ކަތިވަޅިއަކުން މީހަކަށް ހަމަލާދިން މައްސަލައެއް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފި

ކުރިމިނަލް ކޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކަތިވަޅިއަކުން މީހަކަށް ހަމަލާދިން ކަމުގެ ދައުލަތުން މީހެއްގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަލޭ ދަފްތަރު 1841 އިބްރާހިމް ރަޝްވާންގެ މައްޗަށް ދައުލަތުން ކުރި ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސި 6:05 އެހައިކަންހާއިރު މ. އޮމެގާ، އަހުމަދު މުހައްމަދުގެ ބޮލުގައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލި ކަމަށް ތުހުމަތުކޮށެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ އަލިމަސް ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދެކުނުން އުތުރަށް އަހުމަދު މުހައްމަދު ދުއްވާފައި ދަނިކޮށް، އިތުރު ބަޔަކާއެކު ގޮސް ރިޝްވާން އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވައި ކަތިވަޅިއަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވާ ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ރަޝްވާން، އަހުމަދު މުހައްމަދުގެ ބޯ ފަޅާލިކަން ސާބިތުވާވަރުގެ ހެކި ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.

އެހެންކަމުން ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލު އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށްޓަކައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ހެކި ލިބިފައިނުވާތީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ކަމަށް އެ ހުކުމްގައިވެއެވެ.

comment ކޮމެންޓް