އަތޮޅުތެރޭ ގާއިމްކުރި ފުރަތަމަ ސްމާޓް ސުކޫލު ހަވާލުކުރިތާ ފަސް ދުވަސް، ސީލިން ވެއްޓިއްޖެ

މިލަންދޫ ސްކޫލުގެ އާ އިމާރާތުގެ ސީލިން އިން ބައެއް ވެއްޓިފައި--- ފޮޓޯ: މިލަންދޫ ކައުންސިލް

އަތޮޅުތެރޭ ގާއިމް ކުރި އެންމެ ފުރަތަމަ ސްމާޓް ސްކޫލު ގާއިމްކޮށްފައިވަނީ ށ މިލަންދޫގައެވެ. އެ ސްކޫލަކީ ޖާގައިގެ ގޮތުން އަތޮޅު ތެރޭގައި މިހާތަނަށް އިމާރަތް ކުރި އެންމެ ތަނަވަސް ސްކޫލުވެސްމެއެވެ.

ސްކޫލުގެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީ އާ ހަވާލުކުރީ މީގެ ފަސްދުވަސް ކުރިންނެވެ. އެސްޖޭ ކޮންސްޓްރެކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތް ކުރި އެ ސްކޫލުގައި މާދަމާ ކިޔަވައިދޭން ތައްޔާރުވެފައި ވަނިކޮށް ސްކޫލުގެ ސީލިންގުން ބައެއް އިއްޔެ ވަނީ ވެއްޓިފައެވެ.

މިލަންދޫ ސްކޫލުގެ އާ އިމާރާތުގެ ސީލިން އިން ބައެއް ވެއްޓިފައި--- ފޮޓޯ: މިލަންދޫ ކައުންސިލް

"ސަން" އާ ވާހަކަ ދައްކަވަމުން މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ސީލިން ވެއްޓިފައިވަނީ ކޮމްޕިއުޓާ ލެބާ ދިމާލުން ކަމަށެވެ.

"އިމާރާތުގައި ބޭނުން ނުކުރެވޭނެ. އެހާބޮޑަށް ވެއްޓިފައި އޮތީ. މާދަމާ ކިޔަވައިދެވޭނީ މިރެއާ އެކީ މަރާމާތުގެ މަސައްކަތް ކޮށްގެން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށެވެ. އެގޮތުން ސްލައިޑް ދޮރުތަކުން އެތެރެއަށް ފެން ނުވަންނަ ގޮތަށް ދޮރުގެ ކައިރި ފަށުގައި ހަރުކުރާ ޕެކިން ފަދަ ތަކެތިވެސް ހަރު ކޮށްފައި ނެތް ކަމަށާއި ކުދިން ކިޔަވާ ތަނަކާ ބަލާފައި ހުންނަންޖެހޭ ފެންވަރު އެތަނުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

މިލަންދޫ ސްކޫލުގެ އާ އިމާރާތުގެ ސީލިން އިން ބައެއް ވެއްޓިފައި---

"މަސައްކަތް ނިމުނުކަމަށް ބުނެ ޕޭމެންޓް ނަގަން ވެގެން ކައުންސިލުގެ ސޮއި ހޯދަން އައި. އަޅުގަނޑުމެން އެއާކު ސޮއެއް ނުކުރަން. ފެންވަރު ދަށްކަމަށް ބުނެ އެކަންތައް ރަނގަޅު ކުރަން ވެސް އަޅުގަނޑުމެން ވާނީ އަންގާފަ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ހަވާލު ނުވުމުން ސްކޫލާ ހަވާލުވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން ކަމަށެވެ.

މިލަންދޫ ސްކޫލުގެ އާ އިމާރާތުގެ ސީލިން އިން ބައެއް ވެއްޓިފައި---

މިލަންދޫ ގައި އިމާރާތްކޮށްފައިވާ ސްކޫލު އިމާރާތުގައި 30 ކްލާސްރޫމާއި ހާއްސަ އެހީއަށް ބޭނުންވާ ދެ ކްލާސްރޫމް އަދި ތިން ސައިންސް ލެބް ހިމެނެއެވެ. މީގެ އިތުރުން ކޮމްޕިއުޓާލެބަކާއި ލައިބްރަރީއެއްވެސް އެ އިމާރާތުގައި ހިމެނެއެވެ.

މިލަންދޫ ސްކޫލުގެ އާ އިމާރާތް. ސްކޫލުގައި ކިޔަވައިދެން ނުފައްޓަނީސް ސީލިން އިން ބައެއް ވަނީ ވެއްޓިފައި---

މިއީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ސްކޫލެކެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް "ސަން" އަށް ވިދާޅުވީ މިލަންދޫ ސްކޫލުގެ ސީލިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ. "ކަން ހިނގި ގޮތް ބަލާލުމަށްފަހު ވަކި އެއްޗެއް ދަންނަވާނަން،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން މަސައްކަތް ކުރިއަށް ގެންދާއިރު ބޭރުގެ ކޮންސަލްޓެންޓުން އެ މަސައްކަތް ކުރިއަށްދާ ގޮތް މޮނީޓާ ކުރާ ކަމަށެވެ.

"ވަކިއެއްޗެއް ދަންނަވަން އެނގޭނީ އެ މީހުންނާ ވާހަކަ ދައްކާލުމަށްފަހު،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

ށ. މިލަންދޫގައި ހެދި އައު ސްކޫލު އިމާރާތް--ފޮޓޯ/އެސްޖޭ ކޮންސްޓްރަކްޝަން

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މިލަންދޫ ސްކޫލުގެ އިމާރާތުގެ މަސައްކަތް ކުރި އެސްޖޭ ކޮންސްޓްރަކްޝަނުން ބުނީ ކައުންސިލުން ތުހުމަތު ކުރަނީ ސިޔާސީ ގޮތުން ޒާތީ ވެގެން ކަމަށެވެ.

ނަމަވެސް ސީލިންގުން ބައެއް ވެއްޓުނު ކަމަށް އެ ކުންފުނިންވެސް ވަނީ އެއްބަސްވެފައެވެ. އަދި އެތަން މަރާމާތުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން މިގޮތަށް ބުނި ނަމަވެސް، އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް "ސަން" އަށް ވިދާޅުވީ މިލަންދޫ ސްކޫލުގައި މިހާރު ކުރިއަށް ދަނީ ސްކޫލުން އެދިގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން ކޮމްޕިއުޓާލެބްގައި އިތުރު ބޮކިތަކެއް ހަރުކޮށް އެސްޖޭ ކޮންސްޓްރަކްޝަންގެ ސީއެސްއާރު ގެ ދަށުން މަލްޓިމީޑިއާ ޕްރޮޖެކްޓަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިހާދު ވިދާޅުވީ ސްކޫލު އިމާރާތް ކުރުމަށް ބޭނުންކޮށްފައިވަނީ ފެންވަރުދަށް މެޓީރިއަލްސް ކަމަށް ކައުންސިލުގެ ނައިބު ރައީސް ތުހުމަތު ކުރި ނަމަވެސް އެ މެޓީރިއަލް ތަކަކީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން ބޭނުންކޮށްފައިވާ މެޓީރިއަލްސް ކަމަށެވެ.

"މަސައްކަތް ނިމި، އިމާރާތް އެޑިއުކޭޝަނާ ހަވާލުކޮށް، އެޑިއުކޭޝަން އިން ވަނީ އިމާރާތް ސްކޫލާ ހަވާލުކޮށްފައި. އަޅުގަނޑުމެން ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު އިތުރު މޮޑިފިކޭޝަންތަކެއް ނުގެނެވޭނެ. އެހެންވެސް މަސައްކަތް ނިމި ހަވާލު ކުރުމަށްފަހު ސީއެސްއާރުގެ މަސައްކަތް ކުރަނީ. މާދަމާ އަށް އެ މަސައްކަތްވެސް ނިންމާލެވޭނެ،" ޝިހާދު ވިދާޅުވިއެވެ.

comment ކޮމެންޓް