މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބު އީގަލްސްގެ ކޯޗިން ސްޓާފުންގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން އެ ކްލަބުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަހްމަދު ޝާކިރު (ޝާކިއްޓޭ) ނުފެންނާނެކަން އޭނާ އިއުލާންކޮށްފިއެވެ.
އީގަލްސްގެ ކޯޗިން ސްޓާފެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ޝާކިއްޓޭ މަސައްކަތްކުރިއެވެ. އީގަލްސްގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގެ އިތުރުން އެ ކްލަބުގެ ޔޫތު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް ޝާކިއްޓޭ މަސައްކަތްކުރިއެވެ.
މިއަހަރުގެ ސީޒަނުގައި އީގަލްސްއިން ޝާކިއްޓޭ ނުފެންނާނެކަން އިއުލާންކުރުމަށް މީސް މީޑިއާ މެދުވެރިކޮށް ޝާކިއްޓޭ ދިން މެސެޖުގައި ބުނީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ އުމުރުން 15 އަހަރުން ފެށިގެން ކުޅުނު ކްލަބުގެ ތައްޔާރީތަކާއި ކުޅުން ބެލުމަށް އިނުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
"މިއަހަރު ކްލަބު އީގަލްސްއިން ބްރޭކެއް ނެގުމަށް ނިންމިކަން އެކުވެރިންނާއި ހުރިހާ އެންމެންނަށް އަންގާލަން. ކްލަބުގެ ވަރުގަދަ ތާރީހުގައި ދައުރެއް އަދާކުރެވުމުން ވަރަށް އުފާކުރަން. އާ ޓާގެޓުތަކެއް ހާސިލުކުރުމަށް ކްލަބުން ތައްޔާރުވަމުންދާ އިރު، އެ މަންޒަރުތައް ބަލަން އިނުމަކީ ހިތާމައަކަށްވާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ތަފާތުތަކެއް ގެންނަންވެއްޖެ ކަމަށް. އަޅުގަނޑު އަދި އީގަލްސްއަށް އެނބުރި އަންނާނަން،" އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު އީގަލްސްގެ ކޯޗު ޝާކިއްޓޭ(ވ)އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ
ޝާކިއްޓޭ ބުނީ ކްލަބު އީގަލްސްއަކީ އޭނާ މީހަކަށް ހަދައިދިން ކްލަބު ކަމަށާއި މިއަހަރު ފެނިގެންދާނީ އެފްއޭއެމްގެ ޔޫތު ކޯޗެއްގެ ގޮތުގައި ޔޫތު ޓީމުތައް ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ޝާކިއްޓޭ ވަނީ އީގަލްސްގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ އިތުރުން އެ ކްލަބުގެ ކުރީގެ ކޯޗު އިހުސާން އަބްދުލްޤަނީ (ސާންތި)އަށް ޝުކުރު އަދާކޮށްފައެވެ.
"އަޅުގަނޑަށް ކޯޗު ސާންތި ފަހިކޮށްދިން ފުރުސަތަށްޓަކައި އޭނާއަށް އަޅުގަނޑު ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑަށް ސާންތި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ، ގިނަ ކަންތައްތަކެއް ދަސްކޮށްދިން. އީގަލްސްގެ އާ ކޯޗު މޯހަންއަށް މަރުހަބާ ކިޔަން،" އޭނާ ބުންޏެވެ.
ޝާކިއްޓޭ ވަނީ އީގަލްސްގެ ޒުވާން ޓީމު ގޮވައިގެން މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށް، އެ ކްލަބަށް އެ މުބާރާތުގެ ތަށި ދިފާއުކޮށްދީފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް ޝާކިއްޓޭއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އީގަލްސްގެ ހެޑް ކޯޗެއްގެ ގޮތުގައި ފެނިގެންދިޔައީ މުހައްމަދު ޝިޔާޒް (މޯހަން)އެވެ. މޯހަންއަކީ ދ. ކުޑަހުވަދުއަށް މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗެވެ.