ލަންކާ ބޯޓެއް ހަތް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓު --- ފޮޓޯ/އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާ ބޯޓެއްގެ ވެރިމީހާ ހަތް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ އުޅަނދާއި އުޅަނދުގައި ހުރި ވަސީލަތްތަކާއި، މުދާ ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ސްރީލަންކާ އުޅަނދެއް ކަމުގައިވާ "ސުދިސަ ޕުތަ 02" ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކޮށްފައި ވާތީ، މި އުޅަނދުގެ ވެރިފަރާތް ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް އޭނާއަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ފައިސާއަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދާ ހަމައަށް ވެސް އޭނާ އެފައިސާ ދައްކައިފާ ނުވާތީ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބޭގޮތް ހެދުމާއި މި އުޅަނދު ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ ދައުވާކޮށްފައެވެ.

މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ، ހަތް ލައްކަ ރުފިޔާއަކީ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅާ، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމް ކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދާއި އެ މުދަލުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް