނެވެ. އެ މަނިކުފާނުގެ ބަަދަލުގައި އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ މިހާރު އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މި ހަރަކާތުގައި ޔާމީންގެ އެންމެ އަރިސްކޮށް އުޅުއްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލެވެ.

comment ކޮމެންޓް