ބޮނބިނަރާއި ބޮނބިކުޑި ވަކިކޮށްދޭ މެޝިނެއް މެމްބަރު ނަޝީދު ހަދިޔާކޮށްފި

ކުޅުދުއްފުއްޓަށް މެންބަރު ނަޝީދު ހަދިޔާކުރެއްވި ބޮނބިނަރާ ބޮނބިކުޑި ވަކިކޮށް ރޯނު ވެށޭ މެޝިން --- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

ޒަމާނުއްސުރެ ކުޅުދުއްފުށީ ރައްޔިތުން ކުރަމުން އައި ރޯނު ވެށުމުގެ މަސައްކަތް އުވި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ބޮނބިނަރާއި ބޮނބިކުޑި ވަކިކޮށް ރޯނު ވެށޭނެ މެޝިނެއް ހަދިޔާކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން 'ސަން' އަށް މިއަދު ވިދާޅުވީ މެންބަރު ނަޝީދު އެ މެޝިން ހަދިޔާކޮށްފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށާއި ކައުންސިލުން އެ މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ މެޝިނުން ބޮނބިއެޅުމުން ކުނޑިއާއި ބޮނބިނަރު ވަކިކޮށްދޭނެ. ދެން ހަމަ ރޯނު ވަށަން ވީ،" ލަތީފް ވިދާޅުވިއެވެ.

މީގެކުރިން ކުޅުދުއްފުށީ ރައްޔިތުން ރޯނު ވަށަމުންދިޔައީ އެރަށުގެ ކުޅީގައި ބޮނބި ވަޅުލައި ބޮނބި ފާ ކޮށްގެންނެވެ. އެކަމަށް ގިނަ ދުވަސްތަކެއް ނަގާއިރު ކުޅީގައި ބޮނބި ފާ ކުރުމަކީ ތިމާވެއްޓަށް ނުރައްކާ ހުރި ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ލަތީފް ފާހަގަކުރެއްވީ ކުޅީގައި ބޮނބި ވަޅުލުމުން އެ ސަރަހައްދުގެ ފެން ފަށަލައަށް އަސަރުކޮށް ކިލަބުވަމުން ދިޔަ ކަމެވެ.

"މެށިން ބޭނުންކޮށްގެން ރޯނު ވަށަން ފެށުމުން ތިމާވެއްޓަށް ވެސް ފައިދާތަކެއް ވާނެ. އަނެއްކާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮނބިނަރުކޮޅު ވެސް ލިބިގެންދާނެ. ކުރަންޖެހޭ މަސައްކަތްތައް ވެސް އެތައްގުނަ އަކުން ފަސޭހެ ވެގެން ދާނެ،" ލަތީފް ވިދާޅުވިއެވެ.

އަށް ފޫޓް ހަ ފޫޓް ހުންނަވަރުގެ އެ މެޝިނުން މަސައްކަތް ފެށި ނަމަވެސް ޑިމާންޑް ލިބޭ ނަމަ އިތުރު މެޝިންތަކެއް ވެސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މެޝިނަށް ކަރަންޓް ބޭނުންކުރަންޖެހޭތީ ކޮންމެވެސް ވަރެއްގެ ފީއެއް ވެސް ނަގާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް