ސަންޗޭޒްއާ ނުލައި ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/އެޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އާސެނަލްއިން ގަދަ ހަތަރަކަށް ކުރަމުންދިޔަ އުންމީދުތަކަށް ހުރަސްއެޅިއްޖެއެވެ.

ރޭގެ މެޗުގައި އެންމެ ފާހަގަވެގެންދިޔައީ އާސެނަލްގެ ތަރި އެލެކްސިސް ސަންޗޭޒް އެޓީމުގެ ސްކޮޑުގައި ހިމެނިފައި ނެތުމެވެ. މެންޗެސްޓާ ސިޓީއާއި ޔުނައިޓެޑުންވެސް ސަންޗޭޒް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، ރޭގެ މެޗުގައި ސަންޗޭޒް ނުފެނުމަކީ އޭނާގެ އާސެނަލް ކެރިއަރުގެ ނިމުން ކަމަށް މީޑިއާއިން ބުނެއެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުންވެސް އާސެނަލް އެއްވަރުވެފައިވާ އިރު، ރޭގެ މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. ސަންޗޭޒް އަދި މެސުޓް އޮޒިލްވެސް ނުލައި މެޗަށް ނުކުތް އާސެނަލްގެ މެތުދެރެއިން ކުރިއަށް ބޯޅަ ސަޕްލައިކޮށްދިންތަން ފެނުނީ މަދުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ބޯންމައުތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެޕީ

ފުރަތަމަ ހާފު 0-0 ގެ ނަތީޖާއަކުން ނިމިގެންދިޔަ ނަމަވެސް، މެޗުގެ ދެވަނަ ހާފު ފެށިގެން ހަތް މިނެޓް ފަހުން އާސެނަލްއިން ވަނީ ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ހެކްޓާ ބެލަރިންއެވެ.

އާސެނަލްގެ ގޯލަށްފަހު ބޯންމައުތުން ކުޅުން ރަނގަޅު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ކަލުމް ވިލްސަންގެ ގޯލުން އެ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ޖޯޑަން އައިބްގެ ގޯލާއެކު ބޯންމައުތުން ފަހަތުން އަރައި ލީޑު ނެގިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާއި ބޯންމައުތު ބައްދަލުކުރި މެޗުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި އާސެނަލްގެ މިޑްފީލްޑަރު މެސިޓް އޮޒިލް ފެނިފައިނުވަނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކަމަށްވާ އިރު، ސަންޗޭޒް ހުރީ އަނިޔާގައެއް ނޫނެވެ.

މެޗުން ބަލިވެ އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. ކުޅުނު 23 މެޗުން 39 ޕޮއިންޓާއެކު ހަވަނައިގައި އާސެނަލް އޮތް އިރު، ފަސްވަނައިގައި އޮތް ވާދަވެރި ޓޮޓެންހަމްއަށް 23 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.

comment ކޮމެންޓް