އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރަނީ

އިހަވަންދޫ އައިސް ޕުލާންޓު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ނިމި ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އާ މަޝްރޫއުގެ ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ، ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ، ހއ.އިހަވަންދޫ އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މިފްކޯ އާ އެވެ.

މިފްކޯއަކީ ސަރުކާރުން މީގެ ކުރިންވެސް ހިންގާފައިވާ އައިސް ޕްލާންޓު ގާއިމްކުރުމުގެ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކީގައި ނިންމާފައިވާ ކުންފުންޏަކަށްވާތީ، މި މަޝްރޫއުތައް ކާމިޔާބުކަމާއެކީގައި ނިންމާލުމަށް ކުރަންޖެހޭ ކަންކަން އެ ކުންފުންޏާ ގުޅިގެން ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ސަރުކާރުން މުޅިން އަލަށް 11 އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާއިރު، މިހާރު ގާއިމުކޮށްފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތްތައްވެސް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން ކަމަށް ފިޝަރީޒްއިން ބުނެއެވެ.

ސަރުކާރުން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު 11 އައިސް ޕްލާންޓެއް އައުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކުރެވިފައިވާ އައިސް ޕްލާންޓުތަކުގެ ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނޭކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް