ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތެއް އެނގޭނީ ޕީޕީއެމް އަށް، އެމްއޯޔޫ އަކަށް ނޫން: ނިހާން

އަހުމަދު ނިހާން ހުސައިން މަނިކު --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ބޭފުޅަކު ކަނޑައަޅައި ޓިކެޓް ދޭނީ ޕީޕީއެމް އިން ކަމަށާއި އެކަން އެނގޭނީ މޯލްޑިވްސް ޔުނިއިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަކަށް ނޫން ކަމަށް އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭނެ މީހެއް އެނގޭނީ ޕީޕީއެމް އަށް ކަމަށާއި އެމްޔޫއޯ އަކަށްނޫން ކަމަށެވެ.

އިދިކޮޅުން ނެރޭނެ ކެންޑިޑޭޓެއް ނެތުމުން އޮމާންޓިނުގައި ކަނޑައި ނަގާފައި ކެންޑިޑޭޓެއް ދެއްކުމަށް ގޮވާލައި ނިހާން ވަނީ އިދިކޮޅު ކޯލިޝަނަށް ހަޖޫ ޖައްސަވާފައެވެ.

ނިހާން މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދިނުމަށް އެޕާޓީ އިން ނިންމާފައިވާތީ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިނުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ކަމެއް ކަމަށެވެ.

އަމީތު ވިދާޅުވީ "ވަކި ފެކްޝަނަކުން ހިންގި ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ޕާޓީ ހިންގުމަށް" ގޮވާލާ ކަމަށެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމަކީ ޑިމޮކްރަސީ އާ ބީރައްޓެހި ގޮތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިހާރު ވަނީ ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ. އެ ކޮމެޓީން ވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ. ނަމަވެސް އަދި ހުރިހާ ލީޑަރތުންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ދެއްކިފައެއްނުވެއެވެ.

comment ކޮމެންޓް