ހާލަންޑުގެ ހަތަރު ލަނޑާ އެކު ސިޓީ ޖޯޝުގައި

ހާލަންޑްވަނީ މެޗުގައި ސިޓީއަށް ހަތަރު ލަނޑު ޖަހައިދީފައި -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ވުލްވަހެމްޕްޓަން ވޮންޑަރާސް ބަލިކޮށް، ސިޓީން ތައްޓާ ގާތަށް ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-1 އިންނެވެ.

މެޗުގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ އެ ޓީމުގެ ހުނަރުވެރި ފޯވަޑް އާލިން ހާލަންޑެވެ. މެޗުގައި ހާލަންޑްވަނީ އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ.

ވުލްވްސްއިން ފަށާފައިވަނީ ވަރަށް ޑިފެންސަށް އިސްކަން ދީގެން ކަމުން ސިޓީއަށް ވުލްވްސްގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެގެންދިޔައެވެ. ނަމަވެސް މި ގޮތުގައި ވުލްވްސްއަށް ހިފެހެއްޓޭވަރުވީ މެޗުގެ 12 ވަނަ މިނެޓާ ހަމައަށެވެ.

ސިޓީއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރެވުނު ފައުލަކާ ގުޅިގެން ސިޓީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. މި ޕެނަލްޓީ ވައްދާލައި ސިޓީއަށް ލީޑު ނަގައިދިނީ ހާލަންޑެވެ. މި ލަނޑާ އެކު ވެސް ސިޓީން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައި މެޗުގެ 35 ވަނަ މިނެޓުގައި ހާލަންޑްގެ ދެވަނަ ލަނޑާ އެކު ސިޓީން އެ ޓީމުގެ ލީޑު ފުޅާކުރުމެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ދެވަނަ ޕެނަލްޓީއާ އެކު ހާލަންޑް ވަނީ މެޗުގައި އޭނާގެ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އޭނާ ކާމިޔާބު ކުރި ނުވަވަނަ ހެޓްރިކެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވުލްވްސްއިން ވަނީ ކުރިއަށް އަރައި ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ވުލްވްސްއިން އުފެއްދި ހަމަލާއެއްގައި ސިޓީގެ ކީޕާ އެޑަސަންއަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކުރެވުމުގެ ފައިދާ ނަގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުވާން ހީ ޗޭންއެވެ.

ނަމަވެސް މި ލަނޑު ޖެހިތާ މިނެޓެއް ވެސް ހަމަނުވަނީސް ހާލަންޑު ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ޕްރިމިއާ ލީގުގެ މެޗެއްގައި ހާލަންޑް ހަތަރު ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން އެހެން ދެ މުބާރާތެއްގައި އޭނާ ވަނީ ސިޓީއަށް ފަސް ލަނޑު ދެ މެޗެއްގައި ކާމިޔާބުކޮށްފައެވެ.

މެޗުގައި ސިޓީގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ހާލަންޑްގެ ބަދަލުގައި ކުޅެން އެރި ހޫލިއަން އަލްވަރޭޒްއެވެ. މިއީ އޭނާ ސިޓީއަށް ކުޅުނު 100 ވަނަ މެޗެވެ.

މި ކާމިޔާބީއާ އެކު ސިޓީއަށް މިހާރު ވަނީ ކުޅުނު 35 މެޗުން 82 ޕޮއިންޓް ލިބި ލީގަށް ކުރާ ވާދައިގައި އާސެނަލްގެ ފަހަތުން ދެވަނައިގައި ވިއްދާފައެވެ. އާސެނަލް މިހާރު އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 83 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ.

އެހެންކަމުން ސިޓީން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީޑު ކާމިޔާބުކުރަން ބޭނުންނަމަ އެ ޓީމަށް ޖެހޭނީ ބާކީ އޮތް ތިން މެޗު ވެސް ކާމިޔާބު ކުރާށެވެ. މި މެޗުން ބަލިވުމުން ވުލްވްސް އުޅެނީ 46 ޕޮއިންޓާ އެކު ތާވަލްގެ 11 ވަނައިގައެވެ.

comment ކޮމެންޓް