މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާއަށް

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

"ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ. އެއީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވިގޮތުގައި މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސް ފަރެސްމާތޮޑާއަށް ވަޑައިގަންނަވާއިރު މިފަހުން ވެސް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާ ކޮށް އެމީހުން ވަނީ މުޒާހަރާ ކޮށްފައެވެ.

އެގޮތުން މަސްވެރިންނަށް މަސްކިރާފައި ލިބެންޖެހޭ އުޖޫރަ ލިބުން ލަސްވާ ވާހަކައާއި މަސްވެރިންނަށް ދޭނެ ކަމަށް ސަރުކާރުން ވައުދުވި ހައްގު އުޖޫރަ ދިނުމަށް އެ މީހުން ވަނީ ގޮވާލައިފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބައްލަވައިލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވިގޮތުގައި ހޯމަ ދުވަހު ރައީސް ފަރެސްމާތޮޑާގެ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ހަމަ އެދުވަހު ގަތަރަށް ފުރާވަޑައިގަންނަވާނެއެވެ.

ގަތަރާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި މި މެޗު ބައްލަވައިލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައީސް ގަތަރަށް ވަޑައިގަންނަވަނީ އެ ގައުމުގެ އަމީރުގެ ދައުވަތަކަށެވެ.

comment ކޮމެންޓް