ފިކުރު ތަފާތުވިއަސް ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ގެންގުޅޭ ވިސްނުން އެއްގޮތް: ގާސިމް

އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެދުގައި ތަފާތު ފިކުރުތަކާއި ސިޔާސަތުތަކެއް ހުރި ނަމަވެސް ގައުމީ މަސްލަހަތު ހިމާޔާތްކުރުމަށް ގެންގުޅޭ ވިސްނުން ތަފާތު ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕާޓީތަކުން ގުޅިގެން ގާސިމްގެ އުފަންރަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މިވަގުތު ކުރަން އެންމެ އައުލާކަން ބޮޑުކަމަކީ ހުރިހާ ސިޔާސީ ފިކުރަކަށް ޖާގަ ލިބޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުން ކަމަށެވެ. އަދި އެކަމަށް ޓަކައި އެންމެންނަށް އެއްބަސްވެވޭ "ކޮމަން" ކެނޑިޑޭޓަކު ނެރެން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ޖުމްހޫރީ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކު މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ސާފު އަގުލަބިއްޔަތުން ކާމިޔާބު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނެރޭ ކެންޑިޑޭޓަކު ދިވެހި ރައްޔިތުންގެ 80 އިންސައްތައަށް ވުރެން ތަނަވަސް އަގުލަބިއްޔަތެއް ލިބިގެންދާނެ. އާދެ އަޅުގަނޑުމެންގެ ކެނޑިޑޭޓަކު ހޮވިގެން ދާނީ 80 ޕަސެންޓަށް ވުރެން މަތީ އަގުލަބިއްޔަތެއް ލިބިގެން،" ގާސިމް ވިދާޅުވި އެވެ.

ބޭސްފަރުވާ އަކަށް ޖަރުމަނުގައި ހުންނެވި ގާސިމާއި އިދިކޮޅު ބައެއް ލީޑަރުން ބައްދަލުކުރައްވަނީ --- ފައިލް ފޮޓޯ/ ޓްވިޓާ

ނަމަވެސް އެ ވަރުގެ އަގުލަބިއްޔަތެއް ނެރެވޭނީ ގުޅިފައިވާ ޕާޓީތަކުން އިހްލާސްތެރިކަމާ އެކު އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށް ވެސް ގާސިމް ފާހަގަކުރެއްވި އެވެ. ވަކިވެގަތުމުގެ ހިތި ނަތީޖާ އިދިކޮޅު ޕާޓީތަކުން ދެކި ރައްޔިތުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ގައުމީ މަސްލަހަތު ހިމާޔާތްކުރުމަށް އެއް މިސްރާބަކަށް ދަތުރުކުރަން ޖެހޭ ކަން ގާސިމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން އެކި ކަންކަމުގައި ގެންގުޅޭ ފިކުރުތަކާއި ސިޔާސަތުތައް ތަފާތުވިޔަސް އަޅުގަނޑުމެންގެ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގެ އަޅުގަނޑުމެންގެ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔާތްކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ ވިސްނުން ތަފާތެއް ނޫން. ވަރަށް އެއްގޮތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިތާބްގައި އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ޕާޓީތައް އޮތީ ބަދަހި ގުޅުމަކުން ގުޅި ސާބިތުކަމާ އެކު ކަމަށާއި އެ ގުޅުމަށް އެއްވެސް ފަރާތަކުން ބުރުލުމެއް ނޭރުވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަޒުމަކަށް އެއްވެސް ފަރާތަކުން ގުޑުމެއް ނޭރުވޭނެ،" މައުމޫން ވިދާޅުވި އެވެ.

comment ކޮމެންޓް