މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ރާޅު ގުޑި" ކައިޓް ބޯޑިން ޓުއާގައި ބައިވެރިވުމަށް މަޝްހޫރު ކައިޓް ސާފާ ހަސަން މާހިރު (ހަންޓޭ) އާއެކު ބ. ގޮއިދޫގެ ނުވަ އެތުލީޓަކު މާލެ އަތުވެއްޖެއެވެ.
ބ. ގޮއިދޫ ވޯޓާ ސްޕޯޓްސްއަކީ ވޯޓާ ސްޕޯޓްސްގެ ގިނަ ކުޅިވަރުތަކަކަށް އެތުލީޓުން އުފައްދަމުން އަންނަ ޖަމިއްޔާއެކެވެ. ގޮއިދޫ ވޯޓާ ސްޕޯޓްސްގެ ތެރެއިން އެންމެ ބޮޑަށް ވިދާލި އެތުލީޓަކީ އުމުރުން އެންމެ 14 އަހަރުގެ ހަންޓޭއެވެ.
ހަންޓޭ ވަނީ އޭނާގެ ހުނަރުން ރާއްޖެ ސިއްސުވާލައި ކައިޓް ސާފިންގައި ބައިނަލްއަގުވާމީ ލެވެލްގައިވެސް ރާއްޖެ ހެއްވާލައިފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ޖުލައިމަހު ލަންކާގެ ކޮލްޕިޓިއާގައި ކުރިއަށްދިޔަ "ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭ ވަނީ ދުނިޔޭގެ ކައިޓް ސާފިންގެ ބޮޑެތި ނަންތައް ހައިރާންކޮށްލައިފައެވެ.
ހަންޓޭގެ އިތުރުންވެސް 'ރާޅު ގުޑި" ޓުއާގައި ގޮއިދޫގެ އުމުރުން 12 އަހަރުގެ ހަތަރު އެތުލީޓަކު ބައިވެރިވާނޭ ކަމަށް ގޮއިދޫ ވޯޓާ ސްޕޯޓްސް އިން ބުނެއެވެ. އަދި ހަންޓޭއާއެކު “ރެޑްބުލް ހީރޯ ޓުއަރ”ގައި ބައިވެރިވި ހަސަން ނިޒާމާއި މުހައްމަދު ޝުޖާއުވެސް "ރާޅު ގުޑި" ޓުއާގައި ސާފްކުރާނެއެވެ.
މާދަމާ ހެނދުނު ވިލިމާލެއިން ފެށުމަށް ހަމަޖެހިފައިވާ ރާޅު ގުޑި ޓުއާގައި ގާތްގަނޑަކަށް 50 އެތުލީޓުން ކައިޓް ސާފިންގައި ކ. މާފުށްޓަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. ރާޅު ގުޑި ކައިޓް ބޯޑިން ޓުއާ، ރާވާ ހިންގުމުގައި ހަރަކާތްތެރިވާ މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސްއާއި ސްލޯޓޭޕް ޕްރޮޑަކްޝަންއިން ބުނެފައިވަނީ އިވެންޓްގެ މަގުސަދަކީ ރާއްޖެ އިޝްތިހާރު ކުރުމުގެެ އިތުރުން ރާއްޖޭގައި ކައިޓްސާފިން އިތުރަށް ޕްރޮމޯޓް ކުރުން ކަމަށެވެ.
ވިލިމާލެއާއި މާލޭގެ ދުރުމިނަކީ ގާތްގަނޑަކަށް 25 ކިލޯ މީޓަރުގެ ދުރުމިނެކެވެ. ދޮޅު ގަޑިއިރެއްހާއިރު ތެރޭ ކައިޓްސާފިންގައި މާފުށްޓަށް ދެވޭނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފައިވާ އިރު، މާދަމާ ހެނދުނު 9:00 އިން ފެށިގެން އިވެންޓުގައި ބައިވެރިވާ އެތުލީޓުންނަށް ވިލިމާލެއިން ރަޖިސްޓާ ކުރެވޭނެއެވެ.
މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސްއިން 2016 ވަނަ އަހަރުވެސް ކައިޓް ސާފިންގައި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަދި އެއް އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި، ޔޫރީ ޒޫންއާއެކު ވަނީ ރާޅު ގުޑިގެ އިވެންޓެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ އިވެންޓަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.