ރައީސް އަބްދުﷲ ޔާމީނަށް ތައީދު ކުރުމާއި ނުކުރުމާ ބެހޭ ގޮތުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާ ދެމެދު ހޫނު ޒުވާބެއް ކޮށްފި އެވެ.
ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ ގިނަ ދައުވާއެއް ކުރިއަސް ރައީސް ޔާމީނަށް ތާއީދު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީންގެ "އަނިޔާވެރި ކަމާއި ކޮރަޕްޝަނާ" ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރާނެ ކަމަށާއި 2018ގެ ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
Corruption aai vahkkamuge Vaahaka Dhakkan Nukume ulhey Baeh Siyaasee leader in meege kurin Bodethi Magaamu thakugai thibe Hingaafaivaa Corruption Jareemaa thah balaa Fiyavalhu alhan eba jehey.
— Ahmed Nihan (@ahmed_nihan) January 8, 2018
ރިޔާޒުގެ އެ ޓުވީޓަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ "ރިޔާޒަކީ އެއް އިރަކު ވެސް ރައީސް ޔާމީނަށް ތާއީދު ކުރި މީހެއް ނޫން" ކަމަށެވެ.
އެހެން ނިހާން ވިދާޅުވުމުން އެ ޒުވާބު އިތުރަށް ހޫނުވި އެވެ. ރިޔާޒު ނިހާނަށް ރައްދު ދެއްވައި ވިދާޅުވީ ވެރިކަން ބަދަލުވާއިރަށް ކޮޅު ބަދަލު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި ކަމަށެވެ. އެއީ ރައީސް ޔާމީނަށް ކިހާވަރަކަށް ތާއީދު ކުރައްވާތީތޯ ރިޔާޒު ސުވާލު އުފެއްދެވި އެވެ.
ރިޔާޒު އެހެން ވިދާޅުވުމުން ނިހާން ވަނީ ރައީސް ޔާމީނުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ފެއްޓެވި އަހަރާއި ތަފްސީލް ޓުވީޓް ކުރައްވައިފަ އެވެ. އަދި ވިދާޅުވީ 2012 އިން ފެށިގެން މިހުރީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ.
"ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ޕީޕީއެމްގެ އެންމެ އިސް ހަތަރު މީހުންގެ ތެރޭގައި، ހިތްދަތި ވީތޯ" ނިހާން ވިދާޅުވި އެވެ.
ރިޔާޒު ވަނީ ނިހާނާ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެއީ ނިހާން އެ މަގާމުގައި ބަހައްޓާފައި ހުރީ ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ އެވެ؟. ނިހާނާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެއްޗެއް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު އަބްދުﷲ ކައިރީ އެއްސެވުމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"އެކަމާ އަބްދުﷲ ރިޔާޒު ކަންބޮޑުވާކަށް ނުޖެހޭނެ ދޯ. މަށަށް ރައީސް ޔާމީން އިތުބާރު ކުރިޔަސް ނުކުރިޔަސް ރިޔާޒާއި ލަތީފަށް ކީއް" ނިހާން ވިދާޅުވި އެވެ.
މި ދައުރަކު ރިޔާޒަށް މެޖޯރިޓީ ލީޑަރު ކަމުގެ މަގާމެއް ނުލިބޭނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.