ދިވެހި ޅެންވެރިކަން ފުންވެފައި އޮތީ ކިހާ ފުނަކަށް؟

އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން --- ސަން ފޮޓޯ/ފަޔާޒު މޫސާ

މައުޟޫގައި އެވަނީ، މިއަދުގެ ޒުވާންޖީލަށް މުހިންމު ސުވާލެކެވެ. އަންނާން އޮތް ޖީލަށްވެސް އެހާމެ މުހިންމު ސުވާލެކެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މި ސުވާލުގެ އަހުމިއްޔަތުކަން ބޮޑީ، ދިވެހި އަދަބިއްޔާތުގެ ރޮނގުން ދިރާސާކުރާ އަދި ކުރިމަގުގައި އެމަސައްކަތައިގެން ތެދުވާނެ ދަރީންނަށެވެ.

ނ.ލަންދޫން ފެނިފައިވާ ހިރިގަލެއްގައި ލިޔެފައިވާ ލިޔުމަކީ، އޭ.ޑީން 8 ވަނަ ޤަރުނުގެ ލިޔުމެއްކަން އެނގުމުން، ދިވެހިރާއްޖޭގައި އިހުގައިވެސް އުޅުނު މީހުންނަކީ، ލިޔެއުޅުނު ބައެއްކަމާއި، އަދަބިއްޔާތެއްގެ އަހުލުވެރި ބައެއްކަން އެނގެއެވެ. ހަމަ އެހެންމެ ފެންނާންހުރި ލޯމާފާނުތަކުން ފެންނަ އެވޭލާ އަކުރަކީ 12 ވަނަ ޤަރުނުގައި ދިވެހީން ލިޔެއުޅުނު އަކުރެއްކަން ކަށަވަރު ވުމުން، ދިވެހީންނަކީ އަމިއްލަ ވަންތަ އަކުރުތަކެއް އުފައްދައި އެއް އަކުރުން އަނެއް އަކުރަށް ބަދަލުވެ، އަމިއްލަ ބަހަކާ، އެބަހުގެ އަދަބިއްޔާތަކައިގެން، ތަހުޒީބުވަމުން ބައެއްކަމާމެދަކު، ޝައްކެއް ނެތެވެ.

މަތީގައިއެވާ ދެ ޕެރެގްރާފަށް މިގެތޭ، ތިން ވަނަ ޕެރެގްރާފުގައި މި ބަލާލެވެނީ އަވަށްޓެރި ސްރީލަންކާގެ ރަސްމީ ބަސް ސިންހަޅަ ބަހުގެ ޅެންވެރިކަން، ފެންނާން އޮތީ ކިހާ ދުރަކުން ފެށިގެންތޯ އުފައްދާ ސުވާލަކުންނެވެ. ސިންހަޅަ ބަހާބެހޭ ދިރާސާއިން ފެންނާން އޮތް ސާފު ޙަޤީގަތަކީ، އެއީވެސް، ދިވެހިބަސް ފަދައިން، އިންޑޯ އާރިއާންގެ ޢާއިލާގެ ގޮތްޕެއް ކަމެވެ. އަދި ސިންހަޅަ އަކުރަކީވެސް، ދިވެހި އަކުރު ފަދައިން، ބްރަހަމީ ޢާއިލާގެތެރެއިން އުފަންވި އަކުރެއްކަމެވެ.

ސްރީލަންކާއިން ފެނިފައިވި، ޤަދީމީ ޒަމާނުގެ ލިޔުމެއް ފެންނާން އޮތް ގަލެއްގައި ލިޔެވިފައި އޮތްވާ ފެނުނު ސިންހަޅަ ލަވައެއްގެ އަކުރުތަކުން ދައްކާ ގޮތުންނަމަ، އެއީވެސް 9 ވަނަ ގަރުނުގެ ލިޔުމެއްކަން އެނގޭން އޮވެއެވެ. ހަމަ އެހެންމެ އެމީހުންގެ އަދަބިއްޔާތުން ޅެންވެރިކަން ފެންނާން އޮތީ 12 ވަނަ ޤަރުނުގައިކަން އެނގޭން އޮންނަކަމަށް ވެއެވެ.

ވިދާޅުވަމުން ތިޔަ ގެންދަވަނީ މުޅީންވެސް ހެކިތަކެކެވެ. ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާގައި އަކުރަކާ ބަހެއް، އޭގެ އަމިއްލަ ވަންތަ ކަމުގައި މިއަދު ފެންނާން އެބަ އޮތެވެ. އެހެން ނަމަވެސް ތިމާގެ ކަމެއް އޮވެގެން އުފަންވެގެން އައީ، އިންޑޯއާރިއާންގެ ޢާއިލާ އާއި ގުޅުން އޮވެ، ބްރަހަމީ އަލްފަބެޓުގެ ތެރެއިން އައު ރޫފައަކާ، ސޫރައަކާ، އައު ފުރާނައެއް ލިބިގެންނެވެ.

ދިވެހި އަދަބިއްޔާތުގައި އެންމެ ދޮށީ އެއް ގޮތްޕަކީ، ޅެންވެރިކަމޭ، އަޅުގަނޑުމެން އެބަ ބުނަމެވެ. އެކަމަށް ހެކިދައްކަވަމުން މުޙަންމަދު ޖަމީލް ދީދީއާއި ބޮޑުފެންވަޅުގޭ ސީދީ ފަދަ، އަދީބުންގެ ލިޔުއްވުން ތަކުންވެސް، މިވާހަކަތައް މި މޭރުމުން ދައްކަވާފައި ވެއެވެ. ނަމަވެސް އެބޭފުޅުންވެސް ، މިހެން ލިޔުއްވަމުން ވިދާޅުވާ އެހެން ވާހަކައެއް އޮވެއެވެ. އެއީ ޅެންވެރިކަން ރާއްޖޭގައި ފެށުނީ ކިހާތާކު ކަމެއް، ކޮން ދުވަސްވަރެއްގައި ކަމެއް، މިހާތަނަށް ހޯދިފައި ނެތްކަމެވެ. އެހެން ނަމަވެސް ދިވެހި ޅެންވެރިކަމުގައި އެންމެ ދޮށީ މެންބަރަކީ "ބަނދި" ކަމަށް އެބޭފުޅުންނަށްވެސް ޤަބޫލު ކުރެއްވެއެވެ.

ބަންޖަކީ، ދިވެހި ޅެންވެރި ކަމުގައި އެންމެ ދޮށީ މީހާކަމަށް، ޤަބޫލުކުރެވޭ ފަދައިން، ބަނދީގައި ގެންގުޅޭ ވަޒަނަކީ، އެހެން ބައެއްގެ ތެރޭގައި އޮތް ވަޒަނެއް ކަމަށްވެސް ، ޤަބޫލުކުރަން އެބަ ޖެހެއެވެ. 12 ފިލީގެ ވަޒަނަކަށް ބަނދީގެ ވަޒަން ފެންނާން އޮތްފަދައިން، މިބާވަތުގެ ސިންހަޅަ މުސްކުޅި ލަވައިގެ ވަޒަނަކީވެސް 12 ފިއްޔެވެ.

ކުޑަކުދީންނަށް ކިޔައިދެމުން އައިސްފައިވާ 12 ފިލީގެ ވަޒަނަށް އޮންނަ ޤަދީމީ ޒަމާނުގެ މުސްކުޅި ސިންހަޅަ ލަވައެއް އަޅުގަނޑު މިތާ ނަކަލު ކޮށްލަމެވެ، މިސާލެއް ދެއްކުމުގެ ގޮތުންނެވެ.

" ޓިކިރި ޓިކިރި – ޓިކިރިލިޔާ ، ކަލެޓް ނަރަން- މިދަނޓަ ވިޔާ" މިއީ ސިންހަޅަ ލަވައެއްގެ ކަޑިއެއްގެ ބައެކެވެ. އަޅުގަނޑުމެންގެ ޅެންވެރިކަމުގެ އެންމެ ދުވަސްވީ ގޮތްޕަކީ ބަނދި ކަމަށް ބަލާއިރު، މިލިޔާ ބަނދީގެ ވަޒަނަށާއި ފިއްޔަށް ފިކުރު ހިންގަވާލެއްވުން މުހިންމެވެ. " ތެލަކަ ތެލަކަ- ތެލަ މުންޖޯ، ބިސްކޮށިކޭ ނަލަ މުންޖޯ".

ފުރަތަމަ ދެންނެވި ސިންހަޅަ ލަވައާއި، ދިވެހި ބަނދީން ފެންނާން އެ އޮތީ، ދިވެހި ލަވައިގެ އެންމެ އިހުގެ ވައްތަރުގެ ވަޒަނަކީ ސިންހަޅަ ލަވައިގެ 12 ފިލީގެ ވަޒަން ކަމެވެ. މިއީ ސިންހަޅަ ބަހުގެ ސާފު ޅެންވެރިކަމެއް، 12 ވަނަ ޤަރުނުން ފެންނާން އޮތްކަން ސާބިތުވާހިނދު، އަޅުގަނޑުމެންނަށް އަދި މިހާތަނަށް ހޯދިފައި ނެތް ނަމަވެސް، އަޅުގަނޑުމެންގެ އަދަބިއްޔާތުގެ ޅެންވެރިކަމުގައި ފޮރުވިފައި އޮތް ދިގު މާޒީއެއް އޮންނާނެކަމަށް، ފިކުރު ހިންގަން ޖާގަ ލިބޭ ކަމެކެވެ. ދެން އޮތީ ދިރާސާ ކޮށްގެން ފުނަށް ފީނުމެވެ.

ދިވެހި ޅެންވެރިކަމުގެ މާޒީ ހޯދިފައި ނެތްނަމަވެސް، ބަންޖަކީ އޭގެ އެންމެ ދޮށީބައި ކަމާއި، 2ވަނައީ "ކާ" ކަމާއި، 3ވަނައީ ރައިވަރު ކަމާއި، 4 ވަނައީ ޅެންކަމާއި،5 ވަނައީ ފަރިހި ކަމާއި 6ވަނައީ ލަވަކަން، އެނގޭން އެބަ އޮތެވެ. އަދި މިއިން ކޮންމެ އެއްޗަކީ، ފިލީގެ ވަޒަންތަކެއް އޮތް އަދި އެކި ޒަމާންތަކުގައި ވިދަވިދާ އޮތް، ޅެންވެރިކަމުގެ ބައިތަކެއް ކަންވެސް އެނގޭން އެބަ އޮތެވެ.

އެމީހުންގެ މާޒީގެ ވާހަކަތައް ކިޔައިދޭން ހަދާފައި އޮންނަ ޅެންތަކުގެ ތެރެއިން، ޢަރަބީންގެ ތެރޭގައި އޮތް އެންހާސް ބައިތުގެ ދިގު ޅެންތަކާއި އެނޫންވެސް އެފަދަ ދިގު ޅެންތައް އޮތް އުސޫލުން، ދިވެހި ޅެންވެރިކަމުގައިވެސް "އަރި އަތޮޅު އަރުމާދު" ފަދަ ދިގު ޅެންތައް ވެއެވެ.

މިސާލަކަށް ދަންނަވާނަމަ، ބޮޑުތަކުރުފާނު ވާހަކައަކީވެސް ބުރާރުބޭ ޅެން ބަހުރުވައިން ކިޔައިދެމުންދިޔަ ވާހަކަ އެކެވެ. " ދޮންހިޔަލައާއި އަލިފުޅު" މިއީވެސް އެފަދަ ވާހަކަ އެކެވެ. "ދިޔޯގެ ރައިވަރު" ފަދަ ކިތަންމެ މަޝްހޫރު ޅެންތަކާ، ރައިވަރު ތަކެއް، ރާއްޖޭގައިވެސް އެހާމެ ދިގުކޮށް ހަދާފައި ހުރެއެވެ.

ދިވެހި އަދަބިއްޔާތުގެ ރޮނގުން ފެންނާން އޮތް ޅެންވެރިކަމުގެ ބަގީޗާއަކީ، ކޮން ދުވަސްވ ަރަކުއްސުރެން އޮތް ބަގީޗާއެއްކަން ބުނެދޭން ނޭގުނެއް ކަމަކު، އެ ބަގީޗާގައި ލައްކަ މައު ތައް ފަރިވެ ފޮޅުނުކަމާއި، އޭގެ ހުވަނދުން އަދަބިއްޔާތު ކަޅިވި ކަން ޔަޤީނެވެ. ހަމަ މިއަދުވެސް އެ ބަގީޗާ ދެމި އޮތްކަމާއި، މިއަދު ހެނދުނުވެސް އެ ބަގީޗާގައި އައު މައުތައް ފޮޅެމުން ދިޔަކަން ޔަޤީނެވެ.

މިއަދު އަޅުގަނޑުމެންގެ މަސައްކަތަކަށް ވެފައި މިއޮތީ، އަދަބީ ތަރިކަ ޙިމާޔަތް ކުރުމާއެކު، އިތުރު ހޯދުންތަކަށް ޝައުޤާ އަދި ޖާގަ ހޯދުމެވެ. ދިވެހި ޅެންވެރިކަމުގެ މާޒީއެއް، އޭގެ އެންމެ ދުރުން ފެންނާން އޮތް ހިސާބަކީ ކޮބައިތޯ އާއި، އޭގެ ފޭރާމާއި ހެކިތަކަކީ ކޮބައިކަން ދެނެގަތުމަށެވެ.

comment ކޮމެންޓް