"ރާޅު ގުޑި ޓުއާ"ގެ މެއިން އިވެންޓް ފޯރިއާއެކު ކުރިއަށްދަނީ

ރާޅު ގުޑި ޓުއާގެ ވިލިމާލެއިން މާފުށްޓަށް ކުރާ ދަތުރަށް ކައިޓްތައް ތައްޔާރުކޮށްފައި -- ސަން ފޮޓޯ/ އަލީ ރިފްޝާން

މިދިޔަ ހުކުރު ދުވަހު އެކަށީގެންވާ ވަރަށް ވައި ނުޖެހޭތީ ފަހުން ބޭއްވުމަށް ފަސްކުރި "ރާޅު ގުޑި" ކައިޓް ބޯޑިން ޓުއާގެ މެއިން އިވެންޓް މިއަދު ފޯރިއާއެކު ކުރިއަށްދާ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ.

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުން "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދީފައިވަނީ މިއަދު އެކަށީގެންވާ ވަރަށް ވައި ޖެހޭ ކަމަށާއި، ވިލިމާލޭން ކ. މާފުއްޓަށް ކައިޓް ސާފިންގައި ދާން ހުރިހާ ބައިވެރިންވެސް ތިބީ ކެތް މަދުވެފައި ކަމަށެވެ.

ރާޅު ގުޑި ޓުއާގެ ވިލިމާލެއިން މާފުށްޓަށް ކުރާ ދަތުރަށް ކައިޓްތައް ތައްޔާރުކޮށްފައި --- ސަން ފޮޓޯ/ އަލީ ރިފްޝާން

މިއަދުގެ އިވެންޓް ވިލިމާލެއިން މިހާރު ފަށާފައިވާއިރު، ޖުމްލަ 48 ބައިވެރިން މިއަދުގެ ޓުއާގައި ބައިވެރިވާނެއެވެ. އެ ބައިވެރިން މާފުއްޓަށް ދާނީ ހަ ބައިވެރިން ހިމެނޭ އަށް ޓީމުގެ ގޮތުގައެވެ. މިހާރު ކުރިއަށްދާ ޓުއާގައި ރާއްޖެއިން ބޭރުގެ އެއް ބޭފުޅަކާއި ރާއްޖޭގެ ވަރަށް އުމުރުން ހަގު އެތްލީޓުންވެސް ބައިވެރިވާނެއެވެ.

މިއަދުގެ ހަރަކާތުގައިވެސް ބ. ގޮއިދޫގެ ހަސަން މާހިރު (ހަންޓޭ)އާއެކު އެރަށުގެ ނުވަ އެތުލީޓަކު ބައިވެރިވާނެއެވެ.

ރާޅު ގުޑި ޓުއާގެ ވިލިމާލެއިން މާފުށްޓަށް ކުރާ ދަތުރަށް ބައިވެރިން އެންމެފަހުގެ ތައްޔާރީތައްވަނީ --- ސަން ފޮޓޯ/ އަލީ ރިފްޝާން

އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވަނީ ޓުއާ ކުރިއަށްދާނީ ރޭހެއްގެ ގޮތުގައި ނޫން ކަމަށާއި، އިވެންޓްގެ މުހިއްމު ކަމަކީ މާފުއްޓާ ހަމައަށް ގޮސް ނިންމާލުން ކަމަށެވެ. އަދި މާފުއްޓަށް ކައިޓް ސާފިންގައި ދިއުމަށް އެންމެ ގިނަވެގެން ނަގާނީ އެއް ގަޑިއިރާ 30 މިނެޓް ކަމަށްވެސް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ. ވިލިމާލެއާއި މާލޭގެ ދުރުމިނަކީ ގާތް ގަނޑަކަށް 25 ކިލޯ މީޓަރެވެ.

"ރާޅު ގުޑި" އިވެންޓްގެ މަގުސަދަކީ ރާއްޖެ އިޝްތިހާރު ކުރުމުގެެ އިތުރުން ރާއްޖޭގައި ކައިޓްސާފިން އިތުރަށް ޕްރޮމޯޓު ކުރުމެވެ.

ކައިޓް ބޯޑިންގައި ވިލިމާލެއިން މާފުށްޓަށް ކުރާ ދަތުރު މިދިޔަ ހުކުރު ދުވަހު ނުބޭއްވުނު ނަމަވެސް، އެ ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވެއެވެ. ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކަށްފަހުއެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

މިއަހަރުގެ "ރާޅު ގުޑި" ޓުއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް