ފުޓުބޯޅައަށް ލޯބިކުރާ އެންމެންވެސް ރޮނާލްޑީނިއޯއަށް ލޯބިކުރާނެ!

ރޮނާލްޑީނިއޯ ބްރެޒިލްގެ ގައުމީ ޖާޒީގައި --- ފޮޓޯ/ގެޓީ

ފުޓުބޯޅައަށް ލޯބިކުރާ މީހެއްނަމަ ރޮނާލްޑީނިއޯއަށް ލޯބިކުރާނެ ކަމަށް ފުޓުބޯޅަ ލެޖެންޑް ޕެލޭ ބުނެފިއެވެ.

ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ ޕްރޮފެޝަނަލް ފުޓުބޯޅައަށް މިއަދު އަލްވަދާއު ކިޔާފައިވާއިރު، ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ އެންމެން އަންނަނީ އެކި ގޮތްގޮތުން ޝުއޫރުތައް ފާޅުކުރަމުންނެވެ. ރޮނާލްޑީނިއޯ ފާހަގަކޮށްލެވުނީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައަށް ގިނަ ބައެއްގެ ލޯބިހޯދައިދީ ރީތި ކޮށްޓުންތަކާއެކު ރީތި ކުޅެމެއް ކުޅެދިން ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޮނާލްޑީނިއޯ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުން އެކަމާ ގުޅިގެން ޕެލޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޭނާ ދިނީ ކުރު ވަދާއީ މެޖެކެވެ.

"ރޮނާލްޑީނިއޯއަކީ އެންމެންގެ މޫނުތަކަށްވެސް ހިނިތުންވުން ގެނެސްދިން ކުޅުންތެރިޔާ. ފުޓުބޯޅައަށް ލޯބިކޮށް ރޮނާލްޑީނިއޯއަށް ނަފުރަތުކުރުމަކީ ނުވާނެ ކަމެއް. ދެއްކި ޖާދުލަށް ޝުކުރިއްޔާ. ޓެކުލްތަކުން ނައްޓަމުން ދަނޑު މަތީގައި ދިޔަ އުސޫލުން ދިރިއުޅުމުގައިވެސް ކުރިއަށްދާނެ ކަމަށް އުންމީދުކުރަން" ޕެލޭގެ މެސެޖުގައި ވަނީ މިހެނެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑީނިއޯ ރަސްމީކޮށް ކުޅުން ހުއްޓާލިކަން އޭނާގެ ފަރާތުން އިއުލާންކުރީ އޭނާގެ ބޭބެ އަދި އެޖެންޓް ރޮބާޓޯ އަސިސްއެވެ.

ރޮނާލްޑީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 97 މެޗު ކުޅެ، 33 ލަނޑު ކާމިޔާބުކޮށްފައެވެ. ޖަޕާން އަދި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް، ބްރެޒިލަށް ކާމިޔާބުކޮށްދިނުމަށް ރޮނާލްޑީނިއޯ ވަނީ އިސްދައުރެއް އަދާކޮށްފައިވެއެވެ. ރޮނާލްޑީނިއޯގެ މޮޅު ކުޅުމާއެކު އޭނާ ވަނީ 2005 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ. ބާސާގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަށްފަހު އޭސީ މިލާނުގައި ރޮނާލްޑީނިއޯ ތިން އަހަރު ހޭދަކުރިއެވެ. އޭނާ ވަނީ މިލާންއާއެކު ޕައުލޯ މަލްޑިނީ، ކަކާ އަދި ޑޭވިޑް ބެކަމް ފަދަ ތަރިންނާއެކު ކުޅެފައެވެ.

comment ކޮމެންޓް