ތިގޭގެ ކިތައް ތަށިބަރި ނުލިބި އެހެން މީހުންގެ އަތުގައި އެބަހުރި؟

ގޭގައި ހުންނަ ތަށިބަރި އަނބުރާ ނުލިބުމުގެ ޝަކުވާ ކުރަން ބޭނުންވިޔަސް ގިނަ މީހުން އެކަން ކުރަން ޖެހިލުންވޭ--ފޮޓޯ/ބިގް ބާސްކެޓް

ރަޙްމަތްތެރިއެއް ނުވަތަ އާއިލާގެ މީހަކަށް ހަދިޔާއަކަށް ކާ އެއްޗެއް އެޅުމަށްފަހު ދޭ ތަށިބަރި އަނބުރާ ނުލިބުމުގެ ޝަކުވާއަކީ އާއްމުކޮށް އިވޭ ޝަކުވާއެކެވެ.

އާއްމުކޮށް ގޭގައި ބޮޑު ކެއުމެއް ނުވަތަ ހަފްލާއެއް އޮވެއްޖެނަމަ އެދުވަހު ތައްޔާރުކުރި ކެއުމުގެ ބައެއް އާއިލާގެ މެމްބަރުންނާ އަދި ރަޙްމަތްތެރިންނަށް ދީގެން ކެއުމަކީ އަޅުގަނޑުމެންގެ ތެރޭ އޮންނަ ވަރަށް ރިވެތި އާދައެކެވެ. އޭގެ ސަބަބުން ދޭދޭ ގުޅުން ބަދަހިވުމަށް ވެސް މަގުފަހިވެއެވެ.

އެހެން މީހުންނަށް ފޮނުވާ ކެއުންތައް ބަންދުކުރުމަށް ބައެއް މީހުން ޕާރުސަލް ތަށި ބޭނުންކުރި ނަމަވެސް އަދިވެސް ގޭގައި ރައްކާކޮށްފައި ހުންނަ ތަށިބަރި ނުވަތަ އެ ކަމަށް ޚާއްސަ ކޮންޓެއިނަރު ތަށިތައް ބޭނުންކުރާ މީހުން ވެސް މަދެއް ނޫނެވެ. އެފަދަ މީހުންގެ އޮންނަ ހަމައެކަނި ޝަކުވާ އަކީ ކެއުންތައް ބަންދުކުރުމަށް ބޭނުންކުރާ ތަށި އަނބުރާ އައުން ލަސްވުމެވެ.

ބައެއް މީހުން ވަރަށް ލޯބިން ގެންގުޅޭ މިފަދަ އަގުބޮޑު ތަށިތައް ދެ ތިން މަސް ވާއިރު ވެސް އަނބުރާ ގެއަށް ނުގެނައުމުން އެފަދަ ފަރާތްތަކަށް ފަހުން މީރު ކާއެއްޗެހި ލިބުމުގެ ނަސީބުލައްވާ ނުލާ ފަހަރު ވެސް އާދެއެވެ.

ޕްލާސްޓިކް ތަށި ނުވަތަ ކޮންޓެއިނާ ތަކަކީ މިއަދުވެސް ބަދިގޭގެ އެންމެ މުހިއްމު އެއް ސާމާނު--ފޮޓޯ/އައިސްޓޮކް

"ތީ ވަރަށް ގިނައިން ދިމާވާ މައްސަލައެއް. މިހާރު ވެސް ބެސްޓް ފްރެންޑް އަތުގަ ވެއްޖެ ދެ ތިން ބިއްލޫރި ކޮންޓެއިނަ. އަދި ހަމަ ލިބޭ ގޮތެއް ނުވޭ. ދެން އެ ހޯދަން އާދޭހެއް ނުކުރެވޭނެތާ. ބައެއް ފަހަރު މަންމަ ގެންގުޅޭ ކޮންޓެއިނަ އެގޮތަށް ފޮނުވާލައިގެން ވަރަށް މައްސަލަ ބޮޑުވާ ފަހަރު ވެސް އާދޭ،"

މިއީ މިއަދު ދިމާވި ރަހްމަތްތެރިއަކު ހިއްސާކުރި ތަޖުރިބާއެވެ.

ތެދެކެވެ. ގޭގައި ތައްޔާރުކުރި މީރު ކެއުމުގެ ރަހަ އެހެން މީހުންނަށް ދައްކަން ހަދައިގެން މަންމަ ގެންގުޅޭ ރީތި ޗާލު ތަށިބަރި ގެއިން ބޭރުކޮށް އެ އަނބުރާ ނައުމަކީ ހަމަ ވަރަށް މައްސަލަ ގޯސްވެދާނެ ކަމެކެވެ. ޚާއްސަކޮށް ބަދިގެ ތެރޭ ރީތިކޮށް ތަރުތީބުކޮށް ގެންގުޅޭ މަންމައިންނަށް މިއީ ހަށިގަނޑުން ބައެއް މަދުވުން ކަހަލަ ކަމަކަށް ވާތީއެވެ.

ބައެއް މީހުން ބުނާގޮތުން އެގޮތަށް ލިބޭ ތަށިބަރި އަނބުރާ ނުފޮނުވި ލަސްވަނީ ހުސް ތަށިބަރިއެއއަނބުރާ ފޮނުވުމަށް ޖެހިލުންވާތީއެވެ. މިއީވެސް އަޅުގަޑުމެންގެތެރޭ އޮންނަ ވަރަށް ރިވެތި އާދައެކެވެ.

އެހެންކަމުން ތި ގެއިން އެހެން ގެއަކަށް ތަށިބަރިއެއް ނުވަތަ ކާ އެއްޗެއް ފޮނުވައިފިނަމަ ފޮނުވި ތަށި ނުލިބިގެން މާޔޫސްވުމަށްވުރެ ބޮޑަށް އެއާއެކު ފޮނުވި ކާއެއްޗަށް ވުރެ މީރު ކެއުމެއް ލިބޭނެކަމަށް އުއްމީދުކުރާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު