ހދ. އަތޮޅުގެ ތަރައްގީއަށް، ކައުންސިލްތަކުން ބޯޑެއް ހެދުން އެލްޖީއޭއިން ހުއްޓުވައިފި

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: ހދ. އަތޮޅުގެ ކައުންސިލްތަކުން ބޯޑު ހެދުން އެލްޖީއޭއިން ހުއްޓުވައިފައި -- ފޮޓޯ/ އެލްޖީއޭ

ހދ. އަތޮޅުގެ ހުރިހާ ކައުންސިލުތައް ގުޅިގެން އެ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ބޯޑެއް ހެދުން ހުއްޓާލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވަނީ، އެ އަތޮޅު ރަށްރަށުގެ ކައުންސިލް ރައީސުންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ހދ. އަތޮޅުގެ ތަރައްގީއާއި އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބޯޑެއް އުފައްދެމަށާއި އެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް ހެދުމަށް ވަނީ ނިންމާފައެވެ.

އެ ކަމަށް އިޝާރަތްކޮށް، އެލްޖީއޭއިން އާތިފަށް ފޮނުވި ސިޓީއެއްގައި ވަނީ، އަތޮޅު ކައުންސިލްތައް އުވާލުމުން މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއްކަން ލާމަރުކަޒީ ގާނޫނުން ސާފުވާ ކަމަށެވެ.

ހދ. އަތޮޅުގެ ކައުންސިލް ރައީސުންނާއި މޭޔަރު ބައްދަލުކުރެއްވުން --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

އެހެންވެ، ހދ. އަތޮޅުގެ ހުރިހާ ކައުންސިލުތައް އެކުވެގެން އަތޮޅުގެ ވަކި ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށް އެލްޖީއޭއިން ބުނެއެވެ. ވަކި ބޯޑެއް ހެދުމަކީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މަފުހޫމަށް ފުށުއަރާކަމެއް ކަމަށް ވެސް އެ އޮތޯރިޓީން ގަބޫލުކުރެއެވެ.

އެ މަސައްކަތް ހުއްޓާލަން އަންގައި، އެލްޖީއޭއިން ވަނީ އަތޮޅުގެ ބޯޑެއް އެކުލާލަން ނިންމާފައިވާ ނިންމުމަށް ވާސިލުވާން ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދިފައެވެ.

އެ ސިޓީއަށް ރައްދުދެއްވައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާތިފު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ހދ. އަތޮޅުގެ ކައުންސިލުތަކުން އުޅެނީ އެލްޖީއޭއިން ނުވަތަ އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތައް ދޭކަށް ނޫން ކަމަށެވެ.

މިގޮތުން، އެ ކައުންސިލުތަކުން އުޅެނީ ހދ. އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެ ކަންކަމުން ނަތީޖާއެއް ހޯދުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ. އެ ކަމުން ފައިދާ ވާނީ މުޅި ދިވެހި ގައުމާއި ރައްޔިތުންނަށްކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ކުޅުދުއްފުށީގެ މޭޔަރު އާތިފް: ވިދާޅުވީ، އެ ސަރަހައްދުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

"މިކަން ހުއްޓާލުމަށް އެލްޖީއޭއިން އަންގާއިރު އެލްޖީއޭއިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވާ މާކުސް ދޭގޮތަށް އެބައޮވޭ. މި ސިޓީގައި މި ދަންނަވަނީ އެ ބޭފުޅުންގެ އަމިއްލަ އުސޫލުތަކާ ވެސް ޚިލާފު ވާހަކަފުޅެއް،" އާތިފް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ''ދައްކާ ބިރަކަށް'' ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި ކުރާ މަސައްކަތެއް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް