އެމެރިކާ ސަރުކާރުގެ މުވައްޒަފުން ވާވޭ އަދި ޒީޓީއީ ފޯނު ބޭނުންކުރުން މަނާކުރަނީ

އެމެރިކާ ސަރުކާރުގެ މުވައްޒަފުން، ޗައިނާގެ ވާވޭ އަދި ޒީޓީއީ ބްރޭންޑުގެ ފޯނު ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

އެ ބިލު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވަނީ ޓެކްސަސްގެ މަންދޫބު މައިކް ކޮނޮވޭއެވެ. އެ ބިލު ހުށަހަޅާފައިވަނީ އެމެރިކާ ސަރުކާރުގެ މުވާސަލާތީ ކަންތައް ހިމާޔަތް ކުރުމުގެ ބިލު ނުވަތަ "ޑިފެންޑިން ޔޫއެެސް ގަވަމެންޓް ކޮމިއުނިކޭޝަން އެކްޓް"ގެ ނަމުގައެވެ.

އެ ބިލު ފާސްވެއްޖެ ނަމަ އެމެރިކާގެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް އަދި ސަރުކާރު މުވައްޒަފަކަށް ވާވޭ އަދި ޒީޓީއީ ކުންފުނީގެ ކޮމިއުނިކޭޝަން އުފެއްދުމެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އެ ދެކުންފުނީގެ ހިދުމަތެއްވެސް ބޭނުމެއް ނުކުރެވޭނެއެވެ.

އެފަދަ ގާނޫނެއް ފާސްކުރަނީ އެމެރިކާގެ ގައުމީ ސަލާމަށް ނުރައްކާވެދާނެ ކަމަށް ބަލާފައިކަމަށް ކޮނޮވޭ ބުނެފައިވެއެވެ. އެގޮތުން ޗައިނާއިން އެ ދެކުންފުނީގެ އުފެއްދުންތައް ބޭނުންކޮށްގެން އެމެރިކާގައި ޖާސޫސްކޮށްފާނެ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އަދި އެ ދެކުންފުންޏަކީ ޗައިނާގެ ދެ ކުންފުންޏަށް ވުމުން އެގައުމުގެ އިގްތިސާދަށް ދޭ ހަމަލާއެއްގެ ގޮތުގައިވެސް މި އަމަލު ވަނީ ސިފަކޮށްފައެވެ.

މީގެ ކުރިންވެސް އެމެރިކާ ސަރުކާރުން ވަނީ ވާވޭ ކުންފުންޏާ ދެކޮޅަށް އެކި ކަހަލަ "ފިޔަވަޅުތައް" އަޅައިފައެވެ.

comment ކޮމެންޓް