އެމަނިކުފާނަށް ބަޔަކު ދޭންއުޅޭ ނުރައްކާތެރި ހަމަލާގެ ތަފްސީލު ދިނުމަށް އެދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެމްޑީއެފްއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެމްއެންޑީއެފުން މައުމޫނު ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން މިއަދު ފަށާފައި ވަނީ އެމަނިކުފާނަށް ނުރައްކާތެރި ހަމަލާއެއް ބަޔަކު ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް ހެއްކެއް އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށެވެ.
އަދި ނުރައްކާތެރި ހަމަލާގެ ތަފްސީލު ދެއްވުމަށް އެމްއެންޑީއެފްގައި ސިޓީއަކުން އެދިފައިވާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. އެމައުލޫމާތު އެނގިފައި އޮތުމަކީ އަމިއްލަ ސަލާމަތަށް ވިސްނައިގެން އުޅުމަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަރުގަދަ ކޮށްފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ މިދިޔަ މާޗު މަހު ދަށް ވެސް ކުރި އެވެ.
އެގޮތުން ރާއްޖޭން ބޭރަށް ރައީސް މައުމޫނު ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީ ނުދޭން އެމްއެންއެންޑީއެފުން އޭރު ނިންމި އެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ މައުމޫނަށް ބިރުދެއްކުމުގެގޮތުން ކުރާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވަނީ އެކަން ހުއްޓާލުމަށް އެމްއެންޑީއެފަށް ގޮވާލައްވާފައެވެ.