މަސް ޕްރޮސެސްކުރާ މިންވަރު އިތުރުކުރުމަށް، ތިން ސަރަހައްދެއްގައި މަސް ފެކްޓަރީ އަޅަނީ

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަމަން ލަތީފް

ރާއްޖޭގައި މަސް ޕްރޮސެސް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމަށް ފިޝަރީސް މިނިސްޓްރީން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގައި މަސް ބަންދު ކުރާ ފެކްޓްރީތައް ގާއިމުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެލިވަރުގައި 100 ޓަނުގެ ފެކްޓްރީއަކާއި މާދެލީގައި 50 ޓަނުގެ އިތުރުން ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއް އަޅާނެ ކަމަށެވެ.

އޭގެއިތުރުން، ފެލިވަރުގައި އަޅާ ފެކްޓްރީއަށް 50 މިލިއަން ޑޮލަރާއި މާދެލީގައި ފެކްޓްރީ އެޅުމަށް 75-100 މިލިއަން ޑޮލަރު އަދި ފިޔޯރީ ފެކްޓްރީއަށް 50- 75 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ފެލިވަރުގެ މިހާރުގެ ކެޕޭސިޓީއަކީ 50 ޓަނުގެ ކެޕޭސިޓީއެއް ކަމަށް ވިޔަސް އެތަނުން ބަންދު ކުރެވެނީ 40 ޓަނުގެ މަސް ކަމަށާއި މާންދޫގައި ބަންދު ކުރެވެނީ 50 ޓަނު ކަމަށާއި ހުޅުމާލެ ފެކްޓްރީއިން 20 ޓަނު ބަންދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން މި އޮތީ ދިވެހިރާއްޖޭގައި ގާތްގަނޑަކަށް މި ބާނާ 128،000 ޓަނު މަހުގެ ތެރެއިން ގާތްގަނޑަކަށް 63،000 ޓަނު އެވަރެޖްކޮށް އަހަރެެއްގެ ތެރޭގައި ރޯމަހުގެ ގޮތުގައި މި ބޭރުކުރެވެނީ،" ޝިޔާމް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަމަން ލަތީފް

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެހާ ބޮޑު އަދަދެއް ރޯމަހުގެ ގޮތުގައި ބޭރު ކުރަން ޖެހެނީ ސަރުކާރު ހިއްސާވާ މިފްކޯގައި އެ ކެޕޭސިޓީ ނެތުމުން ކަމަށާއި ޑޮލަރުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ރާއްޖެއަށް ނުލިބޭ ކަމަށެވެ.

"މިހާރު ރޯމަހުގެ ގޮތުގައި ބޭރު ކުރާ މަހަށް ގާތްގަނޑަކަށް 91 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް އާމްދަނީއެއް ގޮތުގައި މި ވައްދަނީ،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް އަލަށް ގާއިމުކުރެވޭ ފެކްޓްރީތަކާއެކު މަސައްކަތް ކުރަން ފެށުމާއެކު ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަން ފާހަގަކޮށް މިނިސްޓަރު ޝިޔާމް ވިދާޅުވީ މިހާރު ލިބޭ 91 މިލިއަން ޑޮލަރު 180 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަމަން ލަތީފް

"ކުރިއަށް އޮތް 18 މަސްތެރޭ މި ފެސިލިޓީތައް ވުޖޫދުކުރެވޭކަމަށް ލަފާ ކުރެވެނީ،" ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން، މި ފެސިލިޓީތައް ބިނާކުރުމަށް ފައިސާ ހަމަޖައްސާނީ މިއަދު ސޮއިކުރި ކުންފުނިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް