ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެހީދޭން އާ ފްރޭމްވޯކެއް އެކުލަވާލައިފި

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެހީދޭން އެކުލަވާލި އާ ފްރޭމްވާކުގައި ސޮއިކުރަނީ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެހީދޭން ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިން 2018-2020 އަށް އާ ފްރޭމްވޯކެއް އެކުލަވާލައި، އެ ފްރޭމްވޯކްގެ އެއްބަސްވުމުގައި ރާއްޖެއާއެކު ސޮއިކޮށްފިއެވެ.

މި ޖެނުއަރީމަހުގެ 11 ވަނަ ދުވަހު ސޮއިކުރެވުނު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި އެފްއޭއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނީނާ ބާންޑްސްޓްހަޕްއެވެ.

އާ ފްރޭމްވޯކުގެ ދަށުން ރާއްޖޭގައި ކާނާގެ ޔަގީންކަން ހޯދައިދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ، ދަނޑުވެރިކަމާއި މަސްވެރިކަން އަދި އެކުއަކަލްޗާގެ ދާއިރާ ފުޅާކުރެވޭނެކަމަށް އެފްއޭއޯގެ މަންދޫބު ނީނާ ވިދާޅުވިއެވެ.

އަދި އެ ފްރޭމްވޯކުގެ ދަށުން ދަނޑުވެރިކަމާއި މަސްވެރިކަމުން ދިވެހިންނަށް، ހާއްސަކޮށް ރަށްފުށުގައި ދިރިއުޅޭ މީހުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެހީ ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ނީނާ ވިދާޅުވިއެވެ.

އާ ފްރޭމްވާކުގައި ވަނީ ތިން ކަމެއް ބަޔާންކޮށްފައެވެ. އެއީ ކާނާ އުފެއްދުން ފުޅާކުރުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް ވެލިއު އެޑް ކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މަސްވެރިކަމާއި ދަނޑުވެރިކަމަށް އަންނަ ބަދަލުތައް ދެނެގަތުމެވެ.

މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުމަށް އެހީތެރިވުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގު ތަފާސް ހިސާބު ރަނގަޅުކޮށް މިދާއިރާއިން ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ރަނގަޅު ތަފާސް ހިސާބު އެއްކުރުން ވެސް އާ ފްރޭމްވާކުގައި ހިމެނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އާ ފްރޭމްވޯކު އެކުލަވައިލައިފައިވަނީ ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކަމަށް ވާތީ، އެކަމުގައި ސަރުކާރުން އެ ޖަމިއްޔާއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް