ބާސެލޯނާގެ ޒުވާން ވިންގާ އޮސްމާނޭ ޑެމްބެލޭއަށް އަނިއްކާވެސް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.
ހޫނު މޫސުމުގެ ޓްރާންސްފާގައި ރެކޯޑު އަގަކަށް ބާސާއަށް ބަދަލުވި ޑެމްބެލޭގެ ފަލަމަސް ގަނޑަށް ސެޕްޓެމްބަރު މަހު ލިބުނު އަނިޔާއިން ސަލާމަތްވެ އޭނާ އަދި ކުޅުނީ ހަތަރު މެޗެވެ. ބާސެލޯނާއި ލަލީގާގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ޑެމްބެލޭއަށް އަނިޔާވެފައިވާކަން އެނގުނީ ރޭގެ މެޗަށްފަހުގައެވެ.
ޑެމްބެލޭގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާކަން ބާސެލޯނާއިން ޔަގީންކޮށްދީފައިވާއިރު، ކްލަބުން ހާމަކޮށްފައިވަނީ ތިން ހަފްތާ ނޫނީ ހަތަރު ހަފްތާގެ މުއްދަތަކަށް ޑެމްބަލޭ އަނެއްކާވެސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
ނޭމާ ނެތްތަން ފޫބައްދަން ޑޯޓްމަންޑުން 105 މިލިއަން ޔޫރޯ އަށް ބާސާ އަށް ގަނައި ޑެމްބެލޭ ބާސާ ޖާޒީގައި އަދި ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. ބާސާއަށް ބަދަލުވެ ރަނގަޅު ފޯމަކަށް ނޭޅިގެން އުޅެނިކޮށް ސެޕްޓެމްބަރު މަހުގައި އަނިޔާވި ޑެމްބޭލޭ ހަތަރު މަހު ނުކުޅެ ހުރުމަށްފަހު، ކުޅުންފެށިތާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި އަނެއްކާވެސް މިވަނީ އަނިޔާވެފައެވެ.
ފްރާންސްގެ ގައުމީ ޓީމުގައިވެސް ހިމެނެމުން އައި ޑެމްބެލޭއަށް އަނިޔާގެ ސަބަބުން މިއަހަރު އޮންނަ ވޯލްޑް ކަޕުގައި ފްރާންސް ސުކޮޑުން ޖާގަ ގެއްލިދާނެ ކަމުގެ ބިރުވެސް މިހާރުވަނީ ހީވެފައެވެ. އުމުރުން 20 އަހަރުގެ ޑެމްބެލޭއަށް ވޯލްޑް ކަޕު ޖާގަ ގެއްލުން ވެގެންދާނީ ކެރިއަރުގައި ލިބޭ ވަރަށް ބޮޑު ގެއްލުމަކަށެވެ.