ރައީސް ސޯލިހުގެ ވެރިކަމުގައި"އިންޑިއާ ފަސްޓް" ޕޮލިސީ އަށް އެދެނީ

ރައީސް އިބޫ އާއި މޯދީ --

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އަވައްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައިވާ ކަމަށް ވާހަކަ ދެކެވުނެވެ. ހާއްސަކޮށް އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާ ޗައިނާ އާ އެކު އެ ސަރުކާރުން ގުޅުންބަދަހި ކުރުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު "ކުނި" ޖެހުނު ކަމެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިމިގެންދިޔަ އިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޒިޔާރަތް ނުކުރައްވާ ސައުތު އޭޝިއާގެ ހަމައެކަނި ގައުމަކީ ވެސް ރާއްޖެ އެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުންތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ދަރުބާރުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ހުވާކުރެއްވުމަށް ފަހު ރައީސް ސޯލިހު ކުރެއްވި އެންމެ ފުރަތަމަ ރަސްމީ މަސައްކަތްޕުޅަކީ ބޮޑުވަޒީރު މޯދީއާ އެކު ރަސްމީ ބައްދަލުވުމެއް ބޭއްވެވުމެވެ. ދެ ގައުމުގެ ހީނަރުވަމުންދާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެއްވުމެވެ.

އިންޑިއާގެ "ހިންދުސްތާން ޓައިމްސް"ގައި ބުނެފައިވާ ގޮތުން ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ވެސް ފެނިގެންގޮސްފައި ވަނީ އިންޑިއާ- ރާއްޖެ ގުޅުން ބަދަހިވަމުން އަންނަކަމުގެ ފެހި ސިގްނަލެވެ. ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ދަރުބާރަށް ދައުވަތު ދެވުނު ހަމައެކަނި ހެޑް އޮފް ސްޓޭޓަކީ މޯދީ ކަމަށާއި މިއީ ވެސް ރާއްޖޭގެ އާ ސަރުކާރުގެ ޕޮލިސީ ރަނގަޅަށް ހާމަވާކަމެއްކަމަށް ނޫހުގައި ބުނެފައިވެ އެވެ. ރާއްޖޭގެ އިގްތިސޯދަށް ހީނަރުކަން އައިސްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށާއި އިންޑިއާ އިން ރާއްޖެ އަށް އެހީވެވެން އޮތް ކޮންމެ ދާއިރާ އަކުން އެހީވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި ކަމަށް ހިންދުސްތާން ޓައިމްސްގައިވެ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް، އެމަނިކުފާނުގެ ވެރިކަމުގައި "އިންޑިއާ ފަސްޓް" ޕޮލިސީ" އަށް އިސްކަންދެއްވާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އެ ނޫހުގައި ބުނެފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާ އާ އެކު ގާއިމުކޮށްފައިވާ ގުޅުމުގެ ނަތީޖާ އަކީ ރާއްޖެ ޗައިނާ އަށް ދަރަނިވެރިވުން ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ދަރަނި ހަލާސްކުރުން ކަމަށް ބުނެފައިވެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް އޮތް އެންމެ ބޮޑު ސަޕޯޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓު ކަމަށާއި މިހާރުގެ ސަރުކާރަށް އޮތް އަނެއް ގޮންޖެހުމަކީ ރާއްޖޭގައި އިތުރުވަމުންދާ ހައްދުފަހަނައަޅައި ދިއުމުގެ ހަރަކާތް ކޮންޓްރޯލުކުރުން ކަމަށް ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ. އެ ނޫހުން ބުނެފައި ވަނީ ނިސްބަތުން ބަލާ އިރު ރާއްޖޭގެ ގިނަ ބަޔަކު ސީރިޔާ އާއި އިރާގު ހަނގުރާމާގައި ބައިވެރިވަމުންދާ ކަމަށެވެ.

އާ ސަރުކާރާ އެކު އިންޑިއާ އިން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ކުރީ ސަރުކާރުން އަނބުރާ ފޮނުވާލަން ނިންމާފައިވާ ދެ ހެލިކޮޕްޓަރުގެ މައްސަލަ ހައްލުކޮށް ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންގެ ވިސާގެ ކަންތައް ހައްލު ކުރުމަށް ކަމަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ސަރުކާރާއެކު އޮތް ގުޅުން ބަދަހިކުރަން ކަމަށް ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވީ އިންޑިއާ އިން ދިން ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާ ނުލާނެ ކަމަށެވެ. ރާއްޖެ- އިންޑިއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި އިންޑިއާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް