އައިޔޫއެމްއިން ހުޅުމާލޭގައި ވަގުފު އިމާރާތް އެޅުމަށް އެޗްޑީސީއާ އެކު ސޮއިކޮށްފި

އައިޔޫއެމްގެ ވަގުފު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ/ ޑރ. މުހައްމަދު ޝަހީމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން އާމްދަނީ ހޯދުމުގެ ގޮތުން ހުޅުމާލޭގައި ވަގުފު އިމާރާތެއް އެޅުމަށް ނިންމައި، އެ އިމާރާތް އެޅުމުގެ މަޝްރޫއުގައި މިއަދު ސޮއިކޮށްފިއެވެ.

މި އިމާރާތް އެޅުމަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާ އެކު މިއަދު ސޮއިކުރީ، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައިމަނެވެ.

"ސަނާބިލް"ގެ ނަމުގައި އަޅާ މި އިމާރާތާ ގުޅޭގޮތުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް "ސަން"އަށް ވިދާޅުވީ، މި އިމާރާތް އަޅަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން، އިސްލާމިކް ޔުނިވާސިޓީން ގަނެފައިވާ ބިމެއްގައި ކަމަށެވެ.

"އެއީ އަޅުގަނޑުމެން އައިޔޫއެމްގެ ފަންޑުން ޚަރަދުކޮށްގެން ހަ މިލިޔަން ރުފިޔާއަށް ގަނެފައިވާ 4،000 އަކަފޫޓުގެ ބިމެއް. އެ ބިން ލިބުނީ ޚާއްސަ ޑިސްކައުންޓަކާ އެކު. އެކަން މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބުނުކަން ފާހަގަކޮށްލަން ބޭނުން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އައިޔޫއެމްގެ ޗާންސެލަރ ވިދާޅުވީ، "ސަނާބިލް" އިމާރާތަކީ އިސްލާމިކް އާކިޓެކްޗަރ އެކުލެވޭ ގޮތަށް ހެދޭ، ހަތް ބުރީގެ މަލްޓިޕާޕަސް އިމާރާތެއް ކަމަށެވެ. އެ އިމާރާތުގައި 300 މީހުންގެ ހޯލަކާއި، ކްލާސްރޫމްތަކާއި ފުޑްކޯޓެއްގެ އިތުރުން ކުއްޔަށް ދޫކުރާ އޮފީސް ސްޕޭސް ހުންނާނެ ކަމަށެވެ.

"މިތަން ޕްލޭންކުރެވިފައި ވަނީ ވަރަށް ބޮޑަށް އާމްދަނީ ހޯދޭނެ ގޮތްތަކަށް ބަލާފައި،" ޝަހީމް ވިދާޅުވިއެވެ.

"ސަނާބިލް" ވަގުފު އިމާރާތުގެ ޑިޒައިންގެ ކަންކަންވެސް ނިމިފައިވާ އިރު، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ފެށުމަށް އުންމީދުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި އިމާރާތް ނިންމާލާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދަކީ އައިޔޫއެމްގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސް ކަމަށެވެ. އަދި ވަގުފު އިމާރާތް އަޅަން ރައީސުލްޖުމްހޫރިއްޔާ ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް