ފީފާގެ އެހީގައި 18 ރަށެއްގައި ވިނަދަނޑު އަޅައިދެނީ

މިގަލޮޅު ދަނޑު--- ސަން ފައިލް ފޮޓޯ

ފީފާއިން ކުރިއަށް ގެންދާ ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން ވިނަދަނޑު އެޅުމަށް ހަމަޖެހިފައިވާ 18 ރަށެއްގެ ނަން އެފްއޭއެމުން އިއުލާނުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަނޑު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިންތައް ކަނޑައެޅި، ހުއްދަ ލިބުމާއެކު މަސައްކަތް ފަށާނޭކަމަށެވެ.

"ދަނޑުތައް އަޅަން ރަށްތައް ހޮވާފައި ވަނީ، 2017 އަދި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ޓީމުތަކަށް ބަލާފައި. މީގެ އިތުރުން ދެރަށެއް ހިމަނާފައިވާނެ، ފުޓްބޯޅައިގެ މުސްތަގުބަލަށް ބަލާފައި އެރަށްތަކުން އެދިގެން،" ކޮންމެ އަހަރަކުވެސް ވިނަ ދަނޑުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނޭކަން ހާމަކުރަމުން ބައްސާމް ވިދާޅުވިއެވެ.

ވިނަ ދަނޑުއަޅަން ހަމަޖައްސާފައިވާ ރަށްތައް:

 • ހއ. މުރައިދޫ
 • ހއ. ދިއްދޫ
 • ހދ. ކުޅުދުށްފުށި
 • ށ. މިލަންދޫ
 • ށ. ފޯކައިދޫ
 • ރ. އަލިފުށި
 • ބ. އޭދަފުށި
 • ބ. ފެހެންދޫ
 • އއ. މާޅޮސް
 • އދ. ފެންފުށި
 • ދ. ކުޑަހުވަދޫ
 • ފ. ނިލަންދޫ
 • ގދ. ތިނަދޫ
 • ގދ. ހޯޑެއްދޫ
 • ތ. ތިމަރަފުށި
 • ޏ. ފުވައްމުލައް
 • ސ. ފޭދޫ
 • ސ. ހިތަދޫ

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަޒާވް، ސަންއަށް ވިދާޅުވީ، ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން މިހާރު އިއުލާނުކުރެވިފައިވާ 18 ރަށަކީ، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ، އަދި އެ މުބާރާތުގެ ކާމިޔާބީއަށް ބަލައިގެން އިޚްތިޔާރުކުރެވިފައިވާ ރަށްތައް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ، މީގެ ކުރިން މިކަން އިއުލާނުކޮށްފައި. އެއީ މިނިވަން ޗެމްޕިއަންޝިޕްގެ ކާމިޔާބީ ހޯދާ ރަށްތަކަށް ފުޓްބޯޅަ އިންފްރާސްޓްރަކްޗަރތައް ގާއިމުކޮށްދިނުން. 2016، 2017ގައި އަޅުގަނޑުމެން ވާނީ، ޗެމްޕިއަން ޓީމުތައް ނިސްބަތްވާ ރަށްތަކަށް ޗޭންޖިންގ ރޫމް ހަދާދީފައި،" ޖަވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް، ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެފްއޭއެމުން ތަފާތު މަޝްރޫއުތައް ހިންގާނޭ ކަމަށާއި އަދި އިތުރު ރަށްތަކުގައި ވިނަ ދަނޑުއެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނޭ ކަމަށެވެ.

comment ކޮމެންޓް