ފައިދާއެއް ނުވެޔޯ، އެކަމަކު ގޮނޑި ބޭނުން!

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި: ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ވޯޓްލުމުގައި ރައްޔިތުން ސަމާލުވަން ޖެހޭ-- ސަން ފޮޓޯ: މުޙައްމަދު މާވީ

އެއް މެންބަރެއް ދެ މެންބަރެއް ނޫނެވެ. މިހާރުގެ މަޖިލީހުގައި ތިއްބެވި ހައެއްކަ މެންބަރުންނާ ހަމަ މި ސުވާލު ކޮށްފީމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެގެން ކިހާ ފައިދާއެއް ވޭތޯއެވެ؟ އެ ހުރިހާ ބޭފުޅުން ވެސް ދެއްވީ ހަމަ އެއް ކަހަލަ ޖަވާބެކެވެ.

"އަޅުގަނޑުމެންނަކީ ދާއިރާގެ ރައްޔިތުންގެ ވެލްފެއާ ފަންޑު. ރައްޔިތަކު ބަލި ވިޔަސް، ވިހެޔަސް. އަދި ދިރިއުޅުމުގައި އެހެން ކަމެއް ދިމާވިޔަސް އެހީވާން ޖެހޭނީ. ރައްޔިތުންގެ ކަންކަން ކޮށްދީފައި ނޯވޭ އަތަކު ވެސް މާ ބޮޑު އެއްޗެއް،" އޭގެ ތެރެއިން އެއް މެންބަރަކު ދެއްވި ޖަވާބަކީ މިއީއެވެ.

އެ ބޭފުޅުން ދެއްވި ޖަވާބުތަކަށް ބަލާއިރު މަޖިލީހުގެ މެންބަރުކަމަކީ ކުރާވަރު ކަމެއް ނޫނޭ ހީވާ ކަހަލައެވެ. މުސާރައިގެ ގޮތުގައި މަހަކު މެންބަރުންނަށް ލިބޭ 82،500 ރުފިޔާއިން އަމިއްލަ ހަރަދެއް ކޮށްލާނެ އެއްޗެއް ނޯންނަ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ. އެއީ، ރައްޔިތުންގެ ވެލްފެއާ ކަންކަމާއި ބައްދަލުވުންތަކުގެ ކޮފީ ބިލްތަކާއި އަންނަ އެންމެންގެ ސިނގިރޭޓް ފަދަ ކަންކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީއެވެ.

"މިސާލަކަށް ރައްޔިތަކު 20 ކަންތައް ކޮށްދޭށޭ މި ބުނީ. އޭގެ ތެރެއިން 19 ކަންތައް ކޮށްދީފައި އެއްކަން ނުވިއްޔާ ނުވި ކަންތަކުގެ ވާހަކަ ބުނާނީ. މިއީ ކަންކަން ހުރި ހިސާބަކީ،" އެހެން މެންބަރަކު ވާހަކައެއްގެ ތެރެއިން ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ މެންބަރުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ -- ފޮޓޯ/ މަޖިލީސް

މެންބަރުން އެ ފާހަގަ ކުރެއްވިކަން ކަމަކީ ދޮގެކޭ ވެސް ބުނެވޭކަށް ނެތެވެ. ރާއްޖޭގެ ނިޒާމު އޮތްގޮތުން މަޖިލިސް މެންބަރުންގެ "ސަލާން"ޖެހުމަކީ ގިނަ ރައްޔިތުންތަކެއްގެ އާދައެކެވެ. މަޖިލިސް މެންބަރުންނަށް ވަރަށް ބާރު ބޮޑު ކޮށްލައެވެ. މެންބަރުކަމަކީ ކުރަން ހެޔޮ ވާވަރު ކަމެއް ނޫންކަމަށް ވިދާޅުވާ ހިސާބަށް ދަނީ އެކަންކަން އެ ގޮތަށް ހުރުމުގެ ސަބަބުންނެވެ. ނަމަވެސް މީގެ ހެއްވާ ކަމަކީ މި ހުރިހާ ވާހަކަތަކެއް ދެއްކެވުމަށް ފަހު ވެސް ދެން އޮންނަ ދައުރަކަށް ވެސް ކުރިމަތި ލައްވާތީއެވެ. ފައިދާއެއްނުވާ ކަމެއް ކުރަން އުޅެނީ ކީއްވެގެންތޯއެވެ؟ އަދި ފައިދާއެއްނުވާ ގޮނޑިއެއް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ހޯދަނީ ކީއްކުރަންތޯއެވެ؟ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްއިރު މި ވާހަކަ ދައްކަން އެބަޖެހެއެވެ.

ނުފޫޒުގަދަ، ފައިދާ ބޮޑު މަގާމެއް

މިހާރުގެ މަޖިލިސް މެންބަރެއް ކަމަށް ވިޔަސް އަދި ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވިޔަސް މަޖިލީހަށް ވާދަ ކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފި ނަމަ ދޭނެ ޖަވާބަކީ ގައުމަށް ކަމެއް ކޮށްދޭން ބޭނުންވާތީ ކަމަށެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ. އެގޮތަށް ގޮސް އެތައް މޮޅެތި ޝިއާރުތަކެއް ވިދާޅުވާނެއެވެ. ނަމަވެސް މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މަޖިލީހުގެ ގޮނޑި ބޭނުންވާ މައިގަނޑު ސަބަބަކީ އޭގެ ސަބަބުން އަމިއްލަ ނަފުސަށް އޭގެ ސަބަބުން ލިބޭ ފައިދާތަކެވެ.

މި ގައުމުގެ ކަންކަން ހުރި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނެގުމަށް ފަހު އެންމެ ނުފޫޒުގަދަ އެއް މަގާމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމެވެ. އެއީ އާސަންދަ ވިޔަސް، އެންސްފާގެ އެހީ ވިޔަސް، އަދި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އިދާރާއެއްގެ ވަޒީފާ ވިޔަސް މެންބަރަކަށް ނުގުޅައި ހޯދުމަށް ވުރެ ނުވުން ގާތް ކަމަކަށް ވެފައިވާތީއެވެ. މި ދެންނެވި ކަންކަމުގެ އިތުރުން ދާއިރާގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ބޮޑަށް ބަލަހައްޓަވަނީ މެންބަރެވެ. ކުށްވެރިން މިނިވަންކުރަން ވެސް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވެއެވެ. މިހެން ގޮސް އެތައް ކަމެކެވެ. ކިތަންމެ ގަވާއިދުގެ ތެރެއިން ކަމެއް ކުރަން އުޅުނަސް މެންބަރަށް ނުގުޅައި ކަންކަން ނުވާ ގޮތަށް ނިޒާމު އޮތީ ބައްޓަންވެފައެވެ. އެހެން ކަމުން މަޖިލީހުގެ މެންބަރުކަމަކީ ވަރަށް ނުފޫޒު ގަދަ މަގާމެކެވެ. ފައިދާއެއް ނުވާ ކަމަށް ވިދާޅުވުމަށް ފަހު ވެސް އެ މަގާމު ބޭނުންވާ އެއް ސަބަބަކީ އެއީއެވެ.

މިފަދަ ނުފޫޒުތަކުގެ ސަބަބުން އެ މެންބަރަކު ރުއްސުމަކީ ސަރުކާރުތަކަށް މަޖުބޫރުވެފައި އޮންނަ ކަމެކެވެ. އެކަމުގެ ފައިދާ ނަގަނީ އެއްކަލަ ފައިދާއެއްނުވާ ކަމަށް ވިދާޅުވާ މެންބަރެވެ. މަޖިލީހުގެ ގިނަ މެންބަރުންނަކީ ކޮންމެ ވެސް ސިފައެއްގެ ވިޔަފާރިތައް ކުރާ ބޭފުޅުންނެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު އޭރަކު އޮންނަ ސަރުކާރަކުން ހިންގާ ޕްރޮޖެކްޓްތައް ހިންގަނީ އެ ސަރުކާރެއްގެ ހިމާޔަތުގައި ތިބި މަޖިލިސް މެންބަރުންނަށް ބައި އަޅައިގެންނެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއް މެންބަރަކު އަނެއް މެންބަރަކަށް އިނގިލި ދިއްކޮށްފައިވާ ކަންކަމަށް ބަލާއިރު ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ބައެއް ސާމާނު ބޮޑު އަގުގައި މަޖިލިސް މެމްބަރުންގެ ކުންފުނިން ސަޕްލައިކޮށްދީގެން ނަފާ ހޯދުން ހިމެނެއެވެ.

ފެނަކައާއި އެމްޑަބްލިޔުއެސްސީ ފަދަ ބައެއް ކުންފުނިތައް މެދުވެރިކޮށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ބޮޑެތި ފައިދާތަކެއް ނެގި ކަމަށް ތުހުމަތުތައް ކުރެވެއެވެ. އޭގެ އިތުރުން ވެސް މެންބަރުން ފޯރުވާ ކަމަށް ތުހުމަތު ކުރެވޭ އެކިއެކި ނުފޫޒުން ޕްރޮޖެކްޓްތައް ހޯދައި ދެއްވުމާއި އެ ނޫން ވެސް ފަދަ ކަންކަމުގެ ސަބަބުން ލިބޭ ބޮޑު ކަޓަކީ މުސާރައާ ނުބައްދަލު ބޮޑު މަންފާތަކެވެ. އެކި ކަންކަމަށް މަޖިލީހުގައި ނަގާ ވޯޓްތައް ވިއްކުމާއި ޕާޓީ ބަދަލުކޮށްގެން އެތައް މިލިއަން ރުފިޔާއެއް ނަގާކަމުގެ ތުހުމަތު ވެސް އިންތިހާއަށް ކުރެވެއެވެ. ނުހައްގު ކަމަށް ތުހުމަތު ކުރެވޭ އެ މުއާމަލާތްތަކުން ލިބުނު މަންފާގައި މާލެއާއި ރާއްޖޭން ބޭރުން ބޮޑެތި އިންވެސްޓްމަންޓްތައް އެ މެންބަރުން ހޯދި ކަމަށް އަޑު ހަރުކޮށް ވާހަކަ ދެކެވެއެވެ. ދައުރެއް ނިމޭއިރު އޮންނަނީ އެތައް ތަނަވަސް ކަމެއް ހޯދައިފައެވެ. އެހެންކަމުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ގޮތުގައި މަޖިލީހުގެ ގޮނޑިވެފައި މިވަނީ އަމިއްލަ ވިޔަފާރި އެހެން ހަރުފަތަކަށް ގެންދަން ބޭނުން ކުރާ ވަސީލަތަކަށެވެ.

ލިބެމުން އަންނަ 82،500 ރުފިޔާގެ މަހު މުސާރައިގެ އިތުރުން ވެސް ގިނަ އިނާޔަތްތަކެއް މެންބަރުންނަށް އޮވެއެވެ. އޭގެ ތެރޭގައި އަނބިދަރިން ހިމެނޭގޮތަށް ރާއްޖޭން ބޭރުން ބޭސް ފަރުވާ ކުރެއްވުމާއި އެއާޕޯޓްގެ ވީއައިޕީގެ ޚިދުމަތް ހިލޭ ލިބިވަޑައިގަތުންފަދަ ކަންކަމެވެ. މިފަހުން ވީއައިޕީއާ ހަމައަށް މެންބަރުންނަށް ކާރުކޮޅުގައި ނުވަދެވޭތީ އެކަން ވެސް ގޯސްވިއެވެ. މަޖިލިސް މެންބަރުންނަކީ އަމިއްލަ މުސާރައިގެ އިތުރުން އެފަދަ އަމިއްލަ ނަފުސަށް ފައިދާވާ ފަދަ އެތައް ކަމެއް އަމިއްލައަށް ކަނޑައެޅުމުގެ ބާރު އޮންނަ ބައެކެވެ. ފައިދާނުވާ ކަމަށް ވިދާޅުވާ ގޮނޑި ބޭނުން ވަނީ އެހެންވެއެވެ.

އިތުބާރެއް ނެތް ގޮނޑިތަކެއް، ވޯޓްލުމުގެ ކުރިން ވިސްނާ

މާލީ ގޮތުން ކިތަންމެ ބޮޑު ފައިދާތަކެއް ހޯދި ނަމަވެސް ހަގީގަތަކީ މަޖިލީހުގެ މެންބަރުންނަކީ ގިނަ ރައްޔިތުންތަކެއް އިތުބާރު ކުރާ ބައެއް ނޫނެވެ. އަދި ލޯބި ލިބިފައިވާ ބައެއް ވެސް ނޫނެވެ. ގިނަ ރައްޔިތުންތަކެއް މެންބަރުން ސިފަކުރަނީ އަމިއްލަ އެދުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ފަދަ ކޮރަޕްޓް ބައެއްގެ ގޮތުގައެވެ. އެކަމުގެ ހެކި ދިރާސާތަކުން ފެނެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން 2013 ވަނަ އަހަރު ހެދި ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭއިން ދައްކާގޮތުން ސާވޭގެ ބައިވެރިންގެ ތެރެއިން 62 ޕަސަންޓް މީހުން ބުނެފައިވަނީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެކެވެ. ވަކިވަކި މުއައްސަސާތަކަށް ބަލާއިރު، އެންމެ ކޮރަޕްޓްކަމަށް ގިނަ މީހުން ދެކެނީ ރައްޔިތުންގެ މަޖިލީހެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 60 ޕަސަންޓް މީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ތަނެއް ކަމަށެވެ. ފަންސާސް ހަތް ޕަސަންޓް މީހުން އެއްބަސްވާ ގޮތުގައި ސިޔާސީ ޕާޓީތައް ވަނީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައެވެ. އަދި، 55 ޕަސަންޓް މީހުން ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ނުވަތަ ޖުޑީޝަރީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށެވެ.

މިހާތަނަށް ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ވޯޓުލުމުގެ ކުރިން ރައްޔިތުން ވަރަށް ވިސްނަން ޖެހެއެވެ. ކުރިއަށް އޮތް މަޖިލީހަށް ވާދަ ކުރައްވާ ބައެއް ބޭފުޅުންނަށް ބަލާއިރު މީގެ ކުރިން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭބޭފުޅުން ހިމެނެއެވެ. އަދި، އެހެން މަގާމުތައް ފުރުއްވާފައިވާ ބޭބޭފުޅުން ވެސް ހިމެނެއެވެ. އެ ބޭބޭފުޅުންގެ މާޒީއަށް ބަލާއިރު ކަންކަން ކުރައްވާފައިވާ ގޮތާ މެދު ވިސްނާލަން ޖެހެއެވެ.

ކޮރަޕްޝަން އިންތިހާއަށް އޮތް މަޖިލީހަކަށް އާ މެންބަރުން އިންތިހާބު ކުރާއިރު، ވޯޓުލާ މީހުން އިސްކަން ދޭންވާނީ ނަޒާހަތްތެރިކަމާއި ދެފުށް ފެންނަ އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ސާބިތުވެފައިވާ ޓްރެކް ރިކޯޑެއް އޮންނަ ކެންޑިޑޭޓުން ހޮވުމަށެވެ. ކެންޑިޑޭޓުންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ބެކްގްރައުންޑް ބަލައި ނުފޫޒު ނުފޯރުވާ އަދި ނުފޫޒުން ކަންކަން ނުކުރާ ކެންޑިޑޭޓަކު އިހުތިޔާރު ކުރުމަށެވެ. ކުށުގެ ބޮޑެތި ތުހުމަތުތައް ނުކުރެވޭ އަދި ކުށުގެ ރިކޯޑެއް ނެތް ކެންޑިޑޭޓުން އިހުތިޔާރުކުރަން ޖެހެއެވެ. ޚާއްސަކޮށް ދަރަނި ވެރިވެފައިވާ ނުވަތަ އަމިއްލަ ވިޔަފާރީގެ މަސްލަހަތުގައި އުޅޭ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހެއެވެ.

މަޖިލީހުގެ މެންބަރުކަމަކީ މާ ބޮޑު ފައިދާއެއްވާ ކަމެއް ނޫން ކަމަށް ވިދާޅުވުމަށް ފަހު ވެސް ކޮންމެ ދައުރަކަށް ވެސް ވާދަ އެ ކުރައްވަނީ ހަގީގަތުގައި އެ މެންބަރު ކަމުން ބޮޑެތި ފައިދާތަކެއް ލިބޭތީއެވެ. މިހާތަނަށް ރައްޔިތުންގެ މަޖިލިސް ފާހަގަވެފައި މިވަނީ ވަރަށް ކޮރަޕްޓް މުއައްސަސާއެއްގެ ގޮތުގައެވެ. މިކަން ބަދަލުކުރުމުގެ ބާރު އޮތީ ހަމަ ރައްޔިތުންގެ އަތްމަތީގައެވެ. ވޯޓްލާއިރު ކޮރަޕްޝަނަށް ނޫނެކޭ ބުނެގެންނެވެ.

comment ކޮމެންޓް