ރޭ އަތުލައިގަތް ސޯމާލިއާގެ މަސްބޯޓު މާލެ ގެންނަނީ

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ރޭ އަތުލައިގަތް ސޯމާލިއާގެ މަސްބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ރޭ އަތުލައިގަތް "ޗޮޓްޕަޓައްނާ 55" މިހާރު އޮތީ ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ބޯޓު ދަތުރުކުރަމުން ދިޔައީ ސޯމާލިޔާއިން ތައިލެންޑަށް ކަމަށް ބޯޓުގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދިން ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެ ބޯޓު އަތުލައިގަތް އިރު އޭގައި ތައިލެންޑުގެ 10 ފަޅުވެރިން ތިބި ކަމަށާއި ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ބޯޓާ މެދު ކަންތައް ކުރިއަށް ގެންދަނީ ހަމަޖެހިފައިވާ އުސޫލުން ގަވައިދާ އެއްގޮތަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ސޯމާލިއާގެ މަސްބޯޓެއް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އަތުލައިގަނެފައިވާއިރު ހުސްވި އަހަރުގެ ޑިސެމްބަރު މަހު މި ސަރަހައްދަށް ކުރިމަތިވި ތޫފާން އޯޗީގައި ގެއްލުނު އިންޑިއާ އަދި ލަންކާގެ މަސްބޯޓުތައް ހޯދުމުގެ މަސައްކަތް އެ ގައުމުތަކާ ގުޅިގެން އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ދެ މަސް ބޯޓު މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ވެސް ވަނީ އަތުލައިގެންފައެވެ. އެ މަސްބޯޓުތައް އަތުލައިގެންފައި ވަނީ ވ. އަތޮޅުގެ އިރުންނެވެ.

comment ކޮމެންޓް