ދުނިޔެއަށް ސުވަރުގެއެއް ފަދަ ރާއްޖެ، އަހަރަމެންނަށް ހުރަގެއެއް، ކީއްވެ؟

އަހަރަކު ދެ މިލިއަނެއްހައި ފަތުރުވެރިން މި ކުޑަކުޑަ ރާއްޖެއަށް ޒިޔާރަތްކުރަނީ މިއީ ދުނިޔެ މަތީގެ ސުވަރުގެ ކަމަށް ބަލައިގެންނެވެ. މި ގައުމުން އެ މީހުންނަށް ނުލިބޭ އުފަލެއް، އަރާމެއް ނެތެވެ. މިއީ އެ މީހުންނަށް ދުނިޔެމަތީގެ ހާސްކަމާއި، ރުޅިވެރިކަމާއި، ކަންބޮޑުވުންތަކުން ފިލުވައިލާ މަންޒިލެކެވެ. އުފަލާއި އަރާމާއި ހިތްހަމަޖެހުމުގެ މަންޒިލެކެވެ.

ނަމަވެސް މި ރާއްޖެ އަހަރުމެން ދިވެހީންނަށް ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ "ނަރަކަ"އެއް ފަދައެވެ. މިއީ ގިނަ ދިވެހީން ސިފަކުރާ ގޮތެވެ. ކޮންމެވެސް ކަމަކާމެދު ޝަކުވާއާއި ކަންބޮޑުވުމުގެ ވާހަކައެއް ނުބުނެ ނުދާ ދުވަހެއް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް މަދެވެ. އެހެން މީހުންގެ ލޯތަކަށް ދުނިޔެ މަތީގެ ސުވަރުގެ ފެންނައިރު، އަހަރުމެން ދިވެހީންގެ ލޯމަތިން މި ތަނުގެ އުނިސިފަތަކާއި ހަޑިތައް ފިލައި ނުގޮސްގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ވަރުބަލިކަމާއި ނުތަނަވަސްކަން އިހުސާސުވެ ގައުމާމެދު މާޔޫސްވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ.

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން -- ފޮޓޯ/ އެމްއެމްޕީއާރުސީ

ހެޕިނަސް އިންޑެކްސްގައި ރާއްޖެ އޮތް ހިސާބު

ދެހާސް ބާރަވަނަ އަހަރުގެ ޖުލައި މަހުގެ 12ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި 281/66 ރިޒޮލިއުޝަނާއެކު 2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާޗު 20ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހުގެ ގޮތުގައެވެ.

މި ދުވަސް ފާހަގަކުރަން ނިންމުމާއެކު 2013ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ހެޕިނަސް އިންޑެކްސް ރިޕޯޓުގެ ނަމުގައި ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންގެ އުފާވެރިކަން ވަޒަންކޮށް، އެ ކަމުގެ މައުލޫމާތު ހިމަނައި ހެޕިނަސް އިންޑެކްސް ރިޕޯޓެއް އަންނަނީ ޝާއިޢުކުރަމުންނެވެ.

މި ރިޕޯޓުގެ މައިގަނޑު ބޭނުމަކީ އެ ގައުމެއްގެ ކާމިޔާބާއި ކުރިއެރުމަކީ އެ ގައުމެއްގެ ރައްޔިތުންގެ އުފާވެރިކަން ބަލައި ވަޒަންކޮށްގެން ބެލޭ އެއްޗެއްކަމުގައި ހެދުމެވެ. ބޫޓާނުގެ ތެރެއިން އުފަންވި ގްރޮސް ނެޝަނަލް ހެޕިނަސްގެ ތެރެއިން، ހެޕިނަސް އިންޑެކްސް ބެލުމަށް ޓަކައި، ގިނަ ކަންތައްތަކަކަށް ބަލައެވެ.

އޭގެ ތެރޭގައި ބަލާ ކަންކަމަކީ:

  • ރައްޔިތުންގެ މުދާވެރިކަން
  • ދިރިއުޅުމާމެދު ހިތްހަމަޖެހޭ މިންވަރު
  • ގެދޮރުވެރިކަން
  • އެ މީހެއްގެ އިހުސާސްތައް
  • ނަފްސާނީ ދުޅަހެޔޮކަން
  • މަސައްކަތުުގައި ހޭދަކުރާ ވަގުތު
  • ނިދުމާއި އަރާމުކުރަން ހޭދަކުރާ ވަގުތު
  • އާއިލީ ގުޅުން
  • ތަރައްގީއާއެކު ފަރުދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް

މި ހުރިހާ ކަމަކަށް ބަލާއިރު މި މަހު 20ގައި ނެރުނު ރިޕޯޓުގައި ރާއްޖެ އޮތީ 10 އިން 5.2 ޕޮއިންޓާއެކު ދުނިޔޭގެ 87 ވަނައިގައެވެ. އެއްވަނައިގައި ފާއިތުވި ހަތް އަހަރު ވެސް އޮތީ ފިންލޭންޑެވެ.

މިއީ ހަމަ ހަގީގަތުގައި ވެސް ދުނިޔެ މަތީގެ ސުވަރުގެއެއް ނަމަ މި ރިޕޯޓުގައި ރާއްޖެއަށް އެއްވަނަ ނޫން އެހެން އިތުރު އެއްވެސް ވަނަ އެއް ލިބެންވީ ސަބަބެއް ނެތެވެ. ރައްޔިތެއްގެ ޝަކުވާއެއް ވެސް ނޯންނާނެއެވެ. މިއީ އަސްލު ސުވާލު އުފައްދަންވީ ހިސާބެވެ. އަހަރުމެން ދިވެހީންނަށް ނުލިބި އުނިވަނީ ކޮން ކަމެއްހެއްޔެވެ؟

ސެޕްޓެމްބަރ 1، 2018: މާލެ/ހުޅުލެ ބުރިޖު (ސިނަމާލެބުރިޖު) އާންމުންނަށް ދައްކާލުމުގެ ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމުގެ މުއްސަނދިކަމާއި ފަރުދުންގެ އުފާވެރިކަމާ ގުޅުމެއް ނެތް

އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަނދި އެއް ގައުމުގެ ގޮތުގައި ރާއްޖެ ގުނައިލެވެއެވެ. ނަމަވެސް އުފަލަކީ ފައިސާވެރިކަމުގެ ތެރެއިން ލިބޭ އެއްޗެއް ނޫންކަން ހެޕިނަސް އިންޑެކްސް ރިޕޯޓުގެ ނަތީޖާއާއި މިހާރު ރާއްޖޭގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު އަޅައިބެލުމުން ހާމަވެއެވެ.

ވޯލްޑް ބޭންކުން 2022ވަނަ އަހަރާ ހަމައަށް އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ބޮލަކަށް 11،780 ޑޮލަރު ޖެހެއެވެ.

ނަމަވެސް މި މުއްސަނދިކަމުގެ އަސަރު ފަރުދުންގެ ދިރިއުޅުމުން ނުފެންނަކަން އެއީ ސާފު ހަގީގަތެވެ. ގައުމުގެ ޖީޑީޕީ އިތުރުވުން، ރައްޔިތުންގެ އުފާވެރިކަމާއި ދިރިއުޅުމުގެ ފެންވަރު މަތިވުމާ ގުޅިފައިވާކަމުގެ މާ ބޮޑު އިހުސާސެއް ރާއްޖޭގައި ނުކުރެވެއެވެ.

އެ ގައުމެއްގެ ރައްޔިތުން އެ ގައުމެއްގައި ދިރިއުޅެނީ އުފަލުގައިތޯ ބެލުމަކީ ގިނަ ގައުމުތަކަކުން ޔަގީންކުރާ ކަމެކެވެ. މި ކަން ތަފާތީ ހަމައެކަނި ރާއްޖޭގައި ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި ތަނަވަސްކަމަކީ އިންތިޚާބަށް ގެންގުޅޭ ދިރުން ނެތް ޝިއާރެކެވެ.

"އަޅުގަނޑަށް ނޭނގޭ ތި ކަމުގައި ދައްކާނެ ވަހަކައެއް. މަޖިލީހަށް މީހަކު ހޮވަންޖެހުނަސް، ހާލު އަހުވާލު ބަަލައިލާނެ އިންތިޚާބު ތެރޭ. ދެން އަނެއްކާ ވެސް އަހަރުމެން އުޅެންވީ އުޅޭނެ ގޮތަކަށް. ލިބޭ ހެވެއް ނޯވޭ. އަނެއްކާ ވެސް އަހަރުމެން އުފަލުގައިތޯ، ދަތީގައިތޯ ބަލަން އަންނާނީ އިންތިޚާބު ބޯމަތިވީމާ. އެހެންނު މި ކަން ވަނީ،" ސިޔާސަތުތައް ކަނޑައަޅައި ބޭފުޅުންނާއި ރައްޔިތު މީހާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން އާންމު ރައްޔިތަކު ބުންޏެވެ.

މޭ 27، 2017: ރޯދަ އާއެކު ފިހާޜަތަކަށް ބާރުބޮޑުވެ، މަގުތައް ތޮއްޖެހުން: މަޖީދީމަގު އަގޯރާ ފިހާރަ ސަރަހައްދު މީހުން ވިޔަފާރިކުރުމަށް ވަނީ ތޮއްޖެހިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސުވަރުގޭގައި ހާސްކަމާއި ހުސް މައްސަލަ

ހިތްގައިމު ފަޅު ރަށްތަކާއި، ދޮންވެލި ތުނޑިތަކުން ފޮރުވިފައި އޮތް ފަރުދާ ކަހައިލަމާ ހެއްޔެވެ. މުޅި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ފިތި ބާރުވެގެން އުޅޭ ހަމައެކަނި މާލޭ ސަރަހައްދުން އެކަނި ވެސް ފެންނަނީ ނުތަނަވަސްކަމާއި، ހައްލުނުވެ ވާނެ ގޮތެއްވާނެ ދޫކޮށްލައިފައިވާ އެތައް މައްސަލައެކެވެ. ރަށްތަކުން ފެންނަނީ އެންމެ އަސާސީ ޚިދުމަތްތައް އަދިވެސް ކަށަވަރުނުވެ އޮތް ތަނެވެ.

މޫސުމީ ކާރިސާތަކުގެ ކަންބޮޑުވުން ބިރު ވެސް އެބައޮތެވެ. އިޖްތިމާއީ މައްސަލަތައް ބޮއްސުންލައިފައި އޮތީ ވެސް އާދައިގެ ގޮތަކަށް ނޫނެވެ. އެތައް އަހަރެއްގެ އިހުމާލާއި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރެވިފައި ނެތުމަކީ މުޅި މުޖުތަމައު މައްސަލަ ގަނޑެއްގެ ތެރެއަށް ސޮއްސައިލައިފައި އޮތް މައި ސަބަބެވެ.

"ނެތީ އެ އިކުއިޓީ. މިހާރު އަޅުގަނޑުމެން ކޮންމެ މީހެއްގެ ބޮލަކަށް މިސާލަކަށް 13،000 ޑޮލަރު ޖެހޭކަމަށް ވެއްޖެޔާ އެ ކިހާ ވަރެއްތޯ އަސްލު ހަގީގަތުގައި އޭގެން އެންމެނަށް ރާހަތް ކުރަނީ ކިހާ ވަރެއްތޯ. އެ ވަރު އެބަ ލިބޭތޯ،" މި އަހަރުގެ ދުނިޔޭގެ އުފާވެރިކަމުގެ ދުވަހު ގައުމީ ޔުނިވާސިޓީގައި އޮތް ފޯރަމެއްގައި ވާހަކަަދައްކަވަމުން އެ ޔުނިވާސިޓީގެ ޕާޓްޓައިމް ލެކްޗަރާ، އަޒްހާ ޒަމީރު ވިދާޅުވިއެވެ.

އަޒްހާ ވިދާޅުވި ގޮތުގައި ދެތިން ހަތަރު ވަޒީފާއެއް އަދައިކޮށްގެން ލިބޭ ހުރިހާ ފައިސާއެއް ދިވެހީން ޚަރަދުކުރަންޖެހެނީ ކުއްޔަށާއި އެކި ބިލުތަކަށެވެ.

"ފައިސާއެއް ނުހުރޭ އުފާވާނެ ކަމެއްކޮށްލަން ރައްކާ ވެސް ކުރެވިފައި. އެހެންވީމާ އިކުއިޓީއެއް ނެތް އަންފޯޗުނޭޓްލީ،" އޭނާ ވިދާޅުވިއެވެ.

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

މި ކަމުގައި ދެބަސްވާނެ އެއްވެސް މީހަކު ނެތެެވެ. އާންމު ރައްޔިތުންގެ ވާހަކަތަކުން ވެސް ތަކުރާރުވަނީ ހަމަ މި ކަންކަމެވެ. ކުލީގެ އަޅުންގެ ގޮތުގައި ދިރިއުޅުން ވޭތުކުރަން ޖެހުމާއި، އަރާމެއް ނެތި ބުރަ މަސައްކަތްކޮށްގެން ކިރިޔާ ދެކޮޅު ޖެހޭ އިގްތިޞާދީ ހާލަތެއް މި ވަގުތު ވެސް ރާއްޖޭގައި އޮތް އޮތުމަކީ ނުތަނަވަސްކަމުގެ ސަބަބެކެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމުން އެ ކަން ހާމަވެއެވެ.

"ކިރިޔަ ކިރިޔާ މި ސަލާމަތްވަނީ. އަޅުގަނޑު އަށްގަޑިއިރު ވަޒީފާ އަދައިކޮށްގެން ލިބޭ މުސާރައަކީ އަޅުގަނޑުގެ ހަތަރު ދަރިންނަށް ޚަރަދުކޮށް، ކުއްޔާއި ބިލުތައް ދައްކައިފައި ބާކީ އޮންނަ އެއްޗެއް ނޫން. ކެއުމާއި، ރީތިވާ ސާމާނާއި، އެ ނޫން އެހެން ޚަރަދުތައް ކުރަން އެންމެ ފައިސާ ފޮއްޗެއް ވެސް ނޯވޭ. ދެން އެހެންވެ އިތުރު ހަގަޑިއިރުވަރު ކާރު ދުއްވައި ޓެކްސީކޮށްގެން ލިބޭ އެއްޗަކުން ހަމަޖައްސަނީ،" ދިރިއުޅުމުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކި 43 ފިރިހެނަކު ކިޔައިދިނެވެ.

ހައްތަހާ ވެސް މައްސަލައެވެ. ސަލާމަތްވުމަށް ބޭނުންވާ ފައިސާކޮޅު ހޯދަން ކުރަންޖެހޭ މަސައްކަތް ބުރަބޮޑުވެ، އުފާވެރި މީހަކަށް ވުމަށް ކުރަންޖެހޭ އެހެން ހުރިހާ ކަމެއް އަހަރަމެންގެ އަތުން މި އޮތީ ދޫވެފައެވެ. އިޖްތިމާއީ ފޭރާން ނިކަމެތިވީއެވެ.

ޙައްލެއް އެބައޮތްތަ؟

އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ނެތީއެއް ނޫނެވެ. މާލީ ގޮތުން ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރާ އަސަރެއް ނެތެވެ. ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، މީހާ ތާޒާވެވޭނެ މާހައުލެއް ގާއިމުވެފައި ނެތީއެވެ. ހަމަހަމަކަމާއި އަދުލާއި އިންސާފު ގާއިމުވެފައި ނެތުމަކީ އަބަދުވެސް ނިޒާމީ ކޮންމެ ވެސް މައްސަލައެެއްގެ ޝަކުވާ ރައްޔިތަކު ކުރާ ސަބަބެވެ.

އިސްލާހުކުރަންވީ ނިޒާމެވެ. ސަރުކާރުތަކުން އިރުއިރުކޮޅާ ބަދަލުކުރާ އެއްޗަކަށް ނުހަަދައި، ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން އެކުލަވައިލެވޭ ހަރުދަނާ އުސޫލުތަކެއް ހުންނަން ޖެހެއެވެ. ތަފާތުކުރުންތައް ނައްތައިލަން ޖެހެއެވެ.

އަޒްހާ ވިދާޅުވި ގޮތުގައި ވެސް އުފާވެރި ރައްޔިތެއް ބިނާކުރުމަށް ޓަަކައި އެންމެ މުހިންމީ ހަމަހަމަކަމާއި އިންސާފުވެރިކަން ގާއިމުވެފައި އޮތުމެވެ. އެއީ މައްސަލަތަކެއް ހުރި ކަމުގައިވީ ނަަމަވެސް ހަމަހަމަކަމުގެ އިހުސާސްކުރެވި އުފާވެރިކަމަށް މަގުފަހިވާނެ ކަމެއްކަމަށް އޭނާ ވިދާޅުވެއެވެ.

މިއީ ހައްލެއް ހޯދަންޖެހޭ ކަމެކެވެ. ދުނިޔެ މަތީގެ ސުވަރުގޭގައި މިހާ ނިކަމެތި ދިރިއުޅުމެއް އަމިއްލަ ރައްޔިތުންނަށް އުޅެން ޖެހުމަކީ ހައްގު މިންވަރެއް ނޫނެވެ.

comment ކޮމެންޓް