އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި

ރައީސް ޔާމީން މީގެކުރިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މޯދީއާ ބައްދަލުކުރައްވަނީ ----

ފަސޭހަފުޅު ވަގުތެއްގައި ރާއްޖެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ނިންމަވައިފި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވިކަން އިންޑިއާ ސަރުކާރުން މިއަދު އިއުލާން ކުރީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ބޮޑުވަޒީރު މޯދީ މިއަދު ދިއްލީގައި ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގަ އެވެ.

އިންޑިއާ ސަރުކާރުން ބުނީ އިންޑިއާގެ ބޮޑުވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ އަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ވަކި ތާރީހެއް ނުނިންމަވަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ވެސް ބޮޑު ވަޒީރު މޯދީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވަން ނިންމެވި އެވެ. ނަމަވެސް އޭޝިޔާގެ ގިނަ ގައުމުތަކަށް މޯދީ ފެއްޓެވި ދަތުރުފުޅުގެ އެޖެންޑާގައި ރާއްޖެ އޮތުމަށް ފަހު، މޯދީ ރާއްޖެ އަކަށް ވަޑައެއް ނުގެންނެވި އެވެ. އިންޑިއާގެ ނޫސްތަކުގައި އޭރު ބުނީ މޯދީ އޭރު ރާއްޖެ ވަޑައިނުގަތީ ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އޮތްގޮތުން ކަމަށެވެ.

comment ކޮމެންޓް